ރަށު ޓޫރިޒަމަށް ހަ ޑޮލަރު، ކެތެއް ނުވާނެ | ދާންވީ ޕަސެންޓޭޖަށް

މިހާރު ހުށަހަޅާފައިވަނީ ގެސްޓްހައުސް ތަކުން ވެސް ހަ ޑޮލަރުގެ ގްރީން ޓެކުހެއް ނެގުމަށެވެ. އެކަމަކު ތަޖުރިބާކާރުންގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތަކީ ޕަސެންޓޭޖު އުސޫލަކަށް ދިއުމެވެ.

ގެސްޓްހައުސް އެންމެ ގިނަ މާފުށީގައި ޗުއްޓީ ހޭދަކުރަން އައިސްތިބި ބަޔަކު -- މިރާ

ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރި 1980 ގެ ކުރީކޮޅުވެސް ރާއްޖޭގައި އޮތެވެ. އެކަމަކު މި ވިޔަފާރި ޓޫރިޒަމްގެ ތެރެއަށް ވަދެ ބަޖެޓު ޓޫރިޒަމްގެ ގޮތުގައި ފައްކާ ވެގެން ގޮސްފައިވަނީ 2000 ގެ އަހަރުތަކުގަ އެވެ. އޭގެފަހުން މި ވިޔަފާރި ވެގެން ގޮސްފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް މުޅިން އާ ރަހައެއް ލައްވައިދިން "ޓޭސްޓް" ބަދަލުކޮށްލި ރަހަ އަކަށެވެ. ރާއްޖޭގައި އޮންނަނީ ހަމައެކަނި އަގު ބޮޑު ޓޫރިޒަމްގެ ގޮތުގައި ދުނިޔެ ދެކެމުން ދިޔަ ނަޒަރިއްޔާ ބަދަލުކޮށްލި ވިސްނުމެކެވެ. މި ކުރިއެރުމާއެކު 2010 ގެ ނިޔަލަށް ރާއްޖޭގައި ހުރި ގެސްޓްހައުސްގެ ގޮތުގައި ހުރީ 200 އެއްހާ ތަނެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް މި ވިޔަފާރި ފުޅާވެ 897 އަށް ބަދަލުވި އެވެ، މި ބަދަލުވުމާއެކު މި ވިޔަފާރި ވެގެން ގޮސްފައިވަނީ ސީދާ އާއްމު މީހާގެ އަތަށް އާމްދަނީ ވަންނަ އެންމެ ބޮޑު ދާއިރާ އަށެވެ. ގެސްޓްހައުސް ވިޔަފާރީގައި އުޅެމުން ދިޔަ 800 އެއްހާ އާއިލާ ވެގެން ގޮސްފައިވަނީ އާއްމު އެހެން ފަރާތްތަކަށްވުރެ އަތްމަތި ތަނަވަސް ފުންތެރިންނަށެވެ. އެކަމަކު މި ދާއިރާ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެެވުމާއި ސަރުކާރުތަކުން މާކެޓު ނުކުރެވުން އަދި ޓެކްސް ނިޒާމު ތައާރަފުވުމާއެކު ކޮންމެ ފަސް އަހަރަކުން ބޮޑު ކުރަމުން ދިޔަ ޓެކުސްތަކާއެކު މި ވިޔަފާރި އަށް ދަތިވާން ފެށި އެވެ. އެވްރެޖުކޮށް ގެސްޓްހައުސްއެއްގައި 50 ޑޮލަރު ވަރަށް ކޮޓަރިއެއް ވިއްކާއިރު ޓެކްސް ހުރީ އެންމެ މަތީ ފަންތީގެ ރިސޯޓެކޭ އެއް ހަމައެއްގަ އެވެ. ނަތީޖާއަކީ މި ދާއިރާ އަށް ނުކުންނަ މީހުންނަށް މި ވިޔަފާރި ކުރަން ދަތިވެގެން ދިއުމެވެ.

މި ދާއިރާގެ ޝަކުވާ މިގޮތުގައި އޮއްވައި އަންނަ އަނެއްކާވެސް ސަރުކާރުން މިވަނީ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމާ ގުޅުންހުރި ޓެކުހެއް ބޮޑު ކުރަން ނިންމާފަ އެވެ. މިފަދަ ގެންނަ ބަލާއެކު ވަނީ ގެސްޓްހައުސްތަކުން މިހާރު ނަގާ ތިން ޑޮލަރު ހަ ޑޮލަރަށް މައްޗަށް ޖައްސަން ނިންމާފަ އެވެ. ސަރުކާރުން ނިންމާ މި ނިންމުމާމެދު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެއްޗެއް ބުނަން ނުކެތި ހަރު ތިއްބަސް ހިސާބުތަކުން ދައްކަނީ މި ނިންމުމުގެ ސަބަބުން މި ދާއިރާއަށް ކެތްކުރަން ދަތި ގެއްލުން ވެގެންދާނެ ކަމެވެ. ސުވާލަކީ ރަށު ޓޫރިޒަމަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރު މަތިނުކޮށް ވާނެ އެހެން ގޮތެއް ނެތީ ހެއްޔެވެ؟ ނުވަތަ ގްރީން ޓެކުހަށް ޕަސެންޓޭޖް ސިސްޓަމެއް ގެނެސްގެން ބަދަލު ގެނައުން ކިހިނެއް ވާނެ ހެއްޔެވެ؟

ޓޫރިޒަމް ސިނާއަތުގެ އެކްސްޕާޓުންގެ ނަޒަރުގައި މިފަދަ ގްރީން ޓެކުހަށް ބަދަލު ގެންނައިރު ޕަސެންޓޭޖު އުސޫލެއް ގެނައުން މިއީ އެންމެ ރަނގަޅު ގޮތަކަށްވަދާނެ އެވެ. އެނޫން ގޮތަކަށް ރަށު ޓޫރިޒަމްގެ ޓެކްސް ބަދަލުކޮށްފިނަމަ އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ވުމުގެ ފުރުސަތު އޮންނާނެ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ވަހާލަތު ކުރާ ގޮތެއް ތިއީ ޕަސެންޓޭޖް ސިސްޓަމެއް ގެންނަމާ ހިނގާށޭ. އެންމެ ރަނގަޅު ގޮތަކީ ގްރީން ޓެކުހަށް ޕަސެންޓޭޖް ސިސްޓަމެއް ގެނައުން،" ޓްރެވަލް އެޖެންޓް އެސޯސިއޭޝަން މަޓާޓޯގެ އެއް ފައުންޑަރު އަދި އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް ވިދާޅުވި އެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ޓޫރިޒަމް ހިސާބުތަކުން ދައްކާ ގޮތުގައި ގެސްޓްހައުސް ވިޔަފާރި މުސްތަގުބަލްގައި ކުރިއަރައިގެންދާނެ އެވެ. ވޯލްޑް ބޭންކުގެ އަންދާޒާއަކީ ވެސް މި އެވެ. މިހާރު މި ދާއިރާގައި 14،000 އެނދު ހުރިއިރު ގެސްޓްހައުސްތަކުގެ ސަބަބުން ރިސޯޓު ސިނާއަތުގެ ބައެއް އެނދުތައް ފިލް ކުރަންވެސް ބާރަކަށްވެ އެވެ. މީގެ ކުޑަ މިސާލަކީ މާފުއްޓެވެ. އެ ރަަށުގައި އެކަށި 2،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދުހުރިއިރު މާފުށި ކައިރީގައި ހުންނަ ގިނަ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން "ސްޕްލިޓް ސްޓޭ" ހެދުމަކީ އާއްމު ކަމެކެވެ. މި ޓްރެންޑް އެހެން ރަށްރަށުގައި ވެސް އުޅެ އެވެ. މާފުށީގެ ބައެއް ގެސްޓްހައުސްތަކުން މާލެ އަންނައިރު ބައެއް ފަހަރު ގެސްޓްހައުސް އިން ކައިރި ރިސޯޓްތަކަށް މީހުން ފައިބަ އެވެ. އެމީހުންނަކީ މާފުށީގައި ތިން ދުވަސް ޗުއްޓީ ހޭދަކޮށްފަ ކޮންމެ ވެސް ރިސޯޓެއް ތަޖުރިބާ ކުރަންދާ މީހުންނެވެ. ޓޫރިޒަމްގެ މި ޓްރެންޑަކީ ކޮވިޑް-19 އަށްފަހު އުފެދިގެން އައި ޓޫރިޒަމްގެ އާ ޓްރެންޑެކެވެ. އެހެންވެ ޓެކްސްތަކެއް ބޮޑުކޮށްގެން މި ރަށު ޓޫރިޒަމް ވިޔަފާރިއަށް ދަތިކުރުމުގެ ބަދަލުގައި ފަސޭހަކޮށް މި ވިޔަފާރި ހިންގޭނެ ގޮތެއް ހެދުމަކީ މުޅި ޓޫރިޒަމްގެ މަސްލަހަތު ވެސް އޭގައި އޮތް ކަމެކެވެ.

ތަފާސް ހިސާބުން ރަށު ޓޫރިޒަމް ވިޔަފާރި

  • ގެސްޓްހައުސް އޮކިއުޕެންސީ
  • 2010 - 16.9 ޕަސެންޓް
  • 2023 43 ޕަސެންޓް
  • ގެސްޓްހައުސްތަކުގައި ހޭދަކުރި ރޭގެ އަދަދު
  • 2010 - 164،980
  • 2023 - 4,742,582 މިލިއަން

ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަށް މަސައްކަތް ކުރުމުގެ މަގުސަދުގައި މި ދާއިރާގެ ގިނަ ޒުވާނުން ބައިވެރިވެގެން އުފެއްދި ޑެސްޓިނޭޝަން ފިއުޗާ (ޑީއެފް) ގެ އެ ފައުންޑަރު އަމްޖަދު ތައުފީގު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ސިނައާތަށް ހަ ޑޮލަރު ގްރީން ޓެކުހުގެ ގޮތުގައި ނަގައިފިނަމަ މުޅި ސިނާއަތް ހަލާކުވުންގާތެވެ. މި ސިނާއަތަށް އޮތް ބިރުވެ ހަގީގީ މަންޒަރު ދައްކުވައިގެން އޭނާ އަމިއްލަފުޅަށް ވަނީ ތަފާސް ހިސާބު ތަކެއް ވެސް އެއް ކުރައްވާފަ އެވެ.

އަމްޖަދު ތައުފީގު


"ގެސްޓްހައުސްއެއް އެންމެ އަގު ބޮޑުކޮށްވެސް މި ވިއްކެނީ 80 ޑޮލަރަށް. މީގެން އޮންލައިން ޓްރެވަލް އެޖެންޓް [އަގޯޑާ . ބުކިން ޑޮޓްކޮމް ] ފަދަ ފަރާތްތަކަށް 20 ޕަސެންޓް ދޭން ޖެހޭ، އެ ދީފަ ސާވިސް ޗާޖު ދީފަ ހަރަދުތައް ކަނޑާލީމަ މީގެ 50 ޕަސެންޓު އެބަދޭ. އެހެންވެ މިއީ ގެސްޓްހައުސްތަކަށް ބޮޑު ބުރައަކަށްވާނެ،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ 13 އަހަރުވީ ތަޖުރިބާކާރު އަމްޖަދު ވިދާޅުވި އެވެ.

ބަދަލު ގެންނަނީ ރައްޔިތުންނަށް އަސަރު ނުކުރާ ޓެކްސް

ސަރުކާރުން ޓެކްސް ތަކަށް ގެންނަ ބަދަލު މީޑިއާތަކަށް ވަނީ ހިއްސާކޮށްފަ އެވެ. އެ ބަދަލުގައި ރައްޔިތުންނާ ސީދާ ގުޅުންހުރި ބަދަލެއް ނެތްކަމަށް ސަރުކާރުން ބުނެ އެވެ. ގެންނަ ބަދަލުގެ ތެރޭގައި ހިމެނެނީ އެއާޕޯޓުން ފުރާ މީހުންގެ އަތުން ދިވެހިން ނުހިމެނޭހެން ފީ ބޮޑު ކުރުމާއި ގްރީން ޓެކްސް މަތި ކުރުން އަދި ޓޫރިޒަމް ޓެކްސް 16 ޕަސެންޓުން 17 ޕަސެންޓަށް މައްޗަށް ޖެއްސުމެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯގެ އިސް ވެރިއަކު "މިރާ" އަށް ބުނި ގޮތުގައި ގެންނަ ބަދަލުތައް މީޑިއާ ތަކަށް ހިއްސާކުރި ނަމަވެސް މިހާރު އިއުލާނުކޮށްފައިވާ ނަމްބަރުތައް ބަދަލުވުން ގާތެވެ. ސަބަބަކީ މިހާރުގެ އޮތްގޮތަށް ބަދަލު ގެނެސްފިނަމަ މުޅި ސިނާއަތުގެ ބޮޑުބައެއް ހިއްސާ ކުރާ ގެސްޓްހައުސް ތަކަށް އަސަރު ކުރުން ގާތްވުމެވެ.

ޓެކްސްތަކަށް ބަދަލު ގެނައުމުގެ ކުރީގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގެސްޓްހައުސްތައް ގިންތި ކުރުމެވެ. ހަގީގަތުގައި ގެސްޓްހައުސްއަކީ 20 ކޮޓަރިން ދަށުގެ ތަންތަކެވެ. ހަމަ ދަންނަ އުސޫލަކީ މި އެވެ. އެއަށްވުރެ މަތީ ތަންތަނަކީ ބުޓީކް ހޮޓެލްގެ ގޮތުގައި ބަދަލު ކުރަން ޖެހެ އެވެ. މި ބަދަލު ގެނެސް 20 ކޮޓަރިން ދަށުގެ ތަންތަނަށް ޓެކުހުގެ ލުއިތަކެއް ދޭން ޖެހެ އެވެ. އަދި ގްރީން ޓެކްސް ނެގުން ޓޫރިޒަމްގެ އެކި ވަސީލަތްތަކަށް އެކި ޕަސެންޓޭޖުގައި ހަމަޖެއްސުމަކީ މަޖިލީހަށް ކުރެވިދާނެ ކަމެކެވެ. މި ބަދަލު ގެނައުމުން މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކު ނަގާ ގްރީން ޓެކުހުގެ ހަ ޑޮލަރު އެންމެ ހައި އެންޑް ރިސޯޓުތަކުގައި ޕަސެންޓޭޖުން މަތި ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މިއީ އާމްދަނީވެސް މަތިވެގެންދާނެ ކަމެކެވެ.

ރާއްޖޭގެ ހައި އެންޑް ރިސޯޓުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޑީއެފްގެ ފައުންޑަރު އަމްޖަދު ވިދާޅުވި ގޮތުގައި ކާބަން ފުޓް ޕްރިންޓަށް ބަލާއިރު ގެސްޓްހައުސްއަކަށް އަންނަ މީހަކަށްވުރެ ރިސޯޓަކަށް އަންނަ މީހާގެ ކާބަން ފުޓް ޕްރިންޓް މަތިވާނެ އެވެ. އެހެންވެ ޕަސެންޓޭޖް ކަލްކިއުލޭޝަނަކަށް ގޮސް ގްރީން ޓެކްސް ބަދަލު ކުރުން މިއީ އެންމެ ރަނގަޅު ގޮތަކަށް ވެދާނެ އެވެ.

"މި ބަދަލާއެކު ކުރަން ޖެހޭ ކަމަކީ ކުދި ގެސްޓްހައުސްތަކުން ޓެކްސް އުނި ކުރުން. އޭރުން އެ ދާއިރާ ފުޅާ ވެގެންދާނެ. އަދި ބުޓީކް ހޮޓާ [50 ކޮޓަރިން މަތި] ތަންތަން ވެސް ގެސްޓްހައުސްތަކާ ތަފާތު ކުރުން މުހިންމު،" އަމްޖަދު ވިދާޅުވި އެވެ. 

ގެސްޓްހައުސް ތަކަކީ ސީދާ ރައްޔިތުންނާ ގުޅުންހުރި ވިޔަފާރިއެކެވެ. އެހެންވެ މި ވިޔަފާރިއާ ގުޅުންހުރި ބަދަލެއް ގެނައުމުގެ ކުރީގައި ވިސްނަން ޖެހެ އެވެ. މިހާރު ގެންނަން ނިންމާފައިވާ ގޮތަށް ބަދަލު ގެނެސްފިނަމަ ގެސްޓްހައުސް ތަކަށް އަސަރު ކުރާނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.