ފުލުހުންނާއި ސުވާލު ކުރުމުން ބުނީ ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެއްވެސް ތަފްސީލެއް ނުދެ އެވެ.
ލަންކާގައި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބިފައިވާ އިންޒާާރާއި ގުޅިގެން އެ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ބުނާތީ ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެެވެ.
ފަތުރުވެރީންގެ މެދުގައި ވަރަށް މަގުބޫލު އަރުގަމް ބޭ ސަރަހައްދުގައި ވަރުގަދަ ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަމަށް އެމެރިކާ އިން އޮތީ ލަންކާއަށް އަންގާފަ އެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ހަތިޔާރާ އެކު ސިފައިން ވަނީ ނެރެފަ އެވެ.
އިންޒާރާއި ގުޅިގެން ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ވަރުގަދަ ތަހުގީގެއް ފަށާފަ އެވެ. އަދި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ އެ ހަމަލާ ރާވާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންނެވެ. އެ މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ވެ އެވެ.
އެ މީހާގެ ފޮޓޯއާ ވަނަވަރު ވެސް އާންމުކޮށްފައިވެ އެވެ. އެއީ ދިވެއްސަކާ ލަންކާ އަންހެނަކު ކައިވެނިކޮށްގެން ލިބިފައިވާ ނަމަވެސް ދުވަހަކު ވެސް ރާއްޖެ އައިސްފައި ނުވާ ދިވެހި ރަށްވެހިކަން ވެސް ހޯދާފައި ނުވާ މީހެއް ކަމަށްވެ އެވެ. އެކަމަކު އޭނާގެ މާލޭގެ އެޑްރެސް ކަަމަށް ބުނެ ގެއެއްގެ ނަން އޭނާގެ މައުލޫމާތު އާންމުކުރި ފަރާތުން ހާމަކޮށްފައިވެ އެވެ.
އެކަމާ ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުން ބުނީ ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެއްވެސް ތަފްސީލެއް ނުދެ އެވެ. އެހެން ކަމުން އެ ދިވެހި މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.