އެ މީހާގެ އާއިލާގެ މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ޝެއިހް ސަމީރުގެ އަބުރަށް އަރައިގަނެ ދައްކާފައިވާ ވާހަކަތައް ދޮގުކޮށްފަ އެވެ.
ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރުއާ ސަމީރުގެ އާއިލާއާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ ނޫސްތަކަށް މައުލޫމާތު ދެމުންދާ މީހާގެ ވާހަކަތައް ދޮގުކޮށް އޭނާގެ އާއިލާ އިން ވާހަކަ ދައްކައިފި އެވެ.
ޝެއިހް ސަމީރުގެ ކޮއްކޮއަކާ ކުރީން ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު މީހަކު ގެންދަނީ ޒާތީ ހަސަދައާ ރުޅިވެރިކަމުގައި ސަމީރުއާ ގުޅޭގޮތުން ބުހުތާނު ދޮގު ފަތުރަމުންނެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އެ ދޮގުތައް ފަތުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
މި ފަހުން އޭނާގެ އެ ވާހަަކަތައް ނޫހަކަށް ވަނީ ގެނެސްދީފަ އެވެ. އޭގައި ވެސް މުޅީން ހިމަނާފައި ވަނީ ދޮގު ވާހަކަަތަކެވެ.
އެކަން ފާހަގަކޮށް އެ މީހާގެ އާއިލާގެ މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ޝެއިހް ސަމީރުގެ އަބުރަށް އަރައިގަނެ ދައްކާފައިވާ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ ފިރިހެން މީހާގެ ބޮޑުބޭބެ އަބްދުﷲ ފަޒީލް ބުނީ ޝެއިހާ ގުޅުވާ އޭނާގެ ކޮއްކޮ ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ.
"ޝެއިހް ސަމީރަކީ ވަރަށް ގާތުން ވަރަށް ގިނަ ގިނަ ދުވަސް ވަންދެން އަޅުގަނޑު ދަންނަ ފަރާތެއް. ޝެއިހަކީ ވަރަށް ހެޔޮ، އިންސާފަށް އެހާމެ ލޯބިކުރާ ފަރާތެއް. އަޅުގަނޑަކީ މިހުރިހާ ކަމެއް ކައިރިން ދެކެފައިވާ އެކަކު. މިއީ މިކަންހިނގާ ދިޔަގޮތް ނޫންކަން ކަށަވާރާއި އެކު ދަންނަވަން ކެރޭނެ،"
ފަޒީލް ބުނީ ޝެއިހުންގެ އަގު ވައްޓާލާ އިސްލާމް ދީން މި ގައުމުގައި ނިކަމެތި ކުރުމަށް މަދު ބަޔަކު ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ބުނީ ޝެއިހުއާ ގުޅޭގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އާންމުން ސަމާލުވާން އެދޭ ކަމަށެވެ.
އެ ފިރިހެން މީހާގެ ކޮއްކޮއަކު ވެސް ވަނީ އޭނާގެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އޭނާ ބުނީ މީހަކު ދައްކާހާ ވާހަކައެއްގެ ތެދުދޮގު ބެލުމެއް ނެތި ގަބޫލުކޮށް އެ ވާހަކަތައް ފަތުރާނަމަ އެއްވެސް މީހަކަށް ސަލާމަތެއް ނޯންނާނެ ކަމަށެވެ.
"މީހުންގެ އަބުރު ފާޅުގައި ކަތިލަމުން މިދަނީ،" ޝެއިހް ސަމީރަށް ނިސްބަތްކޮށް އޭނާގެ ކޮއްކޮ ދެއްކި ދޮގު ވާހަކަތައް ފެތުރުން ކުށްވެރިކޮށް މުއާޒް އަހްމަދު އޭނާގެ ފޭސްބުކް ގައި ލިޔެފައިވެ އެވެ.
އޭނާ ބުނީ ޝެއިހް ސަމީރުއާ ގުޅޭގޮތުން އޭނާގެ ކޮއްކޮއާ ހަވާލާދީ ލިޔެފައިވާ ގިނަ ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ. އެކަން ބުނަނީ ކަންކަން ހިނގާފައިވާ ގޮތް ގާތުން ފެށި ހަގީގަތް އެނގޭތީ ކަމަށެވެ.
ޝެއިހް އަހްމަދު ސަމީރަކީ ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލު އެއް އިލްމުވެރިޔާ އެވެ. ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އުސްތާޛެކެވެ. ވަރަށް ގިނަ ދަރިވަރުންނާއި ޝެއިހް ދަންނަ ވަަރަށް ގިނަ ބަޔަކު ދަނީ އެ ވާހަަކަތަކާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. އެ ވާހަކަތައް ދެއްކި މީހާއަށް ފިޔަވަޅު އެޅުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.