އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ވަނީ ގޮވާލާފަ އެވެ.
އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ދަ ޑިމޮކްރެޓްސް އިން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޕާޓީން ރޭ ނެެރުނު ބަޔާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލުތަކެއް ހުށަހަޅާފައިވާތީ އެކަމުގެ ކަންބޮޑުވުން ދަ ޑިމޮކްރެޓްސް އިން އިންތިހާއަށް ފާޅުކުރާ ކަމަށެވެ.
އެއިރެއްގައި އޮންނަ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ބައިވެރިވާ އާންމު އިންތިހާބުތައް ބާއްވާ ކޮމިޝަނާއި ސަރުކާރަށް ވެސް އަމާޒުވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބެލުމަށް އޮންނަ ކޮމިޝަނާއި -- މި ދެ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަން މުހިއްމުވެފައި ލާޒިމުވަނީ ސަރުކާރުގެ ނުފޫޒެއްގައި ނުޖެހި އެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެ ކޮމިޝަންތަކުން އަދާކުރަން ޖެހޭތީ ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
"ނަމަވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުތަކުން ރައީސުލްޖުމްހޫރިއްޔާ އެ ދެ ކޮމިޝަނުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައަޅައި އައްޔަނުކުރާގޮތަށް ބަދަލުކުރުމަކީ އެ ކޮމިޝަންތަކުގެ މުސްތަގިއްލުކަމަށް ލޮޅުން އަރުވާލާ ކަމެކެވެ،"
އަދި ބުނީ މިއީ ދިވެހި ރައްޔިތުންގެ އިންތިހާބީ އެންމެހައި ހައްގުތަކުގެ އިންސާފުވެރިކަމާ މިނިވަންކަން ކަށަވަރު ކުރުމުގެ ޒިންމާ އަދާކުރަން ޖެހޭ އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މާލިއްޔަތާއި ދައުލަތް ހިންގުމުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާ ފަސާދަ މިނިވަންކަމާއެކު ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ އަދާކުރަން ޖެހޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަތުމުގެ އަމަލެއް ކަމަށެވެ.
އެހެންކަމުން މިކަމަކީ ހިންގުމުގެ ޑިމޮކްރެޓިކް އަސާސްތައްވެސް އަދި ގާނޫނުއަސާސީގެ ރޫހަށް ބަލާއިރު ވެސް ތަންދޭކަމެއް ނޫންކަމުން އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ނަގާލުމުގެ އަމަލެއް ނުހިންގުމަށް ސަރުކާރަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.