ޗައިނާގެ އިގުތިސާދަށް މަޑުޖެހުމެއް | ތިންވަނަ ކުއާޓާގައި ޖީޑީޕީ ކުރިއެރީ %4.6

މި އަހަރު ޖީޑީޕީގެ ކުރިން 5 އިންސައްތާގައި ހިފަހެއްޓުމަށް ޗައިނާ ސަރުކާރުން އަމާޒު ހިފި ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ގައުމުގެ އިގުތިސާދީ ކުރިއެރުން %4.7 ގައި ހުރުމަށްފަހު ދެވަނަ ކުއާޓާގައި %4.6 އަށް ދަށްވެފައިވެ އެވެ.

ޗައިނާގެ ރިއަލް އެސްޓޭޓު ވިޔަފާރި ނުރައްކާތެރި ފައްތަރަަކަށް ދިއުމުން މުޅި އިގުތިސާދަށް އެކަމުގެ ހީނަރުކަން ފެތުރިފައިވޭ

ޗައިނާގެ އިގުތިސާދު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކުރިއެރިވަރަށްވުރެ މަޑުޖެހި ދެވަނަ ކުއާޓާގެ ޖީޑީޕީ ކުރިއެރުން ހުރީ 4.6 އިންސައްތާގައިކަމަށް މިއަދު އެ ގައުމުގެ ރަސްމީ އިދާރާތަކުން އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ. 

މި އަހަރަށް ޗައިނާ ސަރުކާރުން ކަނޑައެޅި ޖީޑީޕީގެ އަމާޒަކީ މުޅި އަހަރުގައި ފަސް އިންސައްތައިގެ ކުރިއެރުމެއް ހާސިލުކުރުމެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޗައިނާގެ ޖީޑީޕީވަނީ 4.7 އިންސައްތައިން ކުރިއަރާފަ އެވެ. ނަމަވެސް އިމާރާތުގެ ވިޔަފާރި ދަށްވުމާއި އާންމުން މުދަލާއި ހިދުމަތް ގަންނަ މިންވަރު މަދުވުމުގެ ސަބަބުން އެ އަދަދުތަކަށްވުރެ ދެވަނަ ކުއާޓާގެ ޖީޑީޕީ ކުރިއެރުންވަނީ ދަށްވެފަ އެވެ. 

މާހިރުން ވިދާޅުވާ ގޮތުގައި ޖީޑީޕީ މަޑުޖެހުމަކީ ކުރިއަށް އޮތް ތަނުގައި އިގުތިސާދުގެ ދުވެލި ހަލުއިކުރުމަށް ސަރުކާރުން އެކި ސިނާއަތްތަކާއި އިގުތިސާދުގެ އެކި ދާއިރާތަކަަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ ކަމުގެ އަލާމާތެކެވެ. 

ޗައިނާ ސަރުކާރުންވަނީ އިގުތިސާދުގެ ދުވެލި ހަލުއިކޮށް ޖީޑީޕީ ކުރިއެރުން ބަހައްޓަން ބޭނުންވާ އަމާޒަަށް ވާސިލުވުމަށްޓަކައި ސަރުކާރުން ކޮވިޑުގެ އާލަމީ ވަބާއަށްފަހު އިއުލާނުކުރި އެންމެ ބޮޑު ސްޓިމިއުލަސް ޕެކޭޖު އިއުލާނުކޮށްފަ އެވެ. އަދި ސަރުކާރުން ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރަދުކުރާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ. 

ސަރުކާރުގެ އެ ނިންމުމާ ގުޅިގެން މާކެޓުގައި ޗައިނާގެ ސްޓޮކުތަކުގެ އަގު ވަގުތީ ގޮތުން އުފުލުނު ނަމަވެސް ޝެންހާއި އަދި ޝެންޒެންގައި ލިސްޓުކޮށްފައިވާ ސްޓޮކުތަކާއި ހޮންގް ކޮންގުގެ ހަންގް ސެންގް ބެންޗު މާކު އޮކްޓޯބަރުގައިވަނީ ދަށްވެފަ އެވެ. 

އިންވެސްޓަރުންގެ އިތުބާރު އިއާދަކުރުމަށް ޗައިނާގެ ފިނޭންސް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް އުންމީދުކުރި މިންވަރަށް އިންވެސްޓަރުންގެ އިތުބާރު ޔަގީންކުރެވިފައިނުވެ އެވެ. އެގޮތުން ހައުސިން މާކެޓަށް އެހީތެރިވުމަށް އެ ގައުމުގެ ހައުސިން މިނިސްޓްރީން އިއުލާނުކުރި ޕްލޭނަށްފަހު ހަންގް ސެންގް އިންޑެކްސްގައި ޗައިނާގެ މައިބިމުގެ ޕްރޮޕަޓީތަކުގެ އިންޑެކްސް 6.7 އިންސައްތަ ދަށަށް ދިޔަ އެވެ. 

މިހާތަނަށް ސަރުކާރުން ހަރަދު އިތުރުކުރާނެ ގޮތެއް އެއްވެސް އިދާރާއަކުން ހާމަނުކުރި ނަމަވެސް މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި އަންނަ ހަފުތާތަކުގައި ބާއްވާ ޗައިނާގެ ބަރުލަމާނު ކަމަށްވާ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ބައްދަލުވުމެއްގައި ހަރަދުކުރުމަށް އަޅާ ފިޔަވަޅުތައް ސަރުކާރުން އިއުލާނު ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.