އިމްޕޯޓުގެ ހިސާބު | އިންޑިޔާ އިމްޕޯޓު %4 ދަށަށް، ޗައިނާ އިމްޕޯޓު %20 މައްޗަށް

ނިމުނު އަހަރާ އަޅާަބަލާއިރު މި އަހަރު ޗައިނާއިން އިމްޕޯޓުކުރި މުދަލުގެ އަގު މައްޗަށް ގޮސްފައިވާއިރު، އިންޑިޔާއިން އިމްޕޯޓުކުރި މުދަލުގެ އަގު ދަށްވެފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކަ އެވެ.

އެމްޕީއެލްއިން ވިޔަފާރި ބަނދަރު : ރާއްޖޭގެ އިމްޕޯޓު 2.3 ބިލިއަނުން މައްޗަށް

ޗައިނާއިން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރު ފާއިތުވި އަހަރަށްވުރެ 20 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއިންނެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިޔާއިންނެވެ. 

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރާ އަޅާބަލާއިރު ޔޫއޭއީން ރާއްޖެއަށް މުދާ އެތެރެކުރި މިންވަރުވަަނީ ގާތްގަނޑަކަށް 35.5 އިންސައްތަ އިތުރުވެފަ އެވެ. ނިމުނު އަހަރު ޔޫއޭއީން ރާއްޖެއަށް އެތެރެކުރީ 295.8 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރު އެ އަދަދުވަނީ 401.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. 

އަހަރުން އަހަރަށް ބަލާއިރު ޗައިނާއިން މުދާ އެތެރެކުރި މިންވަރު 20 އިންސައްތަ އިތުރުވެފައިވެ އެވެ. އެގޮތުން ނިމުނު އަހަރު ޗައިނާއިން ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 254.7 މިލިއަން ޑޮލަރުގެ މުދަލެވެ. ނަމަވެސް މި އަހަރު 307.7 މިލިއަން ޑޮލަރުގެ މުދާ އެ ގައުމުން އިމްޕޯޓުކުރި އެވެ. 

ރާއްޖެއަށް މި އަހަރު ދެވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓުކުރި އިންޑިޔާއަކީ ނިމުނު އަހަރު އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމެވެ. ނަމަވެސް މި އަހަރު އިންޑިޔާއިން ރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރު ދަށްވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. 

ނިމުނު އަހަރު އިންޑިޔާއިން 366.6 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މި އަހަރު އެ ގައުމުން އިމްޕޯޓުކޮށްފައިވަނީ 350.4 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 4% ދަށްވުމެކެވެ. 

ވިޔަފާރި ފަހިކުރުމަށް ކަރަންސީ އެއްބަސްވުންތައް ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރާ ތިން ގައުމުގެ ތެރޭގައި ހިމެނޭ ޗައިނާ އަދި އިންޑިޔާއާއެކު ވިޔަފާރިކުރުން އިތުރަށް ފަހިކުރުމުގެ ގޮތުން އެ ދެ ގައުމާއެކު ޑޮލަރު މެދުވެރިނުކޮށް އެ ގައުމުތަކުގެ ފައިސާއިން ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރާއި މަރުކަޒީ ބޭންކުންދަނީ މަސައްކަތްކުރަމުންނެވެ. އެކަމަށް އިންޑިޔާއާއެކު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު އެއްބަސްވުމެއް ހަދާފައިވާއިރު ޗައިނާގެ މަރުކަޒީ ބޭންކާއެކު އެކަމުގެ އިންތިޒާމު ހަަމަޖެއްސުމުގެ މަޝްވަރާތައްވަނީ ފެށިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.