ސުހާ އަކީ ހާދަ ލަދުކުޑަ އަންހެނެކޭ؟ އަނެއްކާ... އަޔާޒް އެ އުޅެނީ އުފާވެރި ދިރިއުޅުމެއްގަ ބާ؟ އަހަރެންނަށް ހާދަ ހީނުވެއޭ.. ހީވަނީ ސުހާ އަކީ އަޔާޒަށް ވަރަށް ގޯސް އަންބަކަށް ވާނެހެން.. އެ ރާގު ވެސް.. ވަރަށް ހަރުކަށި.."
- އެޕިސޯޑް 74 –
ދާއިންގެ ހިތާއި ސިކުނޑިއަށް ވަރަށް ގިނަ ކަންކަން ވަންނަން ފަށައިފިއެވެ. ސުހާ އާއި އަޔާޒްގެ ކައިވެންޏާ ބެހޭ ގޮތުން ދާއިންއަށް ވިސްނުނީ އެ ކައިވެނީގެ ތެރޭގައި ވެސް ކަންތައް ގަނޑެއް ހިނގަމުންދާ ކަމެވެ. ކޮފީ ބޯ ތަނުން އަޔާޒްއާ ބައްދަލުވެ، ދެކެވުން ވާހަކަތަކުން އަޔާޒްގެ ޚިޔާލު ތަކާއި ފިކުރު ތަކުގައި ޝަރާގެ ނަން ވާކަށް ދާއިންއަށް އެނގުނެވެ. އަދި އަޔާޒްގެ ވާހަކަތަކުން އޭނާ އަދިވެސް ޝަރާ ދެކެ ލޯބިވާކަން ދާއިންއަށް އިޙްސާސް ކުރެވުނެވެ. ނަމަވެސް ޔަޤީން ކަމާއި އެކުގައި ކަަންކަން ބުނެދޭން ނޭނގެނީއެވެ. އެއީ ދާއިންގެ ހިތާއި ސިކުނޑިއަށް އެންމެ ބުރަވާ ސަބަބެވެ. ކަންތައްތައް ހިނގަމުން ދާއިރު، ކަމުގެ އަސްލު ޙަޤީޤަތް ނޭނގޭތީއެވެ.
***
އަޔާޒް ފާޚާނާއިން ނުކުތް އިރު ސުހާ އިނީ އެނދުގައި ޖައްސާލައިގެންނެވެ. ސުހާގެ ހަތަރު ކަޅި އޭނާ އަމާޒްކޮށްލީ އަޔާޒްގެ މޫނަށެވެ.
"ކިހިނެއްވީ؟"
ސުހާ ބަލަން ހުރި ފާޑުން އަޔާޒް އަހައިލިއެވެ. ސުހާ އަނގަ ހުޅުވަން ދިމާކޮށްލި ތަނާ އަޔާޒްގެ ފޯނު ރިންގު ވާން ފެށިއެވެ. ސުހާ ރުޅިވެރި ގޮތަކަށް ފޯނަށް ބަލައިލީ އެއީ ލީޒާގެ އެ ބުނާ ފިރިމީހާގެ ކޯލެއް ކަމަށް ހީކޮށެވެ. ނަމަވެސް ގުޅަމުން ދިޔައީ ޒީމާއެވެ. ޒީމާގެ ފޯނަށް ޖަވާބު ދިނީ ސުހާއެވެ.
"ހަލޯ މަންމާ.."
ސުހާ ބުނެލިއެވެ. އަޔާޒް މަޑުމަޑުން އައިސް ސުހާގެ ދާދި ގާތުގައި ޖައްސާލިއެވެ.
"ކިހިނެއް ދަރިފުޅުމެން؟ ކޮބާ އަޔާޒް؟" ޒީމާ އަހައިލިއެވެ.
"އަޔާޒް އެބަ އިން ގާތުގަ." ސުހާގެ ޖަވާބުން ޒީމާއަށް އުފަލުން ހިނިތުން ވެވުނެވެ.
"ސުހާ ބަލިވެ އިން ފަހުން އަޔާޒަށް ނުދެވޭ ދޯ ދުރަށް؟ އަބަދު ގާތުގަ ދޯ؟" ޒީމާ ހީނލަމުން އަހައިލިއެވެ.
"އާނ.. އަބަދު ގާތުގަ.. އެހެންނު ވާނީ އަލަށް ބައްޕަ އަކަށް ވާއިރު.. ދޯ އަޔާޒް؟"
ސުހާ މަޑުމައިތިރި ރާގެއްގައި ވާހަކަދައްކަމުން ދިޔައެވެ. އަޔާޒް ހިނިތުން ވެލަމުން "އާނ އާނ" ބުނެލިއެވެ. ސުހާ ފޯނު ދިއްކޮށްލީ އަަޔާޒްގެ އަަތަށެވެ. ލައުޑަށް ލާފައެވެ.
