ފާއިތުވި 10 އަހަރު ތެރޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 1،318 މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގުކޮށް ނިންމާފައިވާއިރު، ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެ މައްސަލަތަކުގެ %37 މައްސަލަ އެވެ.
ފާއިތުވި ދިހަ އަހަރު ފުލުހުން ތަހުގީގުކޮށް ނިންމި ޑްރަގް ޓްރެފިކިން މައްސަލަތަކުގެ ތެރެއިން ދައުވާކުރުމަށް ޕްރޮސެކިއުޓާ
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިރާ"އިން އެދިގެން ދިވެހި ފުލުހުންގެ ހިދުމަތުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2013 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 1،328 މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވެ އެވެ.
އެ މުއްދަތުގައި ދައުވާކުރަން ފޮނުވާފައިވަނީ 493 މައްސަލަައެކެވެ. އެއީ ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ 37.1 މައްސަލަ އެވެ.
މި ދިހަ އަހަރުގެ ތެރޭގައި ޑްރަގް ޓްރެފިކިން މައްސަލަަތަކުގައި ދައުވާކުރަން އެންމެ ގިނައިން ޕީޖީ އޮފީހަށް ފޮނުވީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ޖުމްލަ 73 މައްސަލައެއް ދައުވާކުރަން އެދި ޕީޖީއަށް ފުލުހުންގެ ހިދުމަތުން ފޮނުވާފައވެ އެވެ. ދެން އެންމެ ގިނައިން ދައުވާކުރަން މައްސަލަ ފޮނުވި އަހަރަކީ 2019 އެވެ. އެ އަހަރު ޖުމްލަ 67 މައްސަލައެއް ދައުވާކުރަން ފޮނުވާފައިވެ އެވެ.
ދިހަ އަހަރު ތެރޭގައި ޓްރެފިކްކުރުމުގެ އެންމެ ގިނަ މައްސަލަ ތަހުގީގުކޮށް ނިންމާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ޖުމްލަ 175 މައްސަލައެއް ތަހުގީގުކޮށް ނިންމި އެވެ.
ޑްރަގް ޓްރެފިކިން މައްސަލަތަކުގެ ތަހުގީގުތައް އެންމެ މަދުން ނިމުމު އަހަރެއްގެ ގޮތުގައި ތަފާސްހިސާބުން ދައްކަނީ 2015 އެވެ. އެ އަހަރު ތަހުގީގުކޮށް ނިންމާފަައިވަނީ 71 މައްސަލަ އެވެ. ނަމަަވެސް އެންމެ މަދުން ދައުވާކުރަން ފޮނުވި އަހަރަކީ 2014 އެވެ. އެ އަހަރު 95 މައްސަލައެއް ތަހުގީގުކޮށް ނިންމިއިރު ދައުވާކުރަން ފޮނުވީ އެންމެ 20 މައްސަލަަ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެސެޕްޓެންބރު މަހުގެ ނިޔަލަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 104 މައްސަލައެއް ފުލުހުން ތަހުގީގުކޮށް ނިންމި އެވެ. އަދި 23 މައްސަލައެއްގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. އެއީ ތަހުގީގުކުރި މައްސަލަތަކުގެ %22.1 މައްސަލަ އެވެ.
ޕީޖީ އޮފީހުން "މިރާ"އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2013 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެ އިދާރާއިން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ 2،646 މައްސަލައެއްގައި ދައުވާކުރި އެވެ. އެއިން 901 މައްސަލަ އަދިވެސް ކޯޓުތަކުގައި ހިނގަމުންދާއިރު އެ މުއްދަތުގައި ސާބިތުވިކަމަށް ނިންމާފައިވަނީ 419 މައްސަލައެއްގަ އެވެ.