ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރު އެތެރެކުރާ މީހުން 30،000 ރުފިޔާއިން ޖޫރިމަނާކުރަނީ

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ އެއްޗެއް ގަވާއިދުގައި ބުނެފައިވާ ގޮތަށް ހުއްދަ ނުހޯދައި ރާއްޖެއަށް އެތެރެކޮށްފިނަމަ އެތެރެކުރި ކޮންމެ އެފަދަ ދިރުމަކަށް 30،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވެ އެވެ.

ކުޅުދުއްފުށި މަށި ކުޅީގައި ގުޑުގުޑޫ ދޫނިތައް: މިއީ މޫސުމީ ދޫނި ރާއްޖެ އަންނަ ދުވަސްވަރު -- ފޮޓޯ: މިހާޒު

ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓުރޯލު ކުރުމުގެ ގާނޫނުގެ ޖަދުވަލެއްގައި ހިމެނޭ އެއްވެސް ދިރޭ އެއްޗެއް ހުއްދަ ނެތި ރާއްޖެއަށް އެތެރެކުރާ މީހުން އެތެރެކުރާ ކޮންމެ ޖަނަވާރަކަށް 30،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލައިފި އެވެ. 

ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދަށް އިސްލާހުކޮށް މިހާރު ޝާއިއުކޮށްފަައިވާއިރު އެ ގަވާއިދުގައި ބުނެފައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި އެތެރެކުރުމަށް އެ ގަވާއިދުގެ ދަށުން ހުއްދައެއް ނެތި އެތެރެކުރުމަކީ މަނާ ކަމެއް ކަމަށެވެ.  

އެފަދަ ދިރޭ ތަކެތި އެތެރެކުރުމުގެ އިތުރަށް އެފަދ ތަކެތީގެ ބައެއް ނުވަތަ އެތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ އެހެން މުދަލެއް އެތެރެކުރުންވެސް ގަވާއިދުގައި މަނާކޮށްފައިވެ އެވެ. އަދި އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މުދަލެއް އެތެރެކުރާ ފަރާތެއް އެތެރެކުރާ ކޮންމެ އެ ބާވަތުގެ މުދަލެއްގެ މަގުން 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

އަދި ގާނޫނުގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް އެއްޗެއް ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއް ބޭނުންކޮށްގެން އުފައްދާފައިވާ މުދަލެއް އެތެރެކުރުމަށް ގަވާއިދުގެ ދަށުން ދޫކުރާ ހުއްދައިގެ ނުