މާލޭ މަގުމަތީގައި ބުޅާ ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފެށި ބުޅާ ޝެލްޓާގެ މަސައްކަތް ނިމި އަންނަ މަހު އެތަން ހުޅުވަން ތައްޔާރުވެފައިވާކަމަށް ނަރީޝް ވިދާޅުވި އެވެ.
މާލޭގެ މަގުމަތީ ބުޅާ ގިނަވެ އޭގެ ސަބަބުން އާންމު ސިއްހަތަށާއި ދިރިއުޅުމަށް ނުރައްކަލާއި އުދަގޫ ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރި ބުޅާ ޝެލްޓާ އަންނަ މަހުގެ ކުރީ ކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ. ނަރީޝް ވިދާޅުވި ގޮތުގައި ބުޅަލުގެ މައްސަލައަކީ ހުރިހާ ސަރުކާރަކުންވެސް އެކަމާމެދު ވާހަކަދެއްކި މައްސަލައެއް ނަމަވެސް ކުރީގެ އެއްވެސް ސަރުކާރަކުން އެކަމަށް ހައްލެއް ހޯދަން އެއްވެސް ކަމެއް ނުކުރެ އެވެ.
މަގުމަތީގައި ބުޅާ ގިނަވެ، ބައެއް މަގުތަކުގައި ބުޅާ ނަޖިސް ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން މަގުތަކުގައި ހިނގައިބިނގައިވެ އުޅެން ދަތިވެ، ބައެއް ކަހަލަ ބަލިތައް ފެތުރި، ނުބައި ވަސް ދުވުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރުއުޅޭ މީހުންނަށް ބޮޑެތި އުދަގޫތައް ތަހައްމަލުކުރަންޖެހުނެވެ.
ނަރީޝް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ގިނަދުވަސްވީ މިކަންބޮޑުވުމަށް ފުރިހަމަ ވަށާޖެހޭ ހައްލެއް ހޯދައިދެއްވުމުގެ މަސައްކަތް ފެއްޓެވީ މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.
މޭޔަރުކަމުގައި ރައީސް ފެއްޓެވި މަސައްކަތްޕުޅު ކުރިއަށްނުގޮސް މަޑުޖެހުނީ އެ މަސައްކަތަށް އެއިރުގެ ސަރުކާރުން އެއްބާރުލުން ނުލިބުމުންކަން ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ ރައީސްކަމާ ހަވާލުވެވަޑައިގެން އެ މައްސަލަ ހައްލުކުރެއްވުމަށް ބުޅާ ޝެލްޓާ ގާއިމުކުރުމަށް ހުޅުމާލެއިން ބިމެއް ކަނޑައަޅުއްވައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެން އެނިމަލް ވެލްފެއާރ އާއި ހަވާލުކޮށްގެން މަލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު މަސައްކަތް ފެއްޓެވި ކަމަށެވެ.
އަދި ރައީސްގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އަންނަ މަހުގެ ކުރީ ކޮޅުގައި އެ ޝެލްޓާ ހުޅުވާނެ ކަމުގައި ނަރީޝް ވިދާޅުވި އެވެ.
އެ މަސައްކަތަކީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން އެގްރިކަލްޗާ މިނިސްޓްރީން ހިންގި މަޝްރޫއެއް ކަމަށާއި، އެ މަޝްރޫއުގައި ކައުންސިލުގެ ދައުރަކީ ސަރުކާރުން އެދުނު ގޮތަށް ޝެލްޓާާ ބިނާކުރުމުގެ މަސައްކަަތްކުރުން ކަމަށްވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
ބުޅާ ގިނަވުމާމެދު މާލޭ ރައްޔިތުންގެ އޮތް ކަންބޮޑުވުން ހައްލުކޮށްދެއްވުމަަށް ރައީސް ކުރެއްވި މަސައްކަތްޕުޅަށް ނަރީޝްވަނީ ޝުކުރު އަދާކުރައްވާފަަ އެވެ.