"އަނބިދަރިންނަށް ރިޒްގު ތަނަވަސްކުރަން މަސައްކަތްކުރުމަކީ ޖިހާދުކުރުން ފަދަ ކަމެއް"

އަނބިދަރިންނަށް ހަރަދުނުދީ އުޅޭ ފިރިންނާ ގިޔާމަތްދުވަހުން އެކަންކަމާމެދު ސުވާލުކުރެވޭނެކަން ފާހަގަކޮށް އެފަދަ މީހުން ތައުބާވެ، މާތްﷲ ރުހިވޮޑިގަންނަވާ މަގަށް އިއާދަވެ އަނބިދަރިންނަށް ހަރަދުކުރުމަށް ހުތުބާގައި ވަސިއްޔަތްކުރި އެވެ.

ހުކުރު ހުތުބާއެއް ދެނީ

އަނބިދަރިންނަށް ރިޒްގު ތަނަވަސްކުރުމަށް މަސައްކަތްކުރުމަކީ ޖިހާދުކުރުން ފަދަ މަތިވެރި ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. 

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ އިސްލާމްދީނުގައި އަނބިދަރިންނަށް ހަރަދުކުރުމުގެ މައްޗަށެވެ. ހުތުބާގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ހަރަދުކުރުމަކީ މާތްﷲ ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ މައްޗަށް ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތަކުން ހުތުބާގައި ދަލީލު ގާއިމުކުރި އެވެ. 

އިތުރަށް ހުތުބާގައި ބުނެފައިވަނީ އަނބިންނަަކީ އިސްލާމްދީނުގައި ވަރަށް ޝަރަފުވެރި ބައެއް ކަމަށާއި، އެކަނބަލުންނަށް ހެޔޮކޮށްހިތައި އިހުސާންތެރިވުމަށް ސަލާމާއި ސަލަވާތް ލެއްވުނު ކައުއިތުރު ރަސޫލާ އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް ވަސިއްޔަތްކުރައްވާފައިވާ ކަމަށެވެ. 

އަދި އެމީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން އަނބިމީހާއަށް ހަރަދުކުރަންޖެހޭނެ ކަމަށާއި، އެކަމުގައި އަނބިމީހާއަކީ ތަނަވަސް މުއްސަނދި މީހަކަށްވުމުން ފަރަގެއް ނާންނާނެކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، އަނބިދަރިންގެ ކެއުންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަކީ ފިރިންގެ ޒިންމާއެއް ކަމަށެވެ. 

އަދި ނަބަވީ އިރުޝާދުން މީހާ ހޭދަކުރާނެ އެންމެ ހެޔޮކަން ބޮޑު ފައިސާއަކީ އޭނާގެ އާއިލާއަށް އެމީހަކު ހޭދަކުރާ ފައިސާކަން އެނގޭކަމަށާއި، އެކަމުގައި ބޮޑު ސަވާބާއި ދަރުމަ އެކުލެވިގެންވާކަމަށް ހުތުބާގައި ބަޔާންކުރި އެވެ. 

އަނބިދަރިންނަކީ ފިރިންނާ މަތިކުރައްވާފައިވާ އަމާނާތެއްކަމާއި، އެމީހުންނަށް ހަރަދުކުރުމަކީ އޭނާގެ ޒިންމާއެއްކަން ފާހަގަަކޮށް ހުތުބާގައި ބުނެފައިވަނީ މިހާރަކަށް އައިސް ބައެއް ފިރިން އަނބިދަރިންނަށް ހަރަދުނުކުރާ ވާހަކަ މުޖުތަމައުން އިވެމުންދާ ކަމަށެވެ. ވަރިވުމަށްފަހު ދަރިންގެ ހަރަދު ނުދީ ފިލައިގެން އުޅޭ ފިރިންވެސް މަދުނޫންކަމަށް ހުތުބާގައި ބުނެފައިވެ އެވެ. 

"މިކަންކަމާ ބެހޭ ގޮތުން ގިޔާމަތްދުވަހުން ސުވާލުކުރެވޭނެ. ވީމާ މިގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވެ، ﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ވަސިއްޔަތްކުރަން،" ހުތުބާގައި ބުނެފައިވެ އެވެ. 

ފިރިމީހާ އޭނާގެ އަނބިދަރިންނަށް ހަރަދުނުކުރާނަމަ ހާޖަތްތައް ފުއްދުމަށް އަނބިމީހާ ފިރިމީހާގެ މުއްދަލުން ނަގައިގެން ހޭދަކުރުމަކީ ވައްކަމެއް ކަމުގައިނުވާނެކަން ހަދީސް ބަސްފުޅުގެ އަލީގައި ހުތުބާގައި ބަޔާންކޮށްދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.