ކުރީ ސަރުކާރުން ދައުލަތުގެ މާލީ ހިސާބުތައް އޮޅުން އަރާ ގޮތަށް އެ އަހަރެެއްގައި ހިނގާ ބައެއް ހަރަދު އެ އަހަރުގެ ހިސާބުކިތާބުގައި ރެކޯޑުނުކޮށް ޖެހިގެން އަންނަ އަހަރު އެ ހަރަދުތައް ރެކޯޑުކޮށްފައިވާކަން ހާމަވެފައިވެ އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ބެއްލެވުމުގެ ދަށުން ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ވަރށް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ހާމަކުރައްވާފަ އެވެ.
މައިގަނޑު ގޮތެއްގައި ކުރީ ސަރުކާރުން ހަދާފައިވާ ގޯސްތަކަކީ ބޭރުން ފަންޑު ހަމަޖައްސައިގެން ހިންގަމުންދާ މަޝްރޫއުތަކަށް ލިބުނު ފައިސާ ރެކޯޑުކުރުމުގައި ހަދާފައިވާ ގޯސްތަކުގެ އިތުރަށް ބަޖެޓު އެކުލަވައިލުމާއި ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ އިތުރުކުރުމުގައި ހަދާފައިވާ ގޯސްތަކެވެ.
ބޭރުގެ މާލީ އިދާރާތަކުން ފައިސާ ދޫކުރަނީ ފިނޭންސް މިިނިސްޓްރީން އެކަމަށް ލިޔުމެއް ދޫކުރުމުންނެވެ. އެގޮތަށް ދޫކުރާ ފައިސާ ވަރަށް ގިނަ ފަހަރު ދޫކުރަނީ ސީދާ ކޮންޓްރެކްޓަރަށެވެ. ނަމަވެސް އެ ފައިސާ ދޫކުރާކަން ފިނޭންސް މިނިސްޓްރީއަށް އެނގޭނެ އެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ރެކޯޑުތަކުގައި ހަރަދުގެ ތެރޭގައި ހިމަނަންޖެހޭ ފައިސާ އެވެ.
ނަމަވެސް ކޮންމެ އަހަރަކުވެސް އެގޮތަށް ދޫކުރާ ފައިސާގެ ތެރެއިން ބޮޑު އަދަދެއް އެ އަހަރުގެ ހިސާބުތަކުގައި ހަރަދުތަކުގެ ތެރޭގައި ރެކޯޑުނުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ފައިސާ ރެކޯޑުކުރަންޖެހެނީ ޖެހިގެން އަންނަ އަހަރުގެ މާލީ ހިސާބުތަކުގަ އެވެ.
މިފަދައިން ބޭރު ފަރާތްތަކުން މަޝްރޫއުތަކަށް ދޫކުރާ ފައިސާ ދޫކުރާ ކޮންމެ ފަހަރަކު އެ ފައިސާ ދައުލަތަށް ދޫކޮށްފައިވާ ދަރަނީގެ ޖުމްލަ އަދަދަށް އިތުރުކުރަންޖެހޭއިރު އެ ފައިސާ ރެކޯޑުނުކުރެވުމުގެ ސަބަބުން ދަރަނީގެ ސްޓޮކަށް އަންނަ އިތުރުވުންވެސް ރަނގަޅަށް ރެކޯޑުނުކުރެވެ އެވެ.
މި ފައިސާ ހަރަދުގެ ގޮތުގައި އެ ފައިސާ ދޫކުރާ އަހަރުގައި ރެކޯޑުނުކުރެވޭތީ އެ ފައިސާ މިނިސްޓްރީގެ ހިސާބުތަކުގައި ރެކޯޑުކުރަނީ ޖެހިގެން އަންނަ އަހަރު އެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ބޭރު ފަރާތްތަކުން ފަންޑުކުރާ މަޝްރޫއުތަކަށް ދޫކުރި ފައިސާގެ ތެރެއިން މި އަހަރުގެ ހިސާބުތަކުގައި ދެ ބިލިއަނާ ގާތްކުރާ އަދަދެެއް ހިމަނަންޖެހިފައިވެ އެވެ.
މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ދެވަނަ ގޯހަކީ އެ އަހަރެއްގއި ހިންގަމުންދާ މަޝްރޫއުތަކުގެ ހަރަދު ޖެހިގެން އަންނަ އަހަރުގެ ހިސާބުކިތާބުގައި ރެކޯޑުކުރަމުން ދިއުމެވެ. މިގޮތަށް ދިމާވާ ދެ ސަބަބެއް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ.
ފުރަތަމަ ކަމަކީ ބަޖެޓުގައި މަޝްރޫއުތަކަށް ކުދިކުދި އަދަދުތަކުން ފައިސާ ޖެހުމަށްފަހު، އެ މަޝްރޫއުތަކުގެ އެޑްވާންސް ފައިސާ ދޫކޮށްފައި ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއުތައް ހިންގުމަށް ޖާގަައެއް ނުހިމެނުމެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތްކުރުމަށްފަހު ކޮންޓްރެކްޓަރުން ބިލުތައް ފޮނުވުމުން ބިލުތަކަށް ފައިސާ ދޫކުރާނެ ޖާގައެއް ބަޖެޓުގައި ނޯވެ އެވެ.
މިގޮތަށް ހަދާފައި ހުރި މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުން 2.5 ބިލިއަން ރުފިޔާގެ ޖާގަައެއް ހޯދަންޖެހުނުކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ނިމުނު އަހަރު އެޑްވާންސް ފައިސާ ދޫކުރުމަށްފަހު އިތުރަށް ފައިސާ ދޫނުކޮށް ހުރި މަޝްރޫއުތަކަށް މި އަހަރުގެ ކޭޝް ފްލޯއިން 3 ބިލިއަން ރުފިޔާ ދޫކުރަންޖެހިފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
ބަޖެޓު ތައްޔާރުކުރާއިރު ހިނގަމުންދާ އަހަރުގައި ބޭރުގެ ފަރާތްތަކުގެ ފަންޑުގައި ހިންގާ މަޝްރޫއުތަކަށް ހަރަދުކުރަން ދޫކުރާ ފައިސާ ޖެހިގެން އަންނަ އަހަރުގެ ހަރަދުތަކުގެ ތެރޭގައި ހިސާބުކުރަންޖެހޭކަން އެނގި ތިބެ ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި ޑިސްބާސްމެންޓު ހަރަދުގެ ގޮތުގައި އަސްލަށްވުރެ ކުޑަ އަދަދެއް ޖަހާފައި އޮވެ އެވެ.
އަދި ޑިސްބާސްމެންޓު ކޮންފަމޭޝަން ނުވަތަ ފައިސާ ދޫކުރޭނެކަމުގެ ޔަގީންކަން ދިނުމަށް ނަގާ މުއްދަތުގައި ޑިސްބާސްމެންޓު ކޯޑުން ބަޖެޓު އުނިކުރުމަށްފަހު އެހެން ކަންކަމަށް އެ ފައިސާ ބޭނުންކޮށްފައިވެ އެވެ. އަދި ފަހުން ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅައި އެކަންކަން އޮޅުވައިލުމަށްވެސް މަސައްކަތްކޮށްފައިވެ އެވެ.