"ދަރިފުޅާ! އަޔާޒް.. މަންމަ ވަރަށް އުފާވޭ.. މިއަދު ދަރިފުޅަށް ތިފަދަ އުފާވެރި ޙަޔާތެއް ލިބުނީމަ.. ރަނގަޅު މާތް، ހެޔޮ ވަފާތެރި އަންބެއް ލިބުނީމަ.. އަދި މަންމަ މެދުވެރިކޮށް އެފަދަ އުފާވެރި ކަމެއް ދަރިފުޅަށް ލިބުނީމަ މަންމަ މާ އުފާވޭ!"
ޒީމާ ދެއްކި ވާހަކަ ތަކުން ސުހާއަށް ކުޑަކޮށް ހިނިއައެވެ. ސުހާ ބަލައިލީ އަޔާޒްގެ މޫނަށެވެ.
"އާނ! މަންމާ.. އޯކޭ... ގުޅާނަން ފަހުން.."
އަޔާޒް އެހެން ބުނެ ފޯނު ބާއްވަން އުޅުނެވެ. ނަމަވެސް ޒީމާ ސުހާ އަތަށް ފޯނު ދޭން އެދުމުން، އަޔާޒް ފޯނު ދިއްކޮށްލީ ސުހާ އަތަށެވެ.
"ދަރިފުޅުމެން މާލެ އަންނަތާ ދެ ދުވަސް ފަހުން ދަރިފުޅުގެ މަންމަ އަންނާނެ މާލެއަށް.. މިގެއަށް އަންނާނީ.. މިގޭގަ ދުވަސްކޮޅަކު އުޅެލަން މަންމަ ބުނީ.. ޢާއިލީ ވަގުތު ކޮޅެއް ހަދާލަން.. ކިހިނެއް ވާނީ؟"
ޒީމާ ދެއްކި ވާހަކައިން ސުހާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އެއީ އެއްގޮތަކަށް ވެސް ސުހާ އެކަން ވާން ބޭނުންވާ ގޮތެއް ނޫނެވެ. ސުހާގެ މަންމަ ނަޒީރާ އެގެއަށް އައިސްފި ނަމަ، ވާރިޝްއާ ދިމާވާނެއެވެ. އެ ހިސާބުން ކަންތައް ވާނެ ގޮތެއް ޚުދު ސުހާ އަކަށް ވެސް ނޭނގެއެވެ.
"އާ.. އަހަރެން ތިކަމާ މަންމައާ ވާހަކަދައްކާލާނަން.." ސުހާ "ރޫޑް" ގޮތަކަށް ބުނެލިއެވެ.
"ދަރިފުޅާ! ސުހާ.. ދަރިފުޅު ވާނެ އިނގޭ ދަރިފުޅު މަންމައާ ވާހަކަދައްކަން.. ކުރިން ދުވަހު ވެސް ގުޅާފަ ބުނި ދަރިފުޅު ފޯނު ނުނަގާ ވާހަކަ.."
ޒީމާ ފޯނު ބާއްވަމުން އެހެން ބުނެލިއެވެ. އެއްވެސް އެއްޗެއް ސުހާ އެކަމަށް ނުބުނެއެވެ.
"ސުހާ.. ކީއްވެތަ ސުހާގެ މަންމައާ ތިހާ ދުރުވީ؟ އަހަރެން އަަހަން ވަރަށް ބޭނުން ވެފަ ހުރި ސުވާލެއް މީ.."
އަޔާޒް ހައިރާން ކަމާއި އެކުގައި ސުހާއަށް ބަލާލިއެވެ.
"އަޅެ ތި މީހުންނަށް ކޮން ކަމެއްތަ؟ މީ ކިހާ ދެރަ ކަމެއް.. އަހަރެން ބޯ ގޮވައިފި.. އެއްކޮޅުން އަޔާޒް ހުރެގެން ސުވާލު ކުރަނީ.. އަނެއް ކޮޅުން އަޔާޒް މަންމަ.. ތި ސުވާލު ނުކޮށްބަލަ!"
ސުހާ އޭނާގެ ދެ އަތުން ބޮލުގައި އަތް ޖައްސާލަމުން އަޑު ބާރުކޮށް ބުނެލިއެވެ.
***
އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އޮތް ޝަރާގެ އަދިވެސް ހޭވެރިކަމެއް ނެތެވެ. ޑޮކްޓަރުން ދިޔައީ ޝަރާއާ މެދުގައި އުއްމީދު ކުޑަ ވަމުންނެވެ. ނަމަވެސް ޑޮކްޓަރުން މަސައްކަތް ހުއްޓައެއް ނުލައެވެ. ދާއިން އިންތިޒާރު ކުރަމުން ދަނީ އަދި އެއް ފަހަރު ޝަރާއާ ވާހަކަދައްކާލެވޭނެ ވަގުތަކަށެވެ. ޝަރާގެ ހިނިތުންވުން އަދި އެއް ފަހަރު ބަލައިލަން ދާއިން ބޭނުން ވެއެވެ. ލީޒާ ވެސް އަކްޔަންއާ އެކުގައި އޭނާގެ ހުރިހާ ވަގުތެއް ހުސް ކުރަމުން ދިޔައީ ވަޒީފާއިން ވެސް ޗުއްޓީ ނަގައިގެންނެވެ. އެންމެ ސިކުންތަކަށް ވެސް އަކްޔަންއަށް ފަރުވާ ކުޑަ ކުރާކަށް ލީޒާ ބޭނުމެއް ނުވެއެވެ.
***
ރޭގަނޑުގެ ހިމޭން ވަގުތެވެ. ވާރިޝް ވަރަށް ސިއްރު ސިއްރުން ކޮޓަރިން ނުކުތެވެ. އެއީ ސުހާއަށް ގުޅާ ނަމޭ ބުނެވިފަ އޮތީމައެވެ. އެހެން ނޫނީ ސުހާ ގުޅާ ގަޑީގައި އީމާ ގާތުގައި ވެސް ހުރެދާނެއެވެ.
"ހަލޯ ސުހާ.."
ސުހާ ފޯނު ނެގުމާ އެކުގައި ވާރިޝް ބުނެލިއެވެ.
"ހަލޯ... ވާރިޝް.. އަހަންނަށް ކެތް ވަނީއެއް ނޫން.. ބޭނުން ވަނީ ވާރިޝް ގައިގައި ވަރަށް ބާރަށް ބައްދާލަން. މާލެ ދާ ގޮތަށް އަހަރެން ބޭނުން ވަރަށް ގިނަ ވަގުތު ވާރިޝްއާ އެކުގަ.. އައި ލަވް ޔޫ ސޯމަޗް.."
ސުހާގެ ވާހަކަ ތަކުން ވާރިޝް ޖެހިލުން ވެއްޖެއެވެ. ވަގުތުކޮޅަކު ވިސްނާލުމަށްފަހު ވާރިޝް ވާހަކަދައްކަން ފެށިއެވެ.
"ސުހާ.. މައި ލަވް.. އަހަރެން ސުހާ ދެކެ ވަރަށް ލޯބިވޭ! ހަމަ ހުވާ! އެކަމު ސުހާ.. އަހަރެމެން މިކަން ކުރަން ވާނީ ސްމާރޓްކޮށް.. ވިސްނައިގެން.. އެހެން ނޫނީ އަތަށް ގޮވާނެ.. ބޭބީ.. އެނގެއެއްނު! އަހަރެމެންނަށް ތި ގޮތަށް ދެން ގިނައިން ގޭގަ ބައްދަލު ނުކުރެވޭނެކަން.. ބޭބީ ވެސް ވިސްނާލަބަލަ!"
ވާރިޝް ވަރަށް މަޑުމަޑުން، ލޯބިކޮށް ސުހާއަށް ވިސްނޭނެހެން ބުނެލިއެވެ.
"ދެން؟ ތިބުނީ؟ އަހަރެމެން ދިމާ ނުވާނެއޭތަ؟ ލޯބި ކޮށްލަން ވަގުތެއް ނުލިބޭނެއޭތަ؟ ކީއްވެ؟ ކީއްވެ؟ ކުރިން ވެސް ލިބުން ވަގުތު ހަމަ ލިބޭނެއްނު؟ ވާރިޝް ހެޔޮނުވާނެ.. އަހަރެންނާ ދުރުވާނެ ގޮތަށް ބަހުރުވަ ނުގެންގުޅެބަލަ! އަހަރެން މަރުވެދާނެ.. އަހަރެން ވާރިޝް ދެކެ ވަރަށް ލޯބިވޭ.. ވާރިޝްއަށްޓަކާ އަހަރެން މިހާރު ވެސް ކިހާ ބޮޑު ޤުރުބާނީއެއް މިވަނީ.."
ސުހާއަށް ރޮވޭ ގޮތްވިއެވެ.
"ސުހާ.. ލޯބީ.. ތީ އަދި ރޯވަރު ކަމެއް ނޫނެއްނު! އަހަރެން މިބުނީ މިހާރު ސުހާ ވެސް ޕްރެގް.. އީމާ ވެސް ޕްރެގް.. އެއް ގެ އެއްގަ މިއުޅެނީ.. އަނެއްކޮޅުން ސުހާ މަންމަ ވެސް އެބަ އާދޭ! އެނގޭތަ އެކަން؟" ވާރިޝް އަހައިލިއެވެ.
"އަހަންނަށް ކީއް؟ އަހަރެން އެ ނަޒީރާއަށް ބަދަލު ހިފާނަން.."
ސުހާ ދަތްކުޑި ވިކާލަމުން އޭނާގެ މަންމައަށް ބުނި ޖުމުލައިން ވާރިޝްއަށް ލިބުނީ ހައިރާން ކަމެކެވެ.
"ތިބުނީ؟" ވާރިޝްގެ ދެލޯ ވަނީ ބޮޑުވެފައެވެ.
"މިބުނީ ބަދަލު ހިފާނަމޭ.." ސުހާ އޭނާ ބުނި ޖުމުލަ ތަކުރާރު ކޮށްލިއެވެ. (ނުނިމޭ)
ވަރަށް ވަރަށް ރީތި ވާހަކައެއް.. ވާވް !