މި ގޯހުގެ ސަބަބުން ދައުލަތުގެ މާލީ ހިސާބުތަކުން މިހާތަނަށް ދެ ބިލިއަން ރުފިޔާގެ ފަރަގެއް ވަނީ ފާހަގަވެފަ އެވެ. މި މައްސަލަ ސާފު ކުރަން ސަރުކާރުން ވަނީ އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދަން ނިންމާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތަކެއް ފެންމަތިވެ، އެ މައްސަލަ ބަލަން ނިންމައިފި އެވެ.
ސަރުކާރުން ކުރިއްސުރެ އާއްމު ކުރަމުން ދިޔަ ދައުލަތުގެ މާލީ ހިސާބުތައް އަންގައިދޭ ހަފުތާގެ މާލީ ބަޔާން އާއްމު ނުކުރާ ސަބަބު ސާފުކޮށްދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ވީކްލީ ފިސްކަލް އަޕްޑޭޓުތައް އާއްމުނުކޮށް ލަސްވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގެ ހިސާބުތަކެއް ރެކޯޑް ނުކޮށް އަހަރުން އަހަރަށް ބަދަލު ކުރަމުން ދިއުމެވެ. އެހެންވެ މިކަމުގެ ހައްލު ހޯދަން އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދަން ނިންމާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މި މަސައްކަތުގެ ތެރެއިން ފާހަގަވެގެން އައިސްފައިވަނީ، ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް އަދި ޤާނޫނާ ފުށުއަރާ މައްސަލައެއް. ވަކީން ޚާއްސަކޮށް ވޭތުވެދިޔަ ދެތިން އަހަރު އެކަން ހިންގާފައިވޭ
އެހާ ހިސާބުން، މިނިސްޓްރީން ވަނީ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން މަޑުޖައްސާ، ޤައުމުގެ ފިސްކަލް އެކައުންޓްސް އަކީ ތެދުވެރި މައުލޫމާތު އެކުލެވޭ ހެން ނެރެވޭ ރިޕޯޓަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި،" ޒަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ފަަންޑަޑް ޕްރޮޖެކްޓް ތަކަކީ ދައުލަތުގެ ދަރަނި، ކޮންމެ ޑިސްބަރސްމަންޓްއަކާ އެކީ އިތުރުވުމުގެ ފުރުސަތު އޮންނަ ކަމެއްކަމުން، ޤަވާއިދުން އެ އަދަދު ރައްޔިތުންނަށް ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ބޭރުގެ ދަރަނީގައި ހިންގާ ވަރަށް ގިނަ މަޝްރޫއުތަކުގެ ފައިސާ ދޫކުރަނީ އެ މަޝްރޫއެއް ތަންފީޒުކުރާ ކުންފުންޏަށް ކަމުގައިވީ ނަމަވެސް ފައިސާ ދޫކުރަނީ ފިނޭންސް މިނިސްޓްރީން ދޫކުރާ ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެގޮތަށް ދޫކުރާ ފައިސާ މާލީ ހިސާބުތަކުގައި ރެކޯޑުކޮށްފައިނުވާ ކަމަށެވެ.
"އެހެން ނަމަވެސް، މިނިސްޓްރީގައި މިކަހަލަ ޑައިރެކްޓް ޑިސްބަރސްމަނަޓްތައް ރިކޯޑު ކުރަމުން އައިސްފައިވާ އުސޫލުގެ ސަބަބުން، އެ ހަރަދެއް ހިނގާފައިވާ އަހަރު ނޫން އެހެން އަހަރުތަކުގައި ވަނީ ރެކޯޑްކުރަމުން ގޮސްފައި އަދި މިދިޔަ ރިޔާސީ ދައުރުގައި މިކަން ވަނީ ބަޖެޓު މެނޭޖުކޮށް ސަޕްލިމަންޓް ކުރާ ގޮތާވެސް ގުޅުވާފައި އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ހިނގާފައިވާ ޚަރަދަށް މި އަހަރުގެ ޖަނަވަރީ މަހުގައި އެތައް ސަތޭކަ މިލިއަނުން ނުވަތަ ބިލިއަނުން ރެކޯޑްކޮށް، ދައުލަތުގެ ފިސްކަލް އެކައުންޓްސް އޮޅުވާލާކަށް ނުޖެހޭނެ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ނިޒާމް އިސްލާހު ކުރުމާނުލާ ތެދުވެރިކަމާއެކީ މިކަންތައް އިއުލާނު ނުކޮށް ކުރިއަށް ދާން ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފަށް ކުރިއަށް ދާން ނިންމުން ކަމަށާއި، ކަނޑައެޅިގެން ދައުލަތުގެ މާލީ މަސްލަހަތަށް އޭގެއިން ނޭދެވޭ ގިނަގުނަ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ސޯލިހު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހައްދަވާފައިވާ ގޯސްތަކުގެ ތެރޭގައި ޕްރޮޖެކްޓްތަކުގެ ސްކޯޕްއާ ނުބައްދަލު ކުޑަ އަދަދުތައް ބަޖެޓުގައި ޖެހުމާއި އެތައް ސަތޭކަ މިލިއަން ރުފިޔާ އަށް ފާއިތުވި ދެ އަހަރު ތެރޭގައި ވަކިން ޚާއްސަކޮށް އެވޯޑްކޮށް އަދި ކޮންޓްރެކްޓްކޮށްފައިވާ މަޝްރޫއުތަކުގެ ބިލުތައް ބަޖެޓުގައި ޕޯސްޓްކުރުމެވެ. މީގެ އިތުރުން ގަސްތުގައި ޖެހިގެން އަންނަ އަހަރުގެ ޑައިރެކްޓް ޑިސްބާސްމަންޓްގެ ގޮތުގައި ވަކި ވަރެއް ހިނގާނެ ކަމަށް އަނދާޒާ ކުރެވޭ އިރު، ބަޖެޓުގައި އެކަމަށް ޖަހާފައިވާ އަދަދު ވަނީ ވިދި ވިދިގެން އަހަރުތަކެއްގައި ކުޑަކޮށް ބަޔާންކޮށް ފާސްކޮށްފައިވުން ހިމެނެ އެވެ.
އަދި ކަންފަމޭޝަން ލިބުމަށް ނަގާ މުއްދަތުގެ ނާޖާއިޒު ބޭނުންކޮށް، ޑިސްބާސްމަންޓް ކޯޑުން ބަޖެޓު އުނިކޮށްގެން އެހެން ހަރަދުތައް ކުރުމަށް ފަހުގައި ސަޕްލިމަންޓް ބަޖެޓު ހުށަހަޅާގެން މަތި އޮމާންކުރުމުގެ ތެރެއިން ލިބިގަނެފައިވެ އެވެ. މިއީ ކަމުގެ ހަގީގަތް ފޮރުވުމަށް ނުވަތަ އޮޅުވާލުމަށް ކޮށްފައި ކަމެއްގެ ސިފައިވުނެވެ. އަދި ރައްޔިތުންގެ ފައިސާ އިން ކުރާ ހޭދަތަކާއި އަދި ރައްޔިތުންގެ ނަމުގައި ނަގާ ދަރަނީގެ ހިސާބުތައް އޮޅުވާލާފައިވުމެވެ.
ދައުލަތުން އެންމެފަހުން ވީކްލީ ފިސްކަލް ރިޕޯޓްސް ނެރުނީ މި އަހަރުގެ ޖޫން މަހު އެވެ. އޭގެފަހުން އެ މައުލޫމާތު އާއްމުކޮށްފައެއް ނެތެވެ.