ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް ބާތިލުކުރުމުން ކޯޓު މެދުވެރިކޮށް ބޮޑެތި ބަދަލުތައް ނަގާތީ އެކަން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައި ހުރި ރަށްތަކުގެ މަސައްކަތް އަވަސްކުރުމަށް ގާނޫނަށް ގެންނަންްޖެހޭ ބަދަލުތައް ގެނައުމަށް ޓޫރިޒަމް ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ސަރުކާރުން ހުށަހަޅަން ނިންމައިފި އެވެ.
މިއަދު ރައްޔިތުންގެ މަަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެފައިވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑަށް އިސްކަންދެއްވީ މިފަދައިން ނުނިމި ހުރި ރަށްތަކުގެ މައްސަލަ ހައްލުކުރެއްވުމަށް ކަމަށެވެ.
އެގޮތުން ނުނިމިހުރި ރަށްތަކުގެ ދަފުތަރެއް މިހާރު އެކުލަވައިލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ ދަފުތަރުގައި 58 ރަށެއް އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ރަށްތައް މާކެޓަށް އެންމެ އަވަހަށް ނެރެވޭނެ ގޮތެއް ބެލުމަށްޓަކައި އެ ރަށްތައް ނަގާފައިވާ ފަރާތްތަކާއެކު މިނިސްޓްރީން މަޝްވަރާކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަދި އެ މަޝްވަރާތަކަށްފަހު އެ ރަށްތަކުގެ މަސައްކަތް އަވަސްކުރުމަށް ކުރެވޭނެ ކަންތައްތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށާއި، އެކަންކަމުގެ ތެރެއިން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަރަށް އަވަހަށް ބަންޑާރަނައިބު ބިލެއް މަޖިލީހަަށް ހުށަހަޅުއްވާނެ ކަމުގައިވެސް ފައިސަލް ވިދާޅުވި އެވެ.
ގާނޫނަށް ބަދަލުގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ފައިސަލް ވިދާޅުވީ ދޫކުރުމަށްފަހު ނުހެދި ހުރި ރަށްތަކުގެ އެއްބަސްވުންތައް ޓޫރިޒަމް މިނިސްޓްރީން ބާތިލުކުރުމުން ވަރަށް ގިނަ ފަހަރަށް މައްސަލަތައް ކޯޓަށް ހުށަހަޅައިގެން އެކަށީގެންނުވާ މިންވަރުގެ ބަދަލުތައް އޭގެ ތެރެއިން ހޯދަމުންދާކަން ފާހަގަކުރެވުމުން ކަމަށެވެ.
"އެގޮތަށް އިސްލާހުގެންނަން ހުށަހެޅީ މިގޮތަށް ދޫކޮށްފައި ހުންނަ ރަށްތައް ޓާމިނޭޓްކުރުމުން އެ ފަރާތްތަކުން ކޯޓަށް ވަޑައިގެން އެކަށީގެންނުވާ ބަދަލުތަކެއް އޭގެ ތެރެއިން ހޯދަމުންދާކަން އަޅުގަނޑުމެން ބެލިބެލުމުން ފާހަގަވެފައިވާތީ އެ ފުރުސަތު ނުދިނުމުގެ ގޮތުން.،" މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ފައިސަލް ވިދާޅުވީ އެއް ބޭފުޅަކު ރަށެއް ނަންގަވައިގެން ނުހެދި އޮންނަތާ 20، 30 އަހަރުވެފައި ހުރި ކަމަށެވެ. އަދި ރަށްތައް ނުހެދޭ ސަބަބުތަކުގެ ގޮތުގައި ރަށްތައް ނެންގެވި ބޭފުޅުން ފާހަގަކުރެއްވީ ރާއްޖޭގެ ބޭންކުތަކުން ރަށްތައް ތަރައްގީކުރަން ބޭނުންވާ ފައިސާ ނުލިބުން ކަމަށެވެ. އަދި ބޭންކުތަކުން ކަނޑައަޅާފައިވާ އިންޓަރެސްޓު ރޭޓުތަކުގައި ފައިސާ ނަގައިގެން ރަށްތައް ތަރައްގީނުކުރެވޭތީ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
އެ ރަށްތަކުގެ ތެރެއިން އެއްވެސް މިންވަރަކަށް މަސައްކަތް ނުހިނގާ އޮތް 22 ރަށެއްގެ އެއްބަސްވުން ބާތިލުކުރުމާ ގުޅޭ ގޮތުން ބަންޑާރަނައިބުގެ ލަފައަކަށް އެދިވަޑައިގެންފައިވާކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އަދި ބަންޑާރަނައިބުގެ ލަފާފުޅު ލިބުމާއެކު ފިޔަވަޅުއަޅުއްވާނެ ކަމުގައިވެސް ފައިސަލް ވިދާޅުވި އެވެ.