މިލޯނު ފުރުސަތުގެ ދަށުން 62 ފަރާތަކަށް ލޯނު ދޭން މިނިސްޓްރީން ނިންމާފައިވެ އެވެ. މިއަދާ ހަމަށް 37 ފަރާތެއް ލޯނު ވަނީ އެޕްރޫވްކޮށްފަ އެވެ. އަދި މިއަދާ ހަމައަށް 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްޓް ވަނީ ދީފަ އެވެ.
ފަރުމަހުގެ މަސްވެރިކަން ތަރައްގީ ކުރުމަށް ފިޝަރީސް މިނިސްޓްރީއާއި އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ހިންގާ ކަނޑުފަޅުނަފާ ޕްރޮގްރާމްގެ ތެރެއިން 37 ފަރާތަކަށް ލޯނު ދީފި އެވެ.
ކަނޑުފަޅުނަފާ ޕްރޮގްރާމްގް ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލީ މިއަހަރުގެ ފެބްރުވަރީ މަހު 16 ވަނަ ދުވަހު ށ. ކޮމަނޑޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ފަރުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ލޯނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލި ފުރުސަތެކެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ މިލޯނަށް ކަނޑައަޅާފައި ވަނީ 20 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން، ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމަށް އިތުރު 10 މިލިއަން ރުފިޔާ އެ ލޯނަށް އިތުރުކޮށް، 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި ހަމަވިއިރު 121 ފަރާތަކުން ވަނީ ލޯނަށް އެދި ހުށަހަޅާފަ އެވެ. މިލޯނު ފުރުސަތުގެ ދަށުން 62 ފަރާތަކަށް ލޯނު ދޭން މިނިސްޓްރީން ނިންމާފައިވެ އެވެ. މިއަދާ ހަމަށް 37 ފަރާތެއް ލޯނު ވަނީ އެޕްރޫވްކޮށްފަ އެވެ. އަދި މިއަދާ ހަމައަށް 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްޓް ވަނީ ދީފަ އެވެ.
ލޯނު ލިބުނު ފަރާތްތަކާއެކު މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ލޯނު ދޫކުރުމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް، ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވިގެން ދާނެ ކަމަށެވެ.