އެހެން ކަމުން އަކްޔަން ގޮވައިގެން ހޮސްޕިޓަލަށް ދާން ލީޒާ ގެންދިޔައީ ތައްޔާރު ވަމުންނެވެ. އެ ހުރިހާ ކަމަކަށް ލީޒާ ތައްޔާރު ވަމުން ދިޔައިރު ވެސް އެނާގެ ދެލޮލުން ކަރުނަ ހުސްވި ހަމަ އެންމެ ސިކުންތެއް ވެސް ނާދެއެވެ.
- އެޕިސޯޑް 72 –
ޓެކްސީއެއްގައި ލީޒާއަށް ހޮސްޕިޓަލަށް ދެވުން އިރު އޭނާގެ ހިތް ހީވަނީ ހަށިގަނޑު ފަޅާލާފައި ބޭރަށް ނުކުމެ ދާނެހެންނެވެ. އެއްވެސް ހަމަޖެހުމެއް އޭނާގެ ހިތަކަށް ނުލިބެއެވެ. ހޮސްޕިޓަލްގެ ތެރޭގައި ހަރުކޮށް ހިނގާފައި ދިޔަ ލީޒާގެ ހިތާއި ސިކުނޑީގައި ވަނީ ހަމައެކަނި ޝަރާއެވެ. ހިތުގެ އަޑިން ދުޢާ ކުރެވެމުން ދިޔައީ ޝަރާގެ ޙަޔާތް ދިގުކޮށްދެއްވުމަށެވެ. ލީޒާ ހޮސްޕިޓަލްގެ ތެރޭގައި ބާރަށް ކުރިއަށް ދިޔައިރު، ލީޒާ ހުރީ އަކްޔަން އުރާލައިގެންނެވެ. އަކްޔަން އޮތީ ނިދާލާފައެވެ. ދޭތެރެ ދޭތެރެއިން އަކްޔަންގެ މޫނަށް ލީޒާއަށް ބަލައިލެވެއެވެ.
ވަރަށް އަވަސްކޮށް ހިނގާފައި ދިޔަ ލީޒާއަށް ކުއްލިއަކަށް ހުއްޓުން އެރުނެވެ. ލީޒާގެ ދިމާ ކުރިމަތީގައި ހުއްޓިގެން އެ ހުރީ އަޔާޒެވެ. ނަމަވެސް އަޔާޒްގެ ކަޅި އަމާޒް ވެފައި ވަނީ އެހެން ދިމާލަކަށެވެ. ލީޒާއަށް ވީ ގޮތް ވެސް ނޭނގުނެވެ. ވަރަށް އަވަސްކޮށް އަނެއް ފަރާތަށް އެނބުރުނެވެ. ކުރިއަށް އަންނަން މިސްރާބު ހުރި މީހެއް ކުއްލިއަކަށް ކޮޅު ބަދަލުކޮށްލުމުން އެކަން އަޔާޒަށް ފާހަގަވިއެވެ.
އަޔާޒަށް ލިބުނީ ހައިރާން ކަމެކެވެ. އަނެއްކާ އަޔާޒް ފެނިގެން ބާއޭ ހިތާ ހިތާ އޭނާއަށް އަހައިލެވުނެވެ. ލިބުން ހައިރާން ކަމާއެކުގައި އަޔާޒް ހިނގައިގަތީ ލީޒާގެ ފަހަތުންނެވެ. އެކަމެއް ލީޒާ އަކަށް ނޭނގެއެވެ.
ލީޒާ ގޮސް ހުއްޓުނީ އައިސީޔޫގެ ކުރިމަތީގައެވެ. މާދުރު ނޫން ހިސާބެއްގައި އަޔާޒް ހުރީ ލީޒާއަށް ބަލާށެވެ. ނަމަވެސް މޫނު އެއްކޮށް ނުފެންނާތީ އެއީ ކާކު ކަމެއް އަޔާޒަކަށް ފަހުމެއް ނުވިއެވެ. ނަމަވެސް ވަރަށް ދަންނަ ފާޑެއް އޭނާގެ މޫނުމަތިން އަޔާޒަށް ޖަހަމުން ދިޔައެވެ. އެއީ އަޔާޒް އިތުރަށް އެމީހާއަށް ފާރަލާން ބޭނުންވި މައިގަނޑު ސަބަބެވެ.
"އަޅެ މިކޮޅު ބަލާބަލަ! އަހަރެންނަށް ވަރަށް ފެންނަ މީހެއް ވައްތަރު ޖަހަނީ... ކާކުބާ؟ އެއްކޮށް މޫނު ނުފެންނާތީ މައްސަލަ އަކީ.. ރާއްޖޭ މީހެއް އެއީ... އެކަން ޔަޤީން.."
އަޔާޒް އޭނާގެ އަމިއްލަ ނަފުސާ މުޙާތަބުކޮށް ބުނެލިއެވެ.
ހޮސްޕިޓަލްގެ ތެރެއިން އަޔާޒް ފެނުމުން އެކަމުގެ ޖެހިލުން ވުން ވެސް ލީޒާގެ ހިތުގައި އެބަ އޮތެވެ. ވައްކަޅިން ނަމަވެސް އެކި ދިމާލަށް ދޭތެރެ އަކުން ލީޒާ އަށް ބަލައިލެވެއެވެ.
"ލީޒާ.."
އައިސީޔޫއާ ގާތުގައި ހުރި ފާޚާނާއިން ނުކުތް ދާއިންގެ މުޅި މީހާގެ މޫނުމަތިން ވަނީ ބަދަލުވެފައެވެ. އެތައް އިރަކު އެތާ އެތެރޭގައި ވަގުތު ހޭދަކުރުމަށްފަހު، ދާއިން ނުކުތީ އޭނާގެ ފޯނަށް ލީޒާ ކޮށްފައިވާ މެސެޖު ފެނުމުންނެވެ. ހޮސްޕިޓަލްގައި ކަމަށް ބުނެ ފޮނުވި މެސެޖުންނެވެ.
"ކީއްވެ ތިއައީ؟ އަަކްޔަން ގޮވައިގެން މިހެން މާ ގިނަ އިރު ހޮސްޕިޓަލްގަ އުޅުން މާ ރަނގަޅެއް ނުވާނެ..."
ދާއިން މަޑުމަޑުން އަކްޔަންގެ މޫނަށް ބަލައިލިއެވެ.
"އަދި ނުވެއެއްނު މާ ގިނަ އިރެއް.. އެކަމު، އަހަރެން ކިހިނެއް ނައިސް ވާނީ؟ އަޅެ ދާއިން ވެސް އެއްވެސް ޚަބަރެއް ފަހުން ނުވޭ.. އަހަރެން ހާސް ވާނެ ދޯ؟"
ލީޒާގެ އަޑުގައި ވަނީ ވަރުބަލި ކަމެވެ. ހިތްދަތި ކަމެވެ.
"އަހަރެން މިހާރު އޯކޭ.. އަހަރެން ވަރަށް ވިސްނައިފިން.. ހިތް ފުރޭ ވަރަށް ރޯލައިފިން،.. ދެން ހިތްވަރު ކުރާނަން.. ލީޒާ ބަލިކަށި ވާނެ ކަމެއް.. އަކްޔަންއަށް ދެރައެއް ލިބޭނެ ގޮތަކަށް އަހަރެން ކަމެއް ނުކުރާނަން.. އަބަދު ވެސް ލީޒާ އާއި އަކްޔަންއަށް ހިތްވަރު ދޭން އަހަރެން ހުންނާނަން.."
ދާއިން އެހެން ބުނުމާއެކުގައި، ލީޒާ ބަލައިލީ ދާއިންގެ މޫނަށެވެ. އަދި ވަރަށް މަޑުމަޑުން ދާއިންގެ މޭގައި ލީޒާ ބޯޖައްސާލިއެވެ. ދާއިންއަށް ވެސް ހިތްވަރު ދޭނަމޭ ބުނާ ފަދަ ގޮތަކަށެވެ.
ދާއިން އާއި ލީޒާއަށް ސިހިގެން ދިޔައީ އެމީހުންގެ ދާދި ގާތުން މީހަކު ކަރު ކެހެލި އަޑަށެވެ. ދާއިންގެ ދެލޯ ވަގުތުން ބޮޑު ވެގެން ދިޔައެވެ. ލީޒާ ފަހަތް ބަލައިލަން އުޅެނިކޮށް ލީޒާގެ ކޮނޑުގައި ކޮއްޓާލަމުން ފަހަތް ނުބަލަން އިޝާރަތް ކޮށްލީ ދާއިންއެވެ.
"ކޮބާ ބުރޯ ކިހިނެއް؟"
ދާއިން ހިނިތުންވެލަމުން އަޔާޒްއާ ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ.
"އަހަރެން މި އަންނަނީ.."
ލީޒާ ވަރަށް އަވަސްކޮށް ކުރިއަށް ހިނގައިގަތެވެ. އަކްޔަން ގަޔާ ފިއްތާ ފޮރުވާލަމުންނެވެ. ލީޒާގެ މޫނެއް ފަހަތުން އައި އަޔާޒަކަށް އެއްކޮށް ނުފެނެއެވެ.
"ބްރޯ ވައިފް ދޯ؟ ވައިފް އާ އެކުގަ ކޮން ކަމެއް؟ ދަރިފުޅު އޯކޭތަ؟"
ލީޒާއަށް އިޝާރާތްކޮށް އަޔާޒް އެހި ސުވާލު، ކުރިއަށް ހިނގައިގަތް ލީޒާގެ ކަންފަތުގައި ޖެހުނެވެ.
"އާނ.. ވައިފް ވެސް ދަރިފުޅު ވެސް ރަނގަޅު.. މިއައީ ކުޑަ ޓެސްޓެއް ހަދާލަން.. ހުރިހާ ކަމެއް ވެސް ރަނގަޅު.. ބްރޯ އެބަ އުޅެން ދޯ؟ އޭރުގަ އަހަރެން އަޑު އެހީ ކުޑަ ދުވަސްކޮޅަކަށް މި ހޮސްޕިޓަލްގަ އިންޓާރނަކަށް އައި ވާހަކަ.. ފަހުން ކިހިނެއްވީ؟" ދާއިން ހަމަޖެހޭކަން ދައްކާލަމުން އަހައިލިއެވެ.
"އާނ.. އަހަރެން މިއަދު އައިސް މި އުޅެނީ ލިޔުމެއް ހޯދަން.. އަހަރެން އިންޓާރނޝިޕް މި ނިމެނީ.. އެހެންވެގެން.. މާލެ ދާނަން ވަރަށް އަވަހަށް.. މޭބީ ވީކެއް ފަހުން..."
އަޔާޒްގެ ޖުމުލައިން ދާއިން ހުއްޓުން އެރިއެވެ. ދުނިޔޭގެ އުސޫލުތަކާއި ޤާނޫނު ހިނގާ ގޮތް ހިތަށް އަރާފައެވެ. އަޔާޒްގެ ދަރިފުޅާއި، އޭނާގެ ކުރީގެ އަންހެނުންނާ ވަރަށް ގާތުގައި އުޅެވޭ އިރު ވެސް އޭނާއަށް އެކަން ރޭކާ ވެސް ނުލައެވެ. އަޔާޒް މިކޮޅުގައި އުޅޭކަން އެނގޭ ނަމަ، ޝަރާ ވަރަށް ވިސްނާނެއެވެ. ފަހަރުގަ އަޔާޒްއާ ބައްދަލު ކުރަން ވެސް އުޅެދާނެއެވެ. ނަމަވެސް ޝަރާގެ ހިތާއި ސިކުނޑިއަށް އިތުރު ވިސްނުންތައް ނުވައްދަން ވެގެން އެކަން ދާއިން އާއި ލީޒާ ޝަރާއަށް ސިއްރު ކުރީއެވެ.
"ދަނީ އިނގޭ!"
އަޔާޒް ހިނގައިގަތީ ކުރިއަށެވެ. އަޔާޒް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކުން އޭނާގެ ހިތަށް އުނދަގޫ ވަނީއެވެ. ދާއިންގެ ހަރަކާތް ތަކާއި ވާހަކަތަކުން އަޔާޒަށް ބުނެދޭން ނޭނގޭ ފަދަ އިޙްސާސްތަކެއް ވާކަން އަޔާޒަށް ހީވެއެވެ. ދާއިން އަކީ އަޔާޒް ދަންނަ މީހެއް ނޫން ނަމަވެސް، ދާއިން އަށް އަޔާޒް ވަރަށް ބޮޑަށް އެނގޭހެން އަޔާޒަށް އިޙްސާސް ވަނީއެވެ.
އަނެއްކޮޅުން ދެންމެ ވެސް ދާއިންގެ ވާހަކަތަކުން އަޔާޒަށް އިޙްސާސް ވެގެން ދިޔައީ ކަންތައް ތަކެއް ދާއިން ފޮރުވަން އުޅޭހެންނެވެ. އެއްވެސް ކަމެއް ނުވާ ނަމަ، ނުވަތަ ހުރިހާ ކަމެއް އޯކޭ މީހެއްގެ މޫނު މަތިން އެހާ ނިކަމެތިކަން ފެންނަން ވީ ކީއްވެ ހެއްޔެވެ؟ އެ ދެ ލޮލުން ރަތްކަމާއި، ދެލޯ ވަޅު ހެދިފައި ވަނީ ވަރަށް ބޮޑު ހިތާމައެއް ކޮށްގެންހެން އަޔާޒަށް ހީވެއެވެ. ނަމަވެސް، އަޔާޒްއަށް އޮޅުވާލަންވީ ކީއްވެ ހެއްޔެވެ؟ އަޔާޒް އަކީ އެމީހުން ދަންނަ މީހެއް ވެސް ނޫން ތާއެވެ! މިއީ ހައްތަހާވެސް އަޔާޒްގެ ސިކުނޑިއަށް ވަންނަމުން ދިޔަ ފިކުރު ތަކެވެ.
އަޔާޒަށް ފިލަން ވެގެން ހޮސްޕިޓަލްގެ ތެރޭގައި ލީޒާ ހިނގަމުން ގޮސް ޖެހުނީ ހޮސްޕިޓަލްގެ ތެރެއިން ވޯރޑް ތަކާ ދިމާލުން ކުރިއަށް އައި އަޔާޒްގެ ކުރިމައްޗަށެވެ. އަޔާޒަށް ބަލައިލެވުނީ ކުރިއަށެވެ. ލީޒާއަށް ބަލައިލެވުނީ އަޔާޒްގެ މޫނަށެވެ. ހަމައެއާ އެކު ލީޒާ ވަގުތުން އަކްޔަންގެ މޫނުގައި އޮތް ފޮތިކޮޅު ރީތިކޮށްލާ، އަކްޔަން ބޮޑަށް ނިވާކޮށްލިއެވެ. ދެމީހުން ވެސް ހައިރާން ކަމާއި އެކުގައި ދެލޯ ބޮޑު ކޮށްގެން އެކެއް އަނެކެއްގެ މޫނަށް ބަލަން ހުރެވުނެވެ. އަޔާޒްގެ ފަރާތުން އައިސްދާނެ ސުވާލަކަށް ލީޒާ ހުރީ ވަރަށް ބޮޑަށް ޖެހިލުން ވެފައެވެ. (ނުނިމޭ)