ހޫނު މޫސުމުގައި ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވާތީ މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު އަންނަނީ ކުރަމުންނެވެ.
ކުރިއަށް އޮތް ހޫނު މޫސުމަށް މާލޭގެ ކަރަންޓު ވިއުގަ އަދާހަމަކުރުމަށް ސްޓެލްކޯއިން މަސައްކަތް ފަށައިފި އެވެ.
މިއަދު ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ ބޮޑަށް އިތުރުވާ ސުވަސްރަށް ތައްޔާރުވުމަށް މާލޭގެ ކަރަންޓު ވިއުގަ އަދާހަމަކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
އިތުރަށް އެ ކުންފުނިން ބުނީ މި މަސައްކަތުގެ ބޭނުމަކީ ކަރަންޓުގެ ހިދުމަތުގެ ދެމެހެއްޓެނެވިކަން ކަށަވަރުކޮށް، މާލޭގެ މަތިވަމުންދާ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރާ ދުވަސްވަރުވެސް ހިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވުން ކަމަަށެވެ.
އެ މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ބަހައްޓާފައި ހުރި ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުރުކުރުމަށް އެތަނުގައި ހުރި ޓްރާންސްފޯމަރު ބަދަލުކޮށްފައިވެ އެވެ. ކުރިން އެތަނުގައި ހުރީ 630 ކޭވީއޭގެ ޓްރާންސްފޯމަރެކެވެ. ފަހުން ބެހެއްޓީ 1،500 ކޭވީއޭގެ ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މި ޓްރާންސްފޯމަރު ބަދަލުކުރުމުގެ އިތުރަށްވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މި އަހަރު ކުރަން ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ދޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށާއި، ކަރަންޓުގެ ހިދުމަތުުގެ އަގުހެޔޮކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަރަންޓު އުފެއްދުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އެ ކުންފުނިންވަނީ ނިންމާފަ އެވެ.