ރައީސްގެ ނިންމެވުމެއް: ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު 21 އަހަރަށް މަތިކުރަނީ

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކެބިނެޓް ބައްދަލްވުމުގައި ރައީސް މުއިއްޒު

ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު 21 އަހަރަށް މަތިކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ އެ ނިންމެވުމުން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ވިދާޅުވީ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރު މަތި ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރަން ވެސް ރައީސް ވަނީ ނިންމަވާފަ އެވެ. އެގޮތުން ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 24، 2024 އިން ފެށިގެން މަނާ ކުރުމަށާ ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފައެވެ.

އެ އެންގެވުމާއި ގުޅިގެން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މިހާރު މަޖިލީހަށް ހުށައަޅާފައި ވަނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރަން ބިލެކެވެ. އެއީ ނޮވެންބަރު އެކަކުން 15 އަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށެވެ.

ބިލްގައި ވަނީ އިލެކްޓްރޯނިކް ސިނގިރެޓަށް / ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް / މިލިލީޓަރަކަށް އަށް ރުފިޔާ ބޮޑު ކުރުމަށެވެ. އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް / ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންގަތުގެ އުފެއްދުންތަލުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓަށް / މިލިލީޓަރަކަށް އަށް ރުފިޔާ ބޮޑު ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.