އައިބީ ވިދާޅުވެފައިވަނީ ކުރީގައި އަތޮޅުވެރިން ތިބިއިރު އަތޮޅުތަކުގެ ކަންކަން މާރަނގަޅަށް ހިނގަމުންދިޔަ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އަތޮޅު ކައުންސިލުތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުން ކަމަށެވެ.
އަތޮޅު ކައުންސިލުތަކުގެ ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބައެއްގެ ގޮތުގައި ގާނޫނުގައި ކަނޑައެޅުމަކީ މިހާރު އޮތް ގޮތަށްވުރެ ރަނގަޅު ގޮތެއްކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމުތަކެއް ކަމުގައި ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލަށް ބަހުސްކުރައްވަމުން އައިބީވަނީ އެ އިސްލާހުތައް ވަރަށް ބޮޑަށް ދިފާއު ކުރައްވާފަ އެވެ.
އެގޮތުން އައިބީ ފާހަގަކުރެއްވީ މިހާރުވެސް ކޮމިޝަންތަކުގައި ތިއްބަވާ މެންބަރުންނަކީ ރައީސް މަޖިލީހަށް ނަންފުޅު ފޮނުއްވައިގެން މަޖިލީހުން ރުހުން ދީގެން އައްޔަންކުރާ މެންބަރުންތަކެއް ކަމުގައިވާއިރު، ކޮމިޝަނުގެ ރައީސްވެސް އެގޮތަށް އައްޔަންކުރުމުގައި އެއްވެސް މައްސަލައެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މިހާރު އޮންނަ ގޮތަށް ކޮމިޝަންތަކުގެ ރައީސުންނަކީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ މެންބަރުން އިންތިހާބުކުރާ ބޭފުޅެއްގެ ގޮތުގައި އޮތުމުން ވަރަށް ބައިވަރު މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ކޮމިޝަނަކުންވެސް މަސައްކަތްކުރަނީ މުސްތަގިއްލު ދައުލަތެއް/ ސަރުކާރެއްގެ ގޮތުގައިކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އިތުރަށް މެންބަރު ވިދާޅުވީ ކޮމިޝަންތަކުގެ ރައީސުންގެ އިތުރަށް އަތޮޅު ކައުންސިލުތަކުގެ ރައީސުންވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގޮތަށް ބަދަލުކުރަންޖެހޭ ކަމަށެވެ. ސަބަބެއްކަމަށް އޭނާ ވިދާޅުވީ މިހާރު އަތޮޅު ކައުންސިލުތަކުގެ ރައީސުންގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އަތޮޅުތައް ނުހިންގެވުމެވެ.
ކުރީގައި އަތޮޅުވެރިންނާއި ކަތީބުން ރައީސް އައްޔަންކުރެއްވި ދުވަސްވަރު އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން ދައުލަތަަށް ލިބޭ އާމްދަނީއަށް ރިއާޔަތްކޮށްގެން އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތަކާއި އެހެނިހެން ކަންކަން ހިންގަމުންދިޔައިރު މާ ރަނގަޅަށް އަތޮޅުތަކުގެ ކަންކަން ބެލެހެއްޓެމުންދިޔަ ކަމުގައި އައިބީ ވިދާޅުވި އެވެ.
"މިރާއްޖޭގެ އަތޮޅު ކައުންސިލުތަކުގެ ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުންވެސްވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން. މިބޭފުޅުންނަށް އަތޮޅު ހިންގޭތޯ؟ އެއިރު ރައީސުލްޖުމްހޫރިއްޔާ ކަތީބުންނާއި އަތޮޅުވެރިން އައްޔަންކުރެއްވި ޒަމާނުގައި މާ ރަނގަޅަކަށްނޫންތޯ އަތޮޅުތަކުގެ ކަންކަން ހިނގަމުންދިޔައީ؟،" އޭނާ ވިދާޅުވި އެވެ.
"އެއިރަކު އޮންނަ ސަރުކާރަކާ ގުޅިގެން، ސަރުކާރުން ބޭނުންވާ ގޮތަށް ގައުމަށް ލިބޭ އެއްޗަކާއި ނުލިބޭ އެއްޗަކަށް ރިއާޔަތްކޮށްގެން ނޫންތޯ އެއިރު ކަންކަން ކުރީ. މިހާރު ކިހިނެއްތޯވަނީ؟ އެމީހަކު ހިތުހުރި ގޮތަކަށް ހަދަނީ. ވެރިޔަކު ބުނާ ގޮތެއްވެސް ނުހަދާ. ދައުލަތުން އަންގާ ގޮތެއްވެސް ނުހަދާ،"