އެ ލިސްޓުތައް ރަނގަޅުކަމަށް ނުފެންނާތީ އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމެއް ރި-އިވެލުއޭޓުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާކަމަށް އެ ބަޔާނުގައި ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
އެމްޑީޕީ ވެރިކަމުގައި ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކުލަވައިލި ކޮމިޓީން އެވިލުއޭޓުކޮށް އެކުލަވައިލި ލިސްޓުވެސް ކަމުނުދާކަމަށް ބުނެ އެ ލިސްޓު އާންމުކުރުން އަންނަ މަހަށް ފަސްކޮށްފި އެވެ.
ކުރިން ހައުސިން މިނިސްޓްރީން ބުނެފައިވަނީ ހިނގަމުންދާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފުލެޓު ހައްގުވެރިންގެ ލިސްޓު އެކުލަވައިލާ އާންމުކުރާނެ ކަމަށެވެ. އެގޮތުން މި ހަފުތާ ތެރޭގައި އެ ލިސްޓު އާންމުކުރާނެކަން މިނިސްޓްރީން އިއުލާނުކުރި އެވެ.
ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ ކުރީ ސަަރުކާރުން އެކުލަވައިލި ގެދޮރުވެރިޔާ ފުލެޓުތައް ލިބޭ ލިސްޓުގައި ހުރި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފާހަގަކުރުމާ ގުޅިގެން، އެ ލިސްޓު އަލުން އެވެލުއޭޓުކުރުމަށް ރައީސްގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީއާއި މާލޭ ސިޓީ ކައުންސިލުން އެކުލަަވައިލި ހައުސިން ކޮންސަލްޓެޓިވް ކޮމިޓީން ގެދޮރުވެރިޔާގެ ދާއިމީ ލިސްޓު އެކުލަވައިލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނަ ކަމަށެވެ.
އެ ލިސްޓުތައް ރަނގަޅުކަމަށް ނުފެންނާތީ އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމެއް ރި-އިވެލުއޭޓުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާކަމަށް އެ ބަޔާނުގައި ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
އަދި މިނިސްޓްރީން ބުނެފައިވަނީ އެ ހުރިހާ ފޯމުތަކެއް ރީއިވެލިއޭޓުކުރުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށެވެ. އިތުރަށް ބުނި ގޮތުގައި މިނިސްޓްރީން މަސައްކަތްކުރަނީ އަންނަ ނޮވެންބަރު މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ލިސްޓު އާންމުކުރުމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 15،000 އަށްވުރެ ގިނަ ފަރާތުންވަނީ ފުލެޓު ހޯދުމަށް ހުށަހަޅާފަ އެވެ. އެއިން 9،000 މީހުން ފުލެޓަށް ޝަރުތު ފުރިހަމަވާކަމަށް އެމްޑީޕީ ސަރުކާރުގައި ނިންމި އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުންދާ 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓެއްވެސް އެއިރު އާންމުކުރި އެވެ.
ނަމަވެސް އެ 4،000 ފުލެޓުގެ ހައްގުވެރިން ކަނޑައަޅައި އާންމުކުރި ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އޭސީސީން ފާހަގަކުރުމާއެކު، އެ ފަރާތްތަކަށް ފުލެޓު ދޫކުރުން މެދުކެނޑިގެން ދިޔަ އެވެ. އެއަށްފަހު މި ސަރުކާރުން އެ ލިސްޓު އެވެލުއޭޓުކުރުމުގެ މަސައްކަތް ފެށި އެވެ.