އެ ސަރަހައްދުތަކުގައި ހުޅުވާ ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ނަގާ ޓެކްސްތަކާއި ބިމުގެ ކުލި ފަދަ ކަންކަން އެންމެ ބޮޑަށް ޓޫރިޒަމް ފުޅާވެފައި ހުރި ސަރަހައްދުތަކާ އެއް މިންވަރަކަށް އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްގެ ކަމަށް ފައިސަލް ވިދާޅުވި.
ރާއްޖޭގައި މިހާރު ފަތުރުވެރިކަން ތައާރަފުވެފައި ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް އެ ސަރަހައްދުތަކަށް ހާއްސަ ލުއިތަކެއް ފޯރުކޮށްދޭންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީ ޕްރޮމޯޓުކުރުމަށް އެ ސިޓީގެ ކައުންސިލުން ބަޔަކާ ހަވާލުކޮށްގެން އެކުލަވައިލި އައްޑޫގެ ބްރޭންޑިން އިފުތިތާހުކުރުމަށް ރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޓޫރިޒަަމް ނެތް ތަންތަނަށް ފުޅާކުރުމަށް އެ ސަރަހައްދުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް ލުއިތަކެއް ދޭންޖެހޭ ކަމަށެވެ.
އެގޮތުން އެ ސަރަހައްދުތަކުގައި ހުޅުވާ ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ނަގާ ޓެކްސްތަކާއި ބިމުގެ ކުލި ފަދަ ކަންކަން އެންމެ ބޮޑަށް ޓޫރިޒަމް ފުޅާވެފައި ހުރި ސަރަހައްދުތަކާ އެއް މިންވަރަކަށް އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.
"މީގެ އިތުރުން، މި ސަރަހައްދުތަކުން ވެސް ރާއްޖޭގައި ޓޫރިޒަމް އެންމެ ފައްކާ ވެފައިވާ ސަރަހައްދުތަކުން ޓެކްސް ނެގިގެން ދިއުމަކީ ވެސް ގޮންޖެހުމެއް. މި ޓެކްސްތަކަށް ވެސް ލުއިތަކެއް ދީ، ލޭންޑް ރެންޓު، އިކުއިޒިޝަން ކޮސްޓު. މިހެން ހުރި [ކަންތައް ވެސް] ޓޫރިޒަމް ނެތް ތަންތަނަށް ލުއިތައް ދީގެން ނޫނިއްޔާ ރާއްޖޭގެ ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދިއުމަކީ ދަތިކަމަކަށް ވާނެ،" ފައިސަލް ވިދާޅުވި އެވެ.
އިތުރަށް ފައިސަލު ފާހަގަކުރެއްވީ މިހާރު ޓޫރިޒަމް ތައާރަފުވެފައި ނެތް ސަރަހައްދުތަކުގައި ޓޫރިޒަމް އެސްޓަބްލިޝްމެންޓުތައް ތަރައްގީކުރަން އިންވެސްޓުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައި އެކަމަށް ހައްލުތަކެއް ހޯދުމަށް މާލީ އިދާރާތަކާއި ބޭންކުތަކާއެކު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަން ފައިސަލް ފާހަގަކުރެއްވި އެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއް ހިއްސާދާރު ކާސާ މޯލްޑިވްސްއިން އައްޑޫ ގަމުގައި ޓޫރިޒަމްް މަޝްރޫއެއް ހިންގަން ޝައުގުވެރިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރަށް އައްޑޫގައި އޮންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ހުޅުވުމަށްޓަކައި ރާއްޖޭގައި ތިއްބަވާ އެ ކުންފުނީގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށާއި، އަދި ޝަންގްރިއްލާ ކުންފުނީގެ ވެރިންނާއެކު އޮންލައިންކޮށް މަޝްވަރާކުރެއްވުމަށްފަހު، ހޮންކޮންގުގައި އެ ކުންފުނީގެ ވެރިންނަ ބައްދަލުކުރެއްވުމަށްވެސް މަސައްކަތްކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.