އަމީރު ވިދާޅުވީ މި އަހަރަށް ފާސްކުރި ރެކޯޑު ބަޖެޓު ހުސްވެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅާއިރު، ރެކޯޑު ބަޖެޓު ހުސްކޮށްލިއިރު ރައްޔިތުންނަށް ލިބުނު ފައިދާއަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.
ސަަޕްލިމަންޓަރީ ބަޖެޓެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަަން ތައްޔާރުވަމުންދާއިރު، މި އަހަރަށް ފާސްކުރި 49.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެގެންދިޔަ ގޮތެއް ނޭނގޭކަމަށާއި ހަރަދުކުރި ގޮތުގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަނުކުރާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މި އަހަރަށް ފާސްކުރި ރެކޯޑު ބަޖެޓު ހުސްވެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅާއިރު، ބަޖެޓު ހުސްވެގެންދިޔައިރު އެ ފައިސާއިން ދިވެހި ރައްޔިތަކަށް ކުރީ ކޮން ފައިދާއެއްތޯ ސުވާލުކުރަންޖެހޭ ކަމަށެވެ.
އިތުރަށް އަމީރު ވިދާޅުވީ ކުރީ ސަރުކާރުގައި މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކުން ދޫކޮށް މި އަހަރުގެ ބަޖެޓުގައި ރެކޯޑުކުރަން ޖެހޭ ދެ ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ރެކޯޑުކުރުމަށްފަހު، އިތުރު ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނު ސަބަބަކީ ކޮބައިކަން ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
އަމީރު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި މުއްދަތުގައި ސަރުކާރުން ފައިސާ ހަރަދުކުރަމުންދާ ގޮތެއް ހާމަނުކުރެ އެވެ. އަދި ރެކޯޑު ބަޖެޓު ހުސްކުރި ގޮތް ސާފުކޮށްނުދީ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހެޅުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި އަމީރު ވިދާޅުވީ ކުރިން ކޮންމެ ހަފުތާއަކުވެސް ދައުލަތަށް ލިބުނު އާމްދަނީއާއި ހަރަދުކުރި ގޮތް ދިޔައީ ހާމަކުރަމުން ކަމަށެވެ.
"އަޅުގަނޑުމެންވެސް ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅިން. އެކަމަކު ކޮންމެ ހަފުތާއަކު އަޅުގަނޑުމެން އާންމުކުރާ ވީކްލީ ފިސްކަލް އަޕްޑޭޓްސްއިން އާމްދަނީއާއި ހަރަދުކުރި ގޮތުގެ ތަފުސީލު ފެންނާނެ. އެކަމަކު މިހާރު އަޅުގަނޑުމެންނަކަށް ނޭނގޭ އަސްލު 49.5 ބިލިއަން ރުފިޔާ ހުސްވެގެން ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާއިރު ހަރަދުވި މިންވަރެއް،" އަމީރު ވިދާޅުވި އެވެ.
އަމީރު ތުހުމަތުކުރެއްވި ގޮތުގައި ހޮނިހިރު ދުވަހު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ބޭނުމަކީ ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅުމަށް ބަހަނާއެއް ދެއްކުން ކަމަށެވެ.
އަދި ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވެގެން ފޫނުބެއްދިގެންކަމަށް ކަމުގައި އަމީރު ވިދާޅުވި އެވެ. ހަރަދު އިތުރުވި ކަންކަމުގެ ސިޔާސީ މުވައްޒަފުންގެ ހަރަދާއި ދަރިވަރުންގެ ލޯނުތަކަށް ކުރާ ހަރަދުތައް ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
އަމީރު ވިދާޅުވީ ކުރީ ސަރުކާރުން ފެށި ހުރިހާ މަޝްރޫއުތަކެއް މަޑުޖެހިފައިވާ ކަމަށާއި، ރަށްރަށުގައި އަލަށް ފެށުނު އެއްވެސް މަޝްރޫއެއް ނެތްއިރު ބަޖެޓު ހުސްވެގެން އިތުރު ފައިސާ ހޯދުމަށް ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅާއިރު، ރައްޔިތަކަށް ލިބުނު ފައިދާއަކީ ކޮބައިތޯ ވިސްނަންޖެހޭ ކަމަށެވެ.