ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 68


- އެޕިސޯޑް 68 –

އެއްވެސް އެއްޗެއް ނުބުނެ ސުހާ ވަގުތުކޮޅަކު ބަލަން ހުރީ އަޔާޒްގެ މޫނަށެވެ. އުދަނގު ފާޑަކަށް ހިންދިރުވައިލަމުން ސުހާ ވާހަކަދައްކަން މަސައްކަތް ކޮށްލިއެވެ.

"ކީކޭ ކިޔަން ތި އުޅެނީ؟ ތި ކިޔާ އެއްޗެއް ސާފުކޮށް ކިޔަން ވީނު؟ އަހަރެންނަށް އެނގޭ އަޔާޒް އަހަރެން ދެކެ ލޯބި ނުވާކަން ވެސް.. ދެމީހުންނަށް އުފަލުގަ ދެން އިތުރަށް ނޫޅެވޭނެ ކަން ވެސް.. އެހެންވީމަ އަހަރެން ވަރިކޮށްލާފަ ފޮނުވާލަން ވީނު؟ އެ ނިމުނީނު؟" 

ސުހާ ދެރަވާ ގޮތެއް މޫނަށް ހަދައިލިއެވެ.

އަޔާޒް އައިސް މަޑުމަޑުން ސުހާގެ ދެ އަތުގައި ހިފައިލިއެވެ.

"ސުހާ.. އަހަރެން ސުހާ ވަރިއެއް ނުކުރާނަން! އަދި ތި ގޮތަށް ސުހާ ބައިދާފަ، އަހަރެން އެހެން ކަންތަކެއް ނުކުރާނަން.. އަހަރެންނަށް އެނގޭ ސުހާ ވެސް އެ ގޮތް ބޭނުން ނުވާނެކަން.. އެކަމު، އަހަރެން މި ބުނާ ވާހަކަ އަކީ ސުހާ ބަދަލުވި ވާހަކަ.. ތީ ކުރީގެ ސުހާއެއް ނޫނޭ. ތީ ވަރަށް.." 

އަޔާޒް ދައްކަން އުޅުން ވާހަކަ ފުރިހަމަ ނުކުރެވެނީސް ސުހާ އެ ވާހަކަތައް ހުއްޓުވާލިއެވެ.

"ދެން ހެޔޮ.. ފުދިއްޖެ! އަބަދު އެއް ވާހަކައެއް.. ބަލަ މީ ސުހާ އަށް ނުވަންޏާ ދެން މީ ކާކުތަ؟ އަހަރެން ވެސް ފެންނަނީ ޝަރާ ގޮތަށް ތަ؟" 

ސުހާ ހިތްހަމަ ނުޖެހިގެން ކޮޓަރިން ނުކުތެވެ.

***

ދުވަސްތައް ދައުރު ވަމުން ދެއެވެ. ދުވަހަކަށް ފަހު، ދުވަހެކެވެ. އަޔާޒްގެ އިންޓާންޝިޕް ނިމެން ގާތްވެ، އޭނާ އެނބުރި މާލެ ދާން ޖެހޭ ދުވަސް ވަރަށް ގާތް ވެއްޖެއެވެ. ވޭތުވެގެން ދިޔަ ކޮންމެ ދުވަހަކީ އަޔާޒަށް ފަސޭހަ ދުވަސް ތަކެއް ނޫނެވެ. ސުހާގެ ޝަކުވާތައް ކޮންމެ ދުވަހަކު އަހަން ޖެހެއެވެ. ސުހާ އަޔާޒް ގެންގުޅެނީ އަނބި ދަށު ކޮށްގެންނެވެ. ސުހާ ހެދިހާ އެއްޗަކަށް ރުހިގެން ބަސް ނުކިޔާ އަޔާޒް ކެތްކުރަމުން ދިޔައެވެ. އެއީ ސުހާ އެ ޙާލަތުގައި ސުހާއާ ޖަދަލު ކުރަން އެއްވެސް ގޮތަކަށް އަޔާޒް ބޭނުން ނުވާތީއެވެ. އަޔާޒް ގޭގައި ނުހުންނަ ކޮންމެ ވަގުތެއްގައި ސުހާ އޮންނަނީ ވާރިޝްއަށް ގުޅައިގެންނެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ވާރިޝްއަށް އިސްވެ ގުޅަން ޖެހެނީ ސުހާ އެވެ. ވާރިޝް އިސްވެ ސުހާއަށް ނުގުޅާތީ އެކަމުގެ ޝަކުވާ ސުހާގެ އެބަ އޮތެވެ.

***

އީމާ މަޑު ހިނގުމެއްގައި އައިސް އޮށޯވެލީ، އެނދުގައި އޮތް ވާރިޝްގެ އުނގުގައެވެ. އީމާ ބަލިވެ އިން ފަހުން މި ވޭތުވެގެން ދިޔަ 4 ވަރަކަށް މަސް ތެރޭގައި ވާރިޝްގެ ޚިޔާލާއި ފިކުރަށް ވަރަށް ބޮޑެތި ބަދަލު ތަކެއް ވަނީ އަތުވެފައެވެ. ވާރިޝްގެ ހިތުގައި ސުހާއަށް ޚާއްސަ ލޯތްބެއް އޮތް ނަމަވެސް މިހާރު އެ ލޯތްބަށް ކުރިން އޮތް ޔަޤީން ކަމެއް، އެގޮތުގައި އެބަ އޮތް ކަމާއި މެދުގައި ވާރިޝްއަށް ޝައްކެވެ. 

އީމާ ބަލިވެ އިން ފަހުން ބައްޕަ އަކަށް ވާކަން އެންމެ ރަނގަޅަށް ވާރިޝްއަށް އިޙްސާސް ވަމުން ދިޔައީ އީމާގެ ފަރާތުންނެވެ. ކޮންމެ ގޮތެއް ވިޔަސް، އަނބިމީހާގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި، އެއްކޮށް ހޭދަ ވަމުން ދިޔަ "ޕްރެގްނެންސީ" ދުވަސްތަކުން ވާރިޝް އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އަތުވެފައެވެ. ސުހާއަށް މިކަމުން ކުރާނެ އަސަރާއި، ލިބޭނެ ހިތްދަތިކަން ހިތަށް އަރާފައި ވާރިޝް ދެރަވެއެވެ. އެކަމާ ވިސްނާލެވެއެވެ. 

އެއްވެސް ވަރަކަށް ސުހާއަކަށް ގުޅާކަށް ވާރިޝް ބޭނުން ނުވާ ކަހަލައެވެ. އީމާ އާއެކުގައި ޙަޔާތް ހޭދަކޮށްލަން ވާރިޝް ބޭނުންވާ ކަހަލައެވެ. ނަމަވެސް ކަންކަން ވާރިޝްއަށް ޔަޤީން ނުވަނީއެވެ. ލޯބި ވަނީ ކާކު ދެކެކަން، އެއްކޮށް މުޅި އުމުރު ހޭދަކުރަން ބޭނުން ވަނީ ކާކާ އެކުގައި ކަމެއް ވާރިޝްއަށް ޔަޤީން ނުވަނީއެވެ.

އީމާގެ ބޮލުގައި ފިރުމަމުން ދިޔަ ވާރިޝްގެ ހިތާއި ސިކުނޑީގައި އެތައް ޚިޔާލު ތަކާއި ފިކުރު ތަކެއް އާލާވެ، ދިރެމުން ދިޔައެވެ. އެންމެ ފަހުން ގުޅާފައި ވެސް ސުހާގެ ގާތުގައި އަޔާޒްއާ އެކުގައި އަދި ރީތިކޮށް އުޅެން މަސައްކަތް ކުރަން ބުނުމުން ސުހާ ގިސްލާ ރުއިވަރު އަދިވެސް ވާރިޝްގެ ކަންފަތުގައި ވަނީ ހަރުލާފައެވެ. ސުހާގެ ވިސްނުން ހުރީ ވާރިޝްއާ މެރީ ކޮށްގެން ދިރިއުޅުމެއް ފަށާށެވެ. ނަމަވެސް އެކަން ވާނީ ކިހިނެއް ހެއްޔެވެ؟ އެކަން ކުރަން ފަސޭހައެއް ނުވާނެއެވެ. ނަމަވެސް އެކަން ވާނެ ގޮތުގެ މޮޅެތި ޕްލޭންތައް ސުހާގެ ބޮލަށް ލައިގެން ސުހާއަށް އުއްމީދު ގެނެސް ދިނީ ވާރިޝް އެވެ.

 
އީމާ މަރާލަން ވެސް ޕްލޭން ކުރީ ހަމަ ވާރިޝްއެވެ. އެވަރު ވެފައި ހުރި ވާރިޝް މިއަދު ވަނީ ބަދަލު ވެފައެވެ. އީމާ ދޫކޮށްލަން މިއަދު ވާރިޝްގެ ހިތް އޭނާއާ ދެކޮޅު ހަދައެވެ. އީމާގެ ފަރާތުން ވާރިޝްގެ ތުންފަތަށް ދުވާލެއްގެ މަތިން އެތައް ފަހަރަކު ހިނިތުންވުން ގެނުވައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ސުހާއަށް ކިޔާދޭނެ ހިތްވަރެއް ވާރިޝްގެ ހަށްޓަކު ނެތެވެ.

***

ލީޒާ އާއި ދާއިން އިނީ ރެސްޓޯރެންގައި ކޮފީ އަކަށް އިންސާފު ކުރާށެވެ. އެ މީހުންގެ މައިގަނޑު މައުލޫޢު އަކަށް ވެފައި ވަނީ ޝަރާ އާއި އަކްޔަންއެވެ.

"އަހަރެން ވަރަށް ދެރަވޭ! ދުވަސްތައް ހާދަ އަވަހޭ ދާލެއް.. ޝަރާ ބޭސް ކާތަން ފެންނަ ކޮންމެ އިރަކު އަހަރެން ބިރު ގަނޭ! ހީވަނީ ޝަރާ އަހަރެމެންނާ ވަކިވެގެން ދާން ޖެހޭ ދުވަސް ގާތް ވަނީހެން.. ޝަރާ އެކަމު ހާދަ ކެތްގަދައޭ.. އެއީ ނަމޫނާ އަންހެނެއް.." 

ލީޒާ ބަލަން އިނީ ދާއިންގެ މޫނަށެވެ.

"އާނ! އެއީ ވަރަށް ތަފާތު، ވަރަށް މާތް، ވަރަށް ކިޔަމެންތެރި.. ހުރިހާ ރިވެތި ސިފަ ތަކަކުން ޒީނަތްތެރި ވެފައިވާ މީހެއް.." ކޮފީތަށި ތުނބުގައި ޖައްސާލަމުން ދާއިން ބުނެލިއެވެ.

"ދާއިން ވެސް.. ތީ ވެސް ވަރަށް ތަފާތު މީހެއް.. އަސްލު ތި ދެމީހުން ވަރަށް ގުޅޭ! ވަރަށް ލޯބި... އަހަރެން ހިތަށް އަރާ ތި ދެމީހުން..." ލީޒާ ފުންކޮށް ނޭވާއެއް ލިއެވެ.

"ކީއްކުރާނީ ދޯ؟ ތަޤުދީރު ލީޒާ... އެކަމު މިވަރުން ވެސް އަހަންނަށް ފުދޭ! އަހަންނަށް އެނގޭ ޝަރާ އަހަރެން ދެކެ ލޯބި ނުވާނެކަން.. އެފަދަ ގޮތަކަށް.. އެކަމު އަހަރެން ވަރަށް ލޯބިވޭ! އަބަދުވެސް ލޯބިވާނަން.. މިހާރު ވެސް ތުންފަތުގަ ދިރި ހުރި ހިނިތުން ވުމަކީ ޝަރާއަށް އޮތް އެއްޗެއް.. ޝަރާ އަހަރެންގެ އެކަނިވެރި ޙަޔާތް އާރޯ ކޮށްލަ ދީފަ.. ޝަރާ އަހަރެން ދެކެ ލޯބި ނުވިޔަސް، އަހަރެން އެކަމާ އެއްވެސް ހިތްބުރަ ކަމެއް ނެތް.. އޭގެން ވެސް އެނގެނީ ޝަރާގެ މާތްކަން.. ތެދުވެރިކަން... ސާފު ލޯތްބެއްގެ މަތީގައި ދުނިޔެ ދޫކޮށް ލަނީ... ކިހާ ތެދުވެރި... އެފަދަ ވަފާތެރިން މި ދުނިޔޭގަ އަދިވެސް އުޅޭތަ؟" 

ދާއިން އޭނާގެ ދެ ލޮލުން ކަރުނަ ހިލެން އުޅުމުން ވަރަށް އަވަސްކޮށް ކަރުނަތައް ފޮހެލިއެވެ.

"ދާއިން.." ލީޒާ ހިފައިލީ ދާއިންގެ އަތުގައެވެ.

"ބީ ސްޓްރޯންގ.." ލީޒާ ގަދަކަމުން ހިނިތުންވެލިއެވެ.

"އަހަރެންނަށް ނޭނގޭނެ ދެން ޝަރާ ނެތް ދުނިޔެއެއްގަ އުޅޭކަށް ވެސް.. އަހަރެމެންނާ ޝަރާ ވަކިވެގެން ދާ ދުވަހު، އަހަރެންނަށް ހިތްވަރު ދޭތި! އަހަރެން އެހެން ނޫނީ ހަލާކު ވެދާނެ.." 

ދާއިން އެފަދަ ގޮތަކަށް ލީޒާ ގާތުގައި ވާހަކަދެއްކި ފުރަތަމަ ފަހަރު ކަމުން ލީޒާ އަށް ވެސް ކޮންމެ ވެސް ވަރެއްގެ ހައިރާން ކަމެއް ލިބުނެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.. ދާއިން ތިކަހަލަ ވާހަކަ ނުދައްކާ،.. އަހަރެން އަބަދުވެސް ދާއިންއަށް ހިތްވަރު ދޭނަން... އަހަރެންނަށް ނޭނގެ ބުނާކަށް، އެއީ އަންނާނެ ދުވަހެއްކަން އިޙްސާސް ވީމަ ވާގޮތް ވެސް.. އެކަމު، ވިސްނަންވީ ކަމަކީ ކޮންމެ އިންސާނެއް ވެސް މަރުވާނެކަން.." ދާއިންގެ އަތް މަތީގައި ލީޒާ އޭނާގެ އަތް ބާއްވާލަމުން ބުނެލިއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.