"ފިރިހެނަކު ވެއްޖިއްޔާ އިސްތިއުފާ ދީފައި ދުރަށް ދާންވީ މިހާރު އެނގޭތޯ. އެއްގޮތަކަށް ވެސް ނުޖެހޭ މިތާންގައި ހުންނާކަށް،"
ކުރީގެ ރައީސް މައުމޫންގެ ލެގަސީއަށް ހިޔަނި އެޅޭނެ ފަދަ ގޯސްތައް ނުހައްދަވާ މަގާމުން އިސްތިއުފާ ދެއްވުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރޭ ޕީއެންއެފްގެ ޖަަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޣައްސާނަކީ ރައީސް މައުމޫންގެ ހަގު ދަރިކަލުންނެވެ. ރައީސް ޔާމީނަކީ ޣައްސާންގެ ބޮޑުބޭބޭފުޅެވެ.
ޔާމީން ވިދާޅުވީ ޣައްސާންގެ ފަހަތްޕުޅުގައި ރައްޔިތުން ލޯބިވާ / ފަހުރުވެރިވާ ބޭފުޅަކު އެބަ ހުންނެވި ކަމަށެވެ. އެއީ ރައީސް މައުމޫން ކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ މައުމޫނަކީ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ލީޑަރެއް ކަމަށެވެ.
ނަމަވެސް މިއަދު މައުމޫންގެ ދަރިކަލަކު ބޭނުން ކުރައްވައިގެން ރައީސް މުއިއްޒު ހުރިހާ ގޯހެއް ހައްދަވަމުން ގެންދަވާ ކަމަށެވެ.
"ރައީސް މައުމޫނަކީ އެހާ ވަރުގަދައަށް ދިވެހި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދާތު ދެމެހެއްޓެވި އަޅުގަނޑުމެން ފަހުރުވެރިވާ ރައީސެއް. އެކަމަކު ބައްލަވާ! [ރައީސް] މުއިއްޒު، ރައީސް މައުމޫންގެ ދަރިފުޅު ލައްވާ ނޫންތޯ މި ހުރިހާ ގޯހެއް މި ހަދަނީ،"
ޣައްސާން މަގާމުގައި ދެމި ހުންނެވުމަކީ އޭނާގެ ބައްޕާފުޅު ކުރެއްވި މަސައްކަތަށް ހިޔަނި އެޅި އެމަނިކުފާނުގެ ލެގަސީއަށް ހުތުރުވާނެ ކަމެއްކަން ފާހަގަ ކުރައްވާ ޔާމީން ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި ޣައްސާން ލައްވާ މިހާރު އެ ކުރުވާ ކަންކަން ކުރުވުމަށް ބޮޑުބޭބޭފުޅުގެ ހައިސިއްޔަތުން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެކަން ރައީސް މައުމޫން ވެސް ބޭނުންފުޅު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ފިރިހެނަކު ވެއްޖިއްޔާ އިސްތިއުފާ ދީފައި ދުރަށް ދާންވީ މިހާރު އެނގޭތޯ. އެއްގޮތަކަށް ވެސް ނުޖެހޭ މިތާންގައި ހުންނާކަށް،" ޔާމީން ވިދާޅުވި އެވެ.
ކޮބާތޯ މަނިކުފާނުގެ ލަދުހަޔާތް؟ މައުމޫނު ޖަލައްލާފަ އާދެސް ކުރީމާ ރޯދަމަހަށްވެސް ދޫނުކުރި. ދެން މައުމޫނޜ ލެގެސީއޭ ކީމާ މާ ތާހިރެއް ނޫން!