"އެވަގުތު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސިޔާސީ ސަބަބުތަކަށްޓަކައި އޮތީ ނޭޅި. މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފިޔަވަޅުތައް ފެއްޓެވީ ސީދާ އެމަނިކުފާނާ ހަމައިން."
މިވަގުތު ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ޔަގީންކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވީ ސިޔާސީ ގޮތުން އުނދަގޫ އެހެންނަމަވެސް ގައުމުގެ ހައްގުގައި ކޮންމެހެން އަޅުއްވަން ޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފި އެވެ.
ރައީސް ރޭ ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު ހަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. އެގޮތުން، ސިޔާސީ މަގާމުތަކުގެ 10 ޕަސެންޓް ކުޑަކުރުމާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން ހިމެނެ އެވެ.
އޭގެ އިތުރުން އެމަނިކުފާނު ވެސް ނަންގަވާނީ މުސާރައިގެން 50 ޕަސެންޓް ކަމަށް ވިދާޅުވެފައިވެ އެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި، ރައީސްގެ ނިންމެވުންތަކަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އެޕާޓީން ބުނީ. ރާއްޖޭގެ މާލީ ހާލަތު ނާޒުކު ފައްތަރަކަށް ހުށަހެޅިފައިވާ މިދަނޑިވަޅުގައި، މާލީ އިސްލާހުތައް ސަރުކާރާއި ދައުލަތުގެ އެންމެ މަތީ ފަޑިން ފެށިގެން ކުރިއަށްގެންދެވުމަށް ނިންމަވައި، އެކަން ތަންފީޒު ކުރުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ނިންމެވި ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުންތަކެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.
އެޕާޓީން ބުނީ ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ، އެކަމުގެ ސަބަބުން ލިބޭ އާމްދަނީއާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުން ދިޔައިރު، އެކަން އިސްލާހު ކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފައަށް ކުރީ ސަރުކާރުން ދިނީ ބީރު ކަންފަތް ކަމަށެވެ.
އޭރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް ނިމިދިޔަ ސަރުކާރުން އަޅާފައި ނުވާ ކަމަށާއި، އޭގެ ސަބަބުން 2022 ގައި 9.8 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް އަންދާޒާކުރި ބަޖެޓު ޑެފިސިޓު، އަހަރު ނިމުނުއިރު 11.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަން ޕީއެންސީން ފާހަގަކުރި އެވެ. އަދި 2023 ގައި 8.6 ބިލިއަން ރުފިޔާގައި ބަޖެޓު ޑެފިސިޓު ހުންނާނެކަމަށް ލަފާކުރި ނަމަވެސް އަހަރު ނިމުނުއިރު ބަޖެޓު ޑެފިސިޓު ހުރީ 13.5 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައި ކަމަށާއި، ބަޖެޓު ޑެފިސިޓު ބޮޑުވިއިރު ރިކަރަންޓު ހަރަދުތައް ލިބުނު އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައިނުވާ ކަމަށް ވެސް ބުންޏެވެ.
"އެވަގުތު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސިޔާސީ ސަބަބުތަކަށްޓަކައި އޮތީ ނޭޅި. މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފިޔަވަޅުތައް ފެއްޓެވީ ސީދާ އެމަނިކުފާނާ ހަމައިން. އަމިއްލަފުޅު މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވަން ނިންމެވީ. އެއަށްފަހު ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ކުޑަކުރައްވަން ހުށަހެޅުއްވީ،" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި ގާއުމާއި ދިވެހި ދައުލަތުގެ މުސްތަގުބަލަށްޓަކައި މިއަދު ރައީސް ނިންމެވި ނިންމެވުންތަކަށް މަރުހަބާ ކީ ސަބަބަކީ އެއީ ކަމުގައި އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ.