އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ އެ އޮފީހުގެ ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 80.4 މިލިއަން ރުފިޔާ ކަނޑައެޅުމަށެވެ.
އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރު 114.4 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކޮންމެ އަހަރަކުވެސް އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ފޮނުވަނީ ދައުލަތުގެ ބަޖެޓާ ވަކިންނެވެ. އަދި އެ އޮފީހުން އެދޭ ބަޖެޓު ފޮނުވުމުން މާލިއްޔަތު ކޮމިޓީން ބަޖެޓު ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓާއެކު އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ފާސްކުރެ އެވެ.
އަންނަ އަހަރަށް އޮޑިޓު އޮފީހުން ލަަފާކޮށްފައިވަނީ ޖުމްލަ 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދުގެ އިތުރަށް ހުޅުމާލޭގައި އަޅާ އެ އޮފީހުގެ އައު އިމާރާތަށް ހިނގާނެ ހަރަދުތައް ހިމަނާފައިވެ އެވެ.
އެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ އެ އޮފީހުގެ ރިކަރަންޓް ހަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ހަރަދުގެ ގޮތުގައި 80.4 މިލިއަން ރުފިޔާ ކަނޑައެޅުމަށެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސްއިން އިސްލާހު ކޮށްފައިވާ ގޮތަށް 34 މިލިއަން ރުފިޔާ ކަނޑައެޅުމަށެވެ.
އެހެންކަމުން ޖުމްލަ ބަޖެޓްގެ އަދަދަކީ 114.4 މިލިއަން ރުފިޔާ ކަމަށް ކޮމެޓިން ވަނީ ފާސްކޮށްފަ އެވެ. ކޮމެޓީ ރިޕޯޓް މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. ކޮމެޓީން ފާސްކުރިގޮތަށް އެ ބަޖެޓު ތަޅުމުން ފާސްކޮށްފައި ވަނީ މަޖިލީހުގެ 75 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބަޖެޓާ ގުޅިގެން މާލިއްޔަތު ކޮމިޓީންވަނީ ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދިފަ އެވެ. ބަޖެޓު ސީލިން ނުވަތަ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި އޮޑިޓު އޮފީހުގެ ބަޖެޓުގައި ހިމެނުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވަނީ 64.4 މިލިއަން ރުފިޔާ އެވެ.
ނަމަވެސް އޮޑިޓު އޮފީހުން ފޮނުވި ބަޖެޓަށް ރިއާޔަތްކޮށް، ބައެއް ކަންކަމަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަދަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ލަފާ ދީފައިވެ އެވެ. އެގޮތުން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ 4 މިލިއަން ކުޑަކުރަން ފިނޭންސްއިން ލަފާދީފައިވެ އެވެ.