ޕީސީބީ އުވައިލުމަށް ސަރުކާރުން ވިސްނާ ސަބަބެއްގެ ގޮތުގައި ބަންޑާރަނައިބު ފާހަގަކުރެއްވީ ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓުކުރާނެ ފަރާތެއް ނޭނގޭ ހިސާބަށް ކަންކަން ގޮސްފައި އޮތުމެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިއެއްގެ ދައުރު އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އުވައިލުމާމެދު ސަރުކާރުން ވިސްނަމުންދާކަން ބަންޑާރަނައިބު އަހްމަދު އުޝާމު ހާމަކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުޝާމު ވިދާޅުވީ ފަސްލައްކަ މީހުންގެ އާބާދީއެއް އޮތް ދިވެހިރާއްޖޭގައި އެކި ކަންކަމަށް މުއައްސަސާތަކާއި އިދާރާތައް އުފައްދަމުން ގޮސް، އެކި ކަންކަމުގައި ޒިންމާވާންވީ ކޮން ފަރާތަކުންކަން ނޭނގޭ މިންވަރަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
"މުއައްސަސާތައް ހަދަމުން ހަދަމުން ގޮސް ކަންކަމުގައި ޒިންމާވާންޖެހޭ ފަރާތަކީ ކޮބައިކަން ނޭނގޭ މިންވަރަށް މުއައްސަސާތައް އުފެއްދިއްޖެ،" އުޝާމު ވިދާޅުވި އެވެ.
އެކަމުގެ މިސާލެއްގެ ގޮތުގައި އުޝާމު ފާހަގަކުރެއްވީ ސަރުކާރުގެ ކުންފުނިތަކުގެ ކަންކަމުގައި ސަރުކާރަށް ބަސްނުބުނެވޭ މިންވަރަށް ކަންކަން ގޮސްފައި އޮތުމެވެ. އެގޮތުން މުއައްސަސާތައް އުފައްދަަމުން ގޮސް ކުންފުނީގެ ކަންކަމުގައި ބަސް ބުނާނީ މިނިސްޓްރީތޯ ޕީސީބީތޯ ނުވަތަ ސަރުކާރުތޯ ސުވާލު އުފެދޭ ހާލަތެއް މިހާރު އޮތްކަމަށް އުޝާމު ވިދާޅުވި އެވެ.
އިތުރަށް އުޝާމު ވިދާޅުވީ މުއައްސަސާތައް ގިނަވުމުގެ ސަބަބުން ގާނޫނުތަކުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުނުވާ މިންވަރަށް ކަންކަން ވާސިލުވެއްޖެ ކަމަށެވެ.
އުޝާމު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ކަންކަން ރަނގަޅުނުކުރެވިގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާނެ ބަލަދުވެރިޔަކީ ކޮން ފަރާތެއްކަން ކަށަވަރުނުވުމެވެ. ކުންފުނިތަކުގެ ކޮރަޕްޝަނާ ކަންކަން އިންތިހާއަށް މައްޗަށް ދިޔައިރު އެކަންކަން ބެލޭނެ އެއްވެސް ގޮތެއް ނެތިފައި، އެއްތަނުން ބަލާނެކަމަށް އަނެއް މުއައްސަސާއިން ގަބޫލުކޮށްގެން އޮތީ ކަމަށް އުޝާމު ވިދާޅުވި އެވެ.
އިތުރަށް އުޝާމު ވިދާޅުވީ އެ ހަގީގަތްތަކުގެ އަލީގައި ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓުކުރުމަށް ވަކި މުއައްސަސާއެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ސަރުކާރުން ވިސްނައި ބަލަމުންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކުންފުނިތައް ފިނޭންސް މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދިޔައިރު ކަންކަން މާ ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ދަށުން މިކަންކަން [ކުންފުނިތައް ރެގިއުލޭޓުކުރުން] ކުރަމުންދިޔައިރު އަޅުގަނޑަށް ހީވަނީ މާރަނގަޅަށް ކުރެވުނުހެން. އެހެންވީމާ ސަރުކާރެއްގެ ލެވެލްގައި އަޅުގަނޑުމެން މިކަމުގައި [ޕީސީބީ އުވައިލުމުގައި] ހުރި ޕްރޯސް އެންޑް ކޮންސް ބަލައި ގާނޫނަށް އިސްލާހެއް ގެންނަންޖެހޭނަމަ ގެންނަން ކޮންސިޑާކުރަމުންދާ ވާހަކަ ދަންނަވާލަން،"
"ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު"ގެ ދަށުން ގާއިމުކޮށްފައިވާ ޕީސީބީގެ މައިގަނޑު ދައުރަކީ މުސްތަގިއްލުކޮށް ކުންފުނިތައް ހިންގަމުންދާ ގޮތް ބެލުމެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ބަލައި ޕްރައިވަޓައިޒްކުރަންޖެހޭ ކުންފުނިތައް ދެނެގަނެ އެކަމުގެ އިޖުރާއާތްތައް ހިންގުމަކީވެސް ޕީސީބީގެ ޒިންމާއެކެވެ.
މުސްތަގިއްލު ބޯޑެއްގެ ގޮތުގައި ޕީސީބީ ހިންގި ނަމަވެސް އެ ބޯޑުގެ މެންބަރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ބޯޑުގެ ރައީސާއި ނައިބުރައީސް ފިޔަވައި ދެން ތިއްބަވާ ބޭފުޅުންނަކީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއާއި ބޭންކިން ދާއިރާއާއި ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއާއި ގާނޫނީ ދާއިރާއާއި އިގުތިސާދީ ދާއިރާއިން ތައުލީމު ހާސިލުކުރައްވައި އެ ދާއިރާތަކުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމުގައި ގާނޫނުގައި ބަޔާންކުރެ އެވެ.
ޕީސީބީއަކީ މުސްތަގިއްލު ބޯޑަކަށްވީ ނަމަވެސް ބޯޑު ސެކްރެޓޭރިއޭޓު އޮންނަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ދަށުގަ އެވެ. ޕީސީބީއަށް ބޮޑެތި ބާރުތަކެއް ދިން ނަމަވެސް ކުންފުނިތަކުން ގައުމުގެ މަސްލަހަތުގައި ނިންމަންޖެހޭ ކަންކަން ނިންމުމަށް މަގުފަހިކުރުމުގެ ގޮތުން ކުންފުނިތަކުގައި ފިނޭންސް މިނިސްޓަރުގެ މަގާމުގެ ނަމުގައި ހިއްސާއެއް ބޭއްވުމުގެ ފުރުސަތު އޮވެ އެވެ.