"އަޅުގަނޑުމެން ޓާގެޓްކުރީ އަންނަ އަހަރުގެ އޭޕްރިލަށް މި މަސައްކަތް ނިންމާލަން. މާތް ﷲގެ އިރާދަފުޅާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މިހާރު މިފެންނަ ގޮތުންނަމަ މި މަސައްކަތް ނިންމާލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އެއްކުރުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން 8،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު މިހާތަނަށް އެއްކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ މި އޮޕަރޭޝަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ފަދަ މައުލޫމާތުތައް ނަގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވާއިދަށް ފެއްތުމުގެ މަސައްކަަތް ދަނީ ކުރަމުންނެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިހާތަނށް 96 ރަށެއްގައި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއްކޮށް މަސައްކަތް ނިންމާފައިވަނީ 21 ރަށެއްގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޮޕަރޭޝަނުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ 8،385 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނަގާފައިވާ ކަމަށެވެ. އަދި ޓާގެޓަކީ އެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ނިންމައިލުން ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓާގެޓްކުރީ އަންނަ އަހަރުގެ އޭޕްރިލަށް މި މަސައްކަތް ނިންމާލަން. މާތް ﷲގެ އިރާދަފުޅާއެކު އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މިހާރު މިފެންނަ ގޮތުންނަމަ މި މަސައްކަތް ނިންމާލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް އިހުސާން ވިދާޅުވީ ރަށްރަށުގައި ތިބި ބިދޭސީން ހޯދުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށް އަންނަ އަހަރަށް ލަަފާކުރާ ބަޖެޓުގެ ތެރެއިން ފައިސާ ހަމަޖެއްސުމަށް ހިމަނާފައިވާނެ ކަމަށެވެ.