ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުމަކީ ހުއްދަކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ މަދު އިލްމުވެރިންގެ އަރިހުގައިވެސް ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުމަކީ ވާޖިބެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހަނގުރާމައިގެ މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދުކުރުމަކީ އިސްލާމީ އުންމަތުގެ ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ދީނުގައި ކުރަން އޮންނަ ކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމު މިފަދައިން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމާ ގުޅިގެން އޭނާގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި ކަށުނަމާދުކުރަން ނާންގާތީ ބައެއް މީހުން ފާޑުކިޔަމުންދާތީ ދެއްވި ރައްދުގަ އެވެ.
ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުމަކީ ގިނަ އިލްމުވެރިންގެ އަރިހުގައި ދީނުގައި އޮތްކަމަކަށްނުވާއިރު އެކަމަކީ ހުއްދަކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ މަދު އިލްމުވެރިންގެ އަރިހުގައިވެސް ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުމަކީ ކޮންމެހެން ވާޖިބު ކަމެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިތުރަށް ދަލީލެއްގެ ގޮތުގައި ޝަހީމު ފާހަގަކުރެއްވީ އުހުދު ހަނގުރާމާގައި ސަލާމާއި ޞަލަވާތްލެއްވުނު މާތް ނަބިއްޔާގެ ސަހާބީންގެ ތެރެއިން އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ހަމްޒާގެފާނު ފަދަ އެތައް މަތިވެރި ބޭބޭކަލުން ޝަހީދުވެވަޑައިގަތުމުން އެބޭފުޅުންގެ މައްޗަށްވެސް ނަބިއްޔާ ކަށުނަަމާދު ނުކުރައްވާ ކަމެވެ.
ޝަހީމު ވިދާޅުވި ގޮތުގައި އެ ހަނގުރާމާގައި ޝަހީދުވެވަޑައިގެންނެވި ސަހާބީންގެ މައްޗަށް ކަށުނަމާދު ކުރެއްވުމަކާ ނުލައި ސަލާމާއި ސަލަވާތް ލެއްވުނު ނަބިއްޔާ އެ ބޭފުޅުން ފަސްދާނުލެއްވީ އެވެ. އަދި އެބޭކަލުން ފަސްދާނުލެއްވީ ލޭފޮދާއެކު ހިނެވުމެއްވެސް ނެތިކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަމާސްގެ ކުރީގެ ލީޑަރު އިސްމާއީލު ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ޣައިރު ހާޒިރުގައި އިސްލާމީ ގިނަ ގައުމުތަކެއްގައި ކަށުނަމާދުކުރިއިރު ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ކަށުނަމާދުކުރީ އިސްލާމިކް މިނިސްޓްރީން ނާންގަނީހެވެ.