ޖަރުމަން އަންހެނަކާ އިދިގެން އުޅޭ ދިވެއްސަކާއި އޭނާގެ އަންހެނުންގެ މެދުގައި ހިނގި މާރާމާރީއެއްގައި ދެމަފިރިންވެސް މަރުވެފައިވެ އެވެ.
ޖަރުމަންވިލާތުގައި ދިވެހި ފިރިހެނަކާއި އޭނާ އިދިގެން އުޅުނު ޖަރުމަން އަންހެންމީހާއާ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެންމީހާ އަދި އަންހެންމީހާވެސް މަރުވެއްޖެ އެވެ.
"މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މަަރުވީ ޖަރުމަންވިލާތުގައި ދިރިއުޅޭ ނ.މަނަދޫއަށް ނިސްބަތްވާ އާދަމް ނަސީރު އެވެ. އޭނާ މަރުވީ އޭނާ އިދިގެން އުޅޭ ޖަރުމަން އަންހެންމީހާއާ ދެމީހުންގެ މެދުގައި ހިނގި މާރާމާރީއަކަށްފަހު ލިބުނު އަނިޔާތަކަށް ފަރުވާކުރުމަށް ހޮސްޕިޓަލަށް ގެންދަނިކޮށް އެމްބިއުލާންސްގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
އުމުރުން ސާޅީހަކަށް އަހަރުގެ ނަސީރަކީ މީގެ 10 އަހަރު ކުރިން ފެށިގެން ޖަރުމަނު އަންހެނަކާ އިނދެގެން އެ ގައުމުގައި ދިރިއުޅޭ މީހެކެވެ. އަދި އެ ދެމަފިރިންނަށް ހަތަރު ކުދިންވެސް ލިބިފައިވާކަމަށް "މިރާ" އަށް މައުލޫމާތު ލިބިފައިވެ އެވެ.
"މިރާ"އަށް މައުލޫމާތު ދިން މި ހާދިސާގެ ތަފުސީލުތައް އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެ ދެމަފިރިން ޒުވާބުކޮށް މާރާމާރީ ހިންގީ އަންހެންމީހާ ކައިވެނިން ބޭރުން އެހެން ފިރިހެނަކާ ގުޅުމެއް ބާއްވާތީ އެކަމާ ގުޅިގެންނެވެ. އަދި ޒުވާބު މާރާމާރީއަށް ބަދަލުވެ އެކަކު އަނެކަކަށް ހަމަލާދިނުމުގެ ސަބަބުން އަންހެންމީހާއަށްވެސް އަނިޔާތަކެއް ލިބި އޭނާ މަރުވީ ދެ މީހުން ދިރިއުޅުނު އެޕާޓުމެންޓުގެ ތެރޭގައިކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ފުލުހުންނަށް މިހާތަނަށް ލިބިފައިވޭތޯ ބެލުމަށް "މިރާ"އިން ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ޖަރުމަނުގައި ދެމަފިރިއަކު ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ދިވެހި ފިރިހެނަކު މަރުވެފައިވާކަމުގެ މައުލޫމާތު ފޮރިން މިނިސްޓްރީން ފުލުހުންގެ ހިދުމަތާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު ތަފުސީލު އެ މިނިސްޓްރީން ހޯދަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
އަދި ފޮރިން މިނިސްޓްރީގެ މީޑިޔާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ އެ ވުޒާރާގެ ބަހެއް ލިބިފައިނުވެ އެވެ. ނަމަވެސް "މިރާ"އަށް އިތުބާރުކުރެވޭ މަސްދަރުތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި މި ހާދިސާގެ ހުރިހާ ތަފުސީލެއް ޖަރުމަނުގެ އިދާރާތަކުން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހިއްސާކުރުމުން އެކަމުގެ ތަފުސީލުތައް އެމްބަސީން މިހާރު އާއިލާއާވަނީ ހިއްސާކޮށްފަ އެވެ.