ޗައިނާއިން ބުނި ގޮތުގައި އެމެރިކާއިން ޓައިވާނަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމުމަކީ އެމެރިކާ-ޗައިނާ ގުޅުން ހީނަރުވެ ސަރަހައްދީ ސުލްހައަށް ނުރައްކާވާނެ ކަމެކެވެ.
ޓައިވާނަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން އެ ގައުމުގެ ސަރަހައްދީ ނަޒާހަތާއި ސިޔާދަތު ދިފާއުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ޗައިނާއިން ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ޓައިވާނަށް ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފައިވާ ކަމަށެވެ. ޓައިވާނަށް ވިއްކާ ހަތިޔާރުތަކުގެ ތެރޭގައި ޔޫކުރެއިނުގައި މިހާރުވެސް ބޭނުންކުރަމުންދާ މިސައިލު ހަމަލާތަކުން ދިފާއުވުމުގެ ނިޒާމެއް ހިމެނެ އެވެ. ޕެންޓަގަނުން ބުނި ގޮތުގައި އެ ނިންމުމާއިގެން ކުރިއަށް ދިއުމަށް ދެން އޮތް ހަމައެކަނި މަރުހަލާއަކީ ކޮންގްރެސްގެ ރުހުން ހޯދުމެވެ.
ހޮނިހިރުދުވަހު ނެރުނު ބަޔާނެއްގައި ޗައިނާއިން ބުނެފައިވަނީ ޓައިވާނަށް ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމުގައި ޗައިނާގެ ކަންބޮޑުވުންތަކާއި ނުރުހުން އެމެރިކާ ސަރުކާރާ ހިއްސާކުރާނެ ކަމަށެވެ.
"ޗައިނާއިން މިކަމުގައި އަޅަންޖެހޭ ހަރުދަނާ ރައްދު ފިޔަވަޅުތައް އަޅާނެ. އަދި ޗައިނާގެ ގައުމީ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަން ދިފާއުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނަން،" ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މި މުއާމަލާތުގެ ތެރެއިން ޓައިވާނަށް ވިއްކަން ނިންމާފައިވާ ތަކެތީގެ ތަފުސީލު ހާމަކޮށް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ ވިއްކާ ތަކެތީގެ ތެރޭގައި 1.16 ބިލިއަން ޑޮލަރުގެ މިސައިލް ސިސްޓަމްތަކާއި 828 މިލިއަން ޑޮލަރުގެ ރާޑާ ސިސްޓަމް ހިމެނޭނެ ކަމަށެވެ.
މި ހަތިޔާރު ވިއްކަނީ ޓައިވާނުގެ ދިފާއީ ބާރުތައް ޒަމާނާ އެއް ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، އެ ގައުމުގެ ދިފާއީ ގާބިލުކަން ބިނާކޮށްދީގެން އެމެރިކާގެ ސަލާމަތީ މަސްލަހަތުތައް ދިފާއުކުރުމަށް ކަމުގައި އެމެރިކާގެ ދިފާއީ ވުޒާރާގެ ބަޔާނުގައި ބުންޏެވެ.
އެމެރިކާއިން ޓައިވާނަށް ވިއްކަން ނިންމި މިސައިލު ހަމަލާއިން ދިފާއުވާ ނިޒާމުތައް ޔޫކުރެއިނުގައި ބޭނުންކުރި ފަހުން އެ ނިޒާމުތައް ހޯދުމަށް ގައުމުތަކުން ޝައުގުވެރިކަން ފާޅުކުރާ މިންވަރު އިތުރުވެފައިވެ އެވެ. ޓައިވާނުން ބުނެފައިވަނީ އެ ނިޒާމުތައް ޔޫކުރެއިން ހަނގުރާމާގައި ބޭނުންކޮށް ތަޖުރިބާކޮށްފައިވާތީ އެއިން ޗައިނާގެ އަސްކަރީ ހަރަކާތްތަކުން ދިފާއުވުމަށް ލިބިގެންދާނެ އެހީތެރިކަން ސާބިތުވެފައިވާ ކަމަށެވެ.
ޗައިނާއިން ސިފަކުރި ގޮތުގައި އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކުމަކީ އެމެރިކާއާއި ޗައިނާގެ ގުޅުން އިތުރަށް ހީނަރުވެ ސަރަހައްދީ ސަލާމަތާއި ސުލްހައަށް ނުރައްކާވާނެ ކަމެކެވެ.
ޗައިނާއިން އަބަދުވެސް ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ. އަދި ޓައިވާން އަނބުރާ އެ ގައުމުގެ ތެރެއަށް ގެނައުމަށް ބާރުގެ ބޭނުންކުރުމަށް ފަސްނުޖެހޭނެ ކަމުގައި ޗައިނާއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.