އަދި، އެމީހުން މަގުމަތީގައި އުޅޭ ސަބަބުތައް ދެނެގަނެ، އެކަމަށް ހައްލު ގެނައުމަށް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ މަގުމަތީގައި ސަލާން ޖަހައި، ވަންނާނެ ތަނެއް ނެތި މަގުމަތީގައި އުޅޭ ފަރާތްތައް ރިމާންޑް ސެންޓަރުތަކަށް ގެންގޮސްގެން ފަރުވާ ދިނުމުގެ މަސައްކަތް މިއަދު ހަވީރު ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އަތުންފައިން މަސައްކަތް ކުރެވޭ، ގައިގައި ވަރު ހުރި ޒުވާނުންނާއި ހަރު މީހުން މާލޭގެ މަގުމަތީ ސަލާން ޖެހުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މަގުމަތީގައި މިގޮތަށް އުޅޭ މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ވަންނާނެ ތަނެއް ނެތި މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންނާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މަގުމަތިން ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެމީހުން ނެގުމަށްފަހު ފަރުވާ ދިނުމަށް ރިމާންޑް ސެންޓަރުތަކަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިއަދު ހަވީރުން ފެށިގެން އަޅުގަނޑުމެން ވަކިން ހާއްސަކޮށް މާލޭގެ ބާޒާރުމަތީ ސަރަަހައްދުތަކަށް ޓާގެޓްކޮށްގެން މިގޮތަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވޭ މީހުން ނަގަމުން ގެންދާނަން. ނަގާ ރިމާންޑް ސެންޓަރުތަކުގަ އެބޭފުޅުންނަށް ބޭނުންވާ ފަރުވާ ދެމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި، އެމީހުން މަގުމަތީގައި އުޅޭ ސަބަބުތައް ދެނެގަނެ، އެކަމަށް ހައްލު ގެނައުމަށް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަގުމަތީ ސަލާން ޖަހައިގެން އެތައް ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން ފައިސާ ހޯދާއިރު، ކުދިކުދި ވިޔަފާރިތައް ކޮށްގެން ފައިސާ ހޯދާ މީހުން ވެސް އުޅެ އެވެ. މަގުމަތީ އުޅޭއިރު ކުނި ހޮވައިގެން ވިއްކައިގެން ފައިސާ ހޯދައިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުން ވެސް މާލޭ މަގުމަތީގައި އުޅެ އެވެ. އެފަދަ މީހުން ބާޒާރުމަތީގައި ވަރަށް ގިނަ އެވެ.
ސަލާން ޖަހާ މީހުން އާންމުކޮށް ތިބެނީ އޭޓީއެމްތައް ކައިރީ އާއި ފިހާރަތައް ކައިރީގަ އެވެ.