އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ މިއަދު 1:30 ގައި ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް ފެށުމަށްފަހު، ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މިއަދު ނިންމާލަން ފާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ބޭނުންވާ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
މިނިސްޓަރު ބަޖެޓް ބަޔާން ހުށަހެޅުއްވުމުން، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ރިޔާސަތުން، ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ މިއަދު 1:30 ގައި ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް ފެށުމަށްފަހު، ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށެވެ. ބަހުސް ކުރައްވަން އެދިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ފަސް މިނެޓުގެ ވަގުތެއް ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.
ބަހުސް ނިމުމުން، ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް ފޮނުވައި، އެ ކޮމެޓީއަށް މަސައްކަތް ނިންމަން އެއް ދުވަހުގެ ވަގުތެއް ދިނުމަށް ވެސް ފަލާހު ހުށަހެޅުއްވި އެވެ. އެގޮތަށް ހުށަހެޅުއްވީ މަސައްކަތް އަވަސް ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ބަހުސް ދިރާސާ ކުރާ ކޮމެޓީން މަސައްކަތް ނިންމުމަށްފަހު ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، އެ ރިޕޯޓަށް ބަހުސް ކުރަން ކޮންމެ މެންބަރަކަށް ދެ މިނެޓް ދިނުމަށް ވެސް ފަލާހުގެ ހުށަހެޅުމުގައިވެ އެވެ.
ފަލާހުގެ ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވަނީ ތާއީދު ކުރައްވާފަ އެވެ. އެ ހުށަހެޅުން ފާސްވެފައި ވަނީ 69 މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންކަމުން މިއަދު 1:30 ގައި ބަޖެޓް ބަހުސް ފެށޭނެ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފަ އެވެ.