ކޮންމެ ގައުމަކުން ވެސް ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރަން ޖެހޭނެ: ޝާހިދު

ދިވެހިރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކޮންމެ ގައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެ / ކުރަން ޖެހޭނެ ގައުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ "ޔޫއެންޑޭ" ގެ މުނާސަބަތުގައި ދެއްވި މެސެޖެއްގަ އެވެ. ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވި މެސެޖްގައި ޝާހިދު ވިދާޅުވީ ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް މި ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖެއިން އެކަން ސާބިތު ކޮށްދީފައި ވާކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށް ފަހު ހާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ދިވެހިރާއްޖެއިން ނިންމީ އދގެ މެމްބަރުކަން ހޯދަންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ޔޫއެންޑޭ ފާހަގަ ކުރަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯ ގައި އެކުވެރި ދައުލަތްތައް – ޔުނައިޓެޑް ނޭޝަންސް – އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަ ކުރުމަށެވެ.

ޝާހިދުގެ މެސެޖް ގައި ވިދާޅުވީ އދގެ ޗާޓަރަށް އަމަލުކުރަން ފެށިތާ އަށް އަހަރު ވުން ފާހަގަކުރާއިރު، އެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށް ވުރެ މިހާރު މުހިއްމު ވެފައިވާ ކަމަށެވެ. އަދި މަލްޓިލޭޓަރަލިޒަމް އާއި މަޝްވަރާ އާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް –- ތިމާވެށީގެ މައްސަލަތަކާއި ފަގީރުކަމާއި ގަތުލުއާއްމުތައް ފަދަ މައްސަލަތައް ހައްލުކުރުމުގައި އދގެ ދައުރު މުހިއްމުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދުވަސްތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އދ އަކީ އޭގެ އުނިކަންތަކާއި މައްސަލަތަކާއެކުވެސް އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމިއްޔާ އެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.