"އެމްޑީޕީ ވެރިކަމުގައި ޓެކްސް އެޕީލް ޓްރިބިއުނަލު ހެދުމަށް ދެ މިލިއަން ރުފިޔާ ހަރަދުކުރި. މިހާރު އެތަނުގެ ކުއްޔަކީ 375،000 ރުފިޔާ.،" ތާރިގު ވިދާޅުވި އެވެ.
ރާއްޖޭގައި އެކި ކަންކަމަށް އުފައްދާފައިވާ މުއައްސަސާތައް ގިނަ ނަމަވެސް އެތަންތަނުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ޓެކްސް އެޕީލް ޓްރިބިއުނަލުން ހުސްވެފައިވާ ހަތަރު މެންބަރުންގެ ޖާގައަށް ބޭފުޅުން އައްޔަންކުރުމަށް ރައީސް މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސްކުރައްވަމުން ތާރިގު ވިދާޅުވީ އެ ޓްރައިބިއުނަލުގެ ކަންކަން ކުރީ މަޖިލީހުގައި ބެލި ކޮމިޓީއެއްގައި އޭނާ ހިމެނިވަޑައިގެންނެވި ކަމަަށެވެ. އެ ކޮމިޓީއަށް ފާހަގަކުރެވުނު ގޮތުގައި ޓްރައިބިއުނަލުން ހަތް އަހަރު ދުވަހުގެ ތެރޭގައި ނިންމާފައިވަނީ އެންމެ ދެ މައްސަލަ ކަމަށްވެސް ތާރިގު ވިދާޅުވި އެވެ.
ތާރިގު އިތުރަށް ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އޮފީހެއް ގާއިމުކުރުމަށް ދެ މިލިއަނެއްހައި ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރި ކަމަށެވެ. އަދި އޮފީސް ގާއިމުކުރީ އަމިއްލަ މީހެއްގެ ގޭގައިކަން ފާހަގަކުރައްވަމުން ތާރިގު ވިދާޅުވި ގޮތުގައި މިހާރު އެތަނުގެ ކުއްލި ތިން ލައްކައިން މައްޗަށް ގޮސްފައިވެ އެވެ.
"އެމްޑީޕީ ވެރިކަމުގައި ޓެކްސް އެޕީލް ޓްރިބިއުނަލު ހެދުމަށް ދެ މިލިއަން ރުފިޔާ ހަރަދުކުރި. މިހާރު އެތަނުގެ ކުއްޔަކީ 375،000 ރުފިޔާ.،" ތާރިގު ވިދާޅުވި އެވެ.
ޓެކްސް މައްސަލަތައް އެޕީލް ކުރުމަށް ޓްރައިބިއުނަލެއް އުފެއްދުމުން އެތަނަށް މައްސަލައެއް ހުށަނޭޅުމާއި، ހުށަހެޅޭ މައްސަލަތައް ނުނިމުމާއި، އެ އިދާރާ ހިންގުމަށް މަހަކު 375،000 ރުފިޔާ ހަރަދުކޮށްގެން އިމާރާތެއް ކުއްޔަށް ނަގައިގެން ފަސް މެންބަރުން ވަޒީފާއަށް ނަގައިގެން ބޮޑު މުސާރަ ދިނުމަކީ މަޖިލީހުގެ މެންބަރުން އެކަމާމެދު ވިސްނަންޖެހޭ ކަމެއް ކަމުގައި ޓޮމް ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވައިލަން މަޖިލިސް މެންބަރުންނަށް އަދި ބަންޑާރަނައިބަށްވެސް ޓެކްސް މައްސަލައެއްގައި ހިތްހަމަނުޖެހިއްޖެނަމަ އެހެން ނިޒާމެއްގެ ތެރެއިން، މިހާރުވެސް ރާއްޖޭގައި ސިވިލް ކޯޓު އެބަހުރި، ކޯޓުގެ ތެރެއިން ގެންގޮސް ނިންމޭނެ ނިޒާމެއް ގާއިމުކުރަން. އެއީ އެޕީލްކުރާ މައްސަލަތައް މަދުވުމާއި ނިންމޭ މައްސަލަތައް މަދުވުން ފަދަ ކަންކަމާ ގުޅިގެން،" ތާރިގު ވިދާޅުވި އެވެ.
ޓޮމް އިތުރަށް ފާހަގަކުރެއްވީ އެޕީލް ޓްރައިބިއުނަލުގެ އޮފީސް ގާއިމުކުރުމަށް ދެ މިލިއަން ރުފިޔާ ހަރަދުކުރިއިރު ކުރީގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ޓްރައިބިއުނަލުގެ ހާލަަތު ބެލުމުން އެ އޮފީހުގައި މައްސަލަތައް ކުރިއަށްގެންދިއުމަށް ކޮޓަރި ނެތް ނަމަވެސް ކޮންމެ މެންބަރަކަށް ބޮޑު ކޮޓަރިއެއް ގާއިމުކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިދަނީ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅައިގެން. ހުށަހަޅައިގެން ދިޔައިރު މިގޮތަށް އުފެދިފައިވާ މުއައްސަސާތައް ގިނަކަމާއި އެ މުއައްސަސާތަަކުން ކުރާ މަސައްކަތުން ނެރެވޭ ނަތީޖާ މަދު،" ތާރިގު ވިދާޅުވި އެވެ.