އެއާޕޯޓް އެކްސެލެންސްއަކީ އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ ޕްރޮގްރާމް އެކެވެ. މީގެ ބޭނުމަކީ އެއާޕޯޓްތަކުގެ ސަލާމަތްތެރިކަން ވަރުގަދަ ކުރުމެވެ.
އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ އެއާޕޯޓް އެކްސެލެންސް (އެޕެކްސް) އިން ސެކިއުރިޓީ ޕްރޮގްރާމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފަށައިފި އެވެ.
މި އެސެސްމަންޓް ފެށުމުގެ ގޮތުން މިއަދު ނޫވިލު ސީޕްލޭން ޓާމިނަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެއާޕޯޓްގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
"އެޕެކްސް އިން ސެކިއުރިޓީ" އެސެސްމަންޓް ޕްރޮގްރާމްގެ މަގުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތްބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ. މި އެސެސްމަންޓް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު އުމްރާނީ ގޮތުން ވެސް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދާ ކަމަށެވެ. އަދި މި އެއާޕޯޓުގެ ހިދުމަތްތައް ހޯދާ އެއާލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމްއޭސީއެލް އިން އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތަކެވެ. އެގޮތުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީ ވެސް މި ފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާ އަށް ބިނާކޮށް ހާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި އެސެސްމަންޓުގެ ސަބަބުން އެއާޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީއައިއޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި އެސެސްޓްމެންޓް ކުރި އަށް ގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގަ އެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަބަދު ވެސް މަސައްކަތްކުރަމުން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށެވެ. އެގޮތުން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އޭސީއައި އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަގްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެއާޕޯޓް އޮޕަރޭޝަންސް އާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން ގެންދެ އެވެ.