"މި ވާހަކަ އިހުސާން ދެން ދައްކަވަން ވާނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު،"
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތުހުމަތު ކުރައްވާ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދެއްކެވި ވާހަކަތައް ދޮގު ކުރައްވާ އެ ތުހުމަތުތައް ބެއްލެވުމަށް ކަމާބެހޭ އިދާރާތަކަށް ފައްޔާޒު ހުށައަޅުއްވައިފިި އެވެ.
ގިނަ ރަށްތަކެއް ގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރަން ކުރީގެ ސަރުކާރުން 3.6 މިލިއަން ޑޮލަރަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ކުންފުނިން ބިގް ކުންފުނީގެ ހިއްސާ ގަނެފައިވާ ކަމަށާ އެ ކުންފުނިމް ގ. މޫނިމާގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު އިހްސާން ވަނީ ވިދާޅުވެފަ އެވެ.
އިހުސާން މިހެން ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަަކަ ދައްކަވަމުންނެވެ. ބިގް ކުންފުންޏަކީ ފައްޔާޒުގެ ކުންފުންޏެކެވެ.
މި މައްސަލާގައި މީގެ ކުރީން ވެސް އެކި ފަހަރު މަތީން މިނިސްޓަރު އިހުސާން ވަނީ ފައްޔާޒަށް ތުހުމަތުވާ ގޮތަށް ވާހަަކަ ދައްކަވާފަ އެވެ.
ފައްޔާޒު ވިދާޅުވީ މިނިސްޓަރު އިހުސާން ވަނީ "ކުރީ ސަރުކާރުން" ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި ކަަމަށެވެ.
"އަޅުގަނޑުގެ ފަރާތުން މިކަމުގައި ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިއްޖެ،"
އަދި ވިދާޅުވީ ތަހުގީގީ އިދާރާތަކުގެ ބެލެނިވެރި ވަޒީރަކަށް އިހުސާން ހުންނަވާތާ އަހަރެއް ވެފައިވާ ކަމަށާ އެ މުއްދަތުގައި އެއްވެސް ތަހުގީގެއް ނުކޮށް، ދައުވާއެއް ނުއުފުލައި މިފަދަ ތުހުމަތުތަކެއް ކުރަމުންދިޔުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަަށެވެ.
އެހެން ކަމުން މިކަމުގައި ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭސީސީ އަދި ފުލުހުންނަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މި ވާހަކަ އިހުސާން ދެން ދައްކަވަން ވާނީ ރައްޔިތުންގެ ފަރާތުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރެއްވުމަށް ފަހު،" ތުހުމަތުތައް ދޮގު ކުރައްވާ ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ކަން ހާމަކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ރަސްމީކޮށް ޖަވާބުދާރީވުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އޭސީސީ އަދި ފުލުހުންނަށް ފޮނުވި ސިޓީ ވެސް އާންމު ކުރައްވާފަ އެވެ.