އެ މައްސަލަ ބެލުމަށް ފަހު ފުލުހުން މިއަދު ބުނީ އެ މީހާ ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނެތް ކަމަށެވެ.
ބުޅާ މަސް އަޅަައިގެން ކާ ތަކެތި ތައްޔާރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ މައްސަލަ ފައިލުކޮށް އޭނާ ރާއްޖެ އިން ޑީޕޯޓް ކޮށްލައިފި އެވެ.
ބަންގުލަދޭޝް މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިން ހައްޔަރު ކުރީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް އޭރު އޮތީ ސީރިއަސް ތުހުމަތެކެވެ. އެއީ މާލޭގައި އުޅޭ ބުޅާތައް ހިފާ މެރުމަށް ފަހު އެތަކެތީގެ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކޮށް އެ ތަކެތި ވިއްކުމެވެ.
އަރަފާތު ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފެށިއިރު އޭނާއާ ބެހޭ ގިނަ މައުލޫމާތުތަކެއް އާންމުގެ މީހަކު އޮތީ ހިއްސާކޮށްފަ އެވެ. އެ މީހާ މާލޭގެ މޭރީބްރައުން ކައިރީގައި ބުޅާ ހިފަން މަޑުކޮށްގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ ގައި އޭނާ އެތާންގައި ކުރަނީ ކީއްތޯ ސުވާލު ކުުރުމުން އެ ގެއަށް ބުޅާތައް ގެންދަން މަސައްކަތް ކުރަނީ ކަމަށް ބުނެފައިވެ އެވެ.
އެ މީހާ އުޅޭ ގެ ވެސް ހޯދާ އެ ތަނުގެ މައުލޫމާތު ވެސް އާންމުކުރި އެވެ. އެ ގެއާ ކައިރީގައި އުޅޭ މީހުންނާ ވެސް އެ މައުލޫމާތު އާންމުކުރި މީހާ ވަނީ ވާހަކަ ދައްކާފަ އެވެ. އެ މީހުންނާ ހަވާލާދީ އެ މީހާ ބުނި ގޮތުގައި އެ ގެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވެ އެވެ. އަދި ބުޅަލަށް އިހާނެތިކޮށް ހިތުމުން އިވޭ އަޑުތައް އެ ގެއިން އިވޭ ކަމަށް ބުންޏެވެ.
އެ މީހާ ބުޅާ މަސް އަޅައިގެން ސަބްމެރީންނާއި ބާގާ ފަދަ ތަކެތި ހަދާ ކަމުގެ ތުހުމަތުވެސް ކުރި އެވެ.
އަރަފާތު ހައްޔަރު ކުރީ އޮގަސްޓް 20 ވަނަ ދުވަހުގެ ހެނދުނު ސެލޫންއެއްގައި ހުއްޓަ އެވެ. އޭނާ އުޅުނީ ސިފަ ބަދަލު ކުރުމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު ފުލުހުން މިއަދު ބުނީ އެ މީހާ ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރިކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނެތް ކަމަށެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ އެ މައްސަލައިގެ ތަހުގީގު ނިންމާލާފައިވާ ކަމަށެވެ. ފުލުހުން ބުނީ އަރަފާތު އިމިގްރޭޝަނާ ހަވާލުކުރުމުން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.