ހުޅުމާލޭގައި އަލަށް އަޅާ ހޮސްޕިޓަލަކީ 250 އެނދުގެ ޖާަގައިގެ 15 ބުރީގެ ހޮސްޕިޓަލެއްކަމަށް ހަލީމު ވިދާޅުވި އެވެ.
ހުޅުމާލޭ ހޮސްޕިޓާ މިހާރު ހުރި ބިމުގައި އައު އިމާރާތެއް ގާއިމުކޮށް މިހާރުގެ ހޮސްޕިޓަލާ ގުޅައިލާ 250 އެނދުގެ ޖާގަަ އިތުރުކުރުމަށް ނިންމައިފިކަން ސަރުކާރުން އިއުލާނުކޮށްފި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ އެނދުގެ ޖާގަ އިތުރުކުރަންޖެހޭކަމަށް އެ ހޮސްޕިޓާ ހިމެނޭހެން މާލޭ ސަރަހައްދުގައި ހިންގާ ހޮސްޕިޓާތައް ބަލަހައްޓާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުން ލިބެމުންދާ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ހަލީމު ވިދާޅުވީ ކުޑަކުދިންނަށް ހާއްސަ އައިސީޔޫއާއި ބޮޑެތި މީހުންގެ އައިސީޔޫ ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ބޮޑެތި މީހުންގެ އައިސީޔޫގައި ދިހަ އެނދު އަދި ކުޑަކުދިންގެ އައިސީޔޫގައި 14 އެނދު ހުންނާނެ ކަމުގައި ވިދާޅުވި އެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރުގެ ސަބަބުން އެކްސިޑެންޓުތައް ހިނގާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެ ހޮސްޕިޓަަލުގެ އެމަޖެންސީ ރޫމަށް ވަރަަށް ބޮޑަށް ޕްރެޝަރު ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ އީއާރުގެ ކެޕޭސިޓީ އިތުރުކުރޮށް 14 އެނދު ގާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަދި ހަތަރު އޮޕަރޭޝަން ތިއޭޓާ ހިމެނޭ ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ނިމި މި އަހަރު ތެރޭގައި ބޭނުންކުރަން ފެށުމުން އޮޕަރޭޝަންތައް އަވަސްވާނެ ކަމުގައިވެސް ހަލީމު ވިދާޅުވި އެވެ.
ހިދުމަތްތައް އިތުރުކުރި ނަމަވެސް އެނދުގެ ޖާގަ އިތުރުނުކޮށް އެންމެ އެކަށީގެންވާ ގޮތެއްގައި ބަލިމީހުންނަށް ފަރުވާގެ ހިދުމަތްތައް ހޮސްޕިޓަލުން ފޯރުކޮށްނުދެވޭނެކަމަށް ހަަލީމު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި އައު އިމާރާތެއް އަޅަން ނިންމާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
ހޮސްޕިޓަލުގެ އައު އިމާރާތް އަޅަން ނިންމާފައިވަނީ މިހާރު ހުރި ހޮސްޕިޓާ އިމާރާތާ އިންވެގެންނެވެ. އެއީ މިހާރުވެސް ހޮސްޕިޓާ ހުރި ބިމުގަ އެވެ. 15 ބުރީގެ އާ އިމާރާތުގައި 250 އެނދު ހުންނާނެ ކަމުގައި ހަލީމު ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އައު އިމާރާތުގެ މަސައްކަތްތައް ނިންމައިލެވުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް އެ ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ހަމަަޖެހިގެންދާނެ ކަމަށެވެ.