އިސްލާމިކް ބޭންކިން ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެރިޕޯޓުގައި ފާހަގަކުރީ އިސްލާމިކް ބޭންކިންގެ ހިދުމަތް އަހުލާގީ (އެތިކަލްް) އިންވެސްޓުމެންޓުގެ މައްޗަށް ބިނާވެފައި އޮތުމެވެ.
މީގެ ކުރިން މުސްލިމު އަޣުލަބިއްޔަތު އޮންނަ ގައުމުތަކުން ބޭރުގައި މަދުން ނޫނީ ނުފެންނަ އިސްލާމިކް ބޭންކިން ހިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާވެ އިސްލާމިކް ބޭންކުތަކުގެ އެސެޓުތައް 5 ޓްރިލިއަން ޑޮލަރަށް ކުރިއަށް އޮތް އަހަރު އަރައި، 2024 އިން 2029 އަށް %10 އާއި %12 އާ ދެމެދު ކުރިއަރާނެ ކަމަށް އަނާޟޯލު އެޖެންސީން އެކުލަވައިލި ރިޕޯޓެއްގައި ލަފާކޮށްފި އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތެއް ނޯންނަ އިނގިރޭސިވިލާތާއި ދެކުނު އެފުރިކާއާއި ލަގްޒަމްބާގު ފަދަ ގައުމުތަކުގައި އިސްލާމިކް ބޭންކިން ވަރަށް ބޮޑަށް ފުޅާވެފައިވެ އެވެ. އެ ގައުމުތަކުގައި އިސްލާމީ ޝަރީއަތަށް ފެތޭ ހިދުމަތްތައް ބޭންކުތަކުން ފޯރުކޮށްދޭ މިންވަރު އިތުރުވެފައިވެ އެވެ.
އިސްލާމިކް ބޭންކިން ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެރިޕޯޓުގައި ފާހަގަކުރީ އިސްލާމިކް ބޭންކިންގެ ހިދުމަތް އަހުލާގީ (އެތިކަލްް) އިންވެސްޓުމެންޓުގެ މައްޗަށް ބިނާވެފައި އޮތުމެވެ. އަދި އެތިކަލް އިންވެސްޓުމެންޓުގެ ސަބަބުން މުސްލިމުންނާއި ޣައިރު މުސްލިމުންވެސް އިސްލާމީ ބޭންކިންއަށް ޝައުގުވެރިވެ އެވެ.
އިނގިރޭސިވިލާތަކީ އިސްލާމީ ބޭންކިން އެންމެ ފުޅާކޮށް އާންމުވަމުންދާ އެއް ގައުމެވެ. ހާއްސަކޮށް ލަންޑަނަކީ އިސްލާމީ ބޭންކިންއާއި ފައިނޭންސިންގެ މަރުކަޒެއްގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ޝަހަރެކެވެ. އޭގެ އިތުރަށް އިނގިރޭސި ސަރުކާރުންވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ފައިސާ ހޯދުމަށް އިސްލާމީ ބޮންޑު ނުވަތަ ސުކޫކު ވިއްކާފަ އެވެ.
ލަގްޒަމްބާގަކީ ޔޫރޯ ޒޯނުގެ ގައުމުތަކުގެ ތެރެއިން އިސްލާމީ ބޮންޑެއް ވިއްކި ފުރަތަމަ ގައުމެވެ. އެ ގައުމުންވަނީ ފަސް އަހަރުން މެޗުއާވެ ފައިސާ ދައްކަންޖެހޭ ގޮތަށް 216.3 މިލިއަން ޑޮލަރުގެ ސުކޫލެއް ވިއްކާފަ އެވެ. އެ ސުކޫކު ވެގެންދިޔައީ ޔޫރޯ ޒޯނުގެ ގައުމުތަކުގެ މެދުގައި އިސްލާމީ މާލީ މުއާމަލާތްތައް އިތުރުވުމަށް މަގުފަހިވި ސަބަބަކަށެވެ.
ފާއިތުވި އަހަރުގެ ނިޔަލަށް ޝަރީއާއާ އެއްގޮތަށް ދޫކޮށްފައިވާ މާލީ އެސެޓުތަކުގެ ޖުމްލަ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރަ އެވެ. އަދި އަންދާޒާކުރެވޭ ގޮތުގައި 2026 ވަނަ އަހަރާ ހަމައަށްދާއިރު މި ބާވަތުގެ އެސެޓުތަކުގެ އަގު ތިން ގުނައަށް އިތުރުވާނެ އެވެ.
އަނާޟޯލް އެޖެންސީގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އިސްލާމިކް ބޭންކިން ހިދުމަތްތަކުގައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފިންޓެކް އަދި ބްލޮކްޗެއިން ބޭނުންކޮށްގެން މާލީ މުއާމަލާތްތަކުގެ ޔަގީންކަން އިތުރުކޮށް، ދެފުށްފެންނަ ގޮތަކަށް މުއާމަލާތްތައް ކުރެވޭނެ މަގުފަހިކުރުމުގެ މަސައްކަތް އިސްލާމީ މާލީ މުއައްސަސާތަކުން ފަށާފައިވާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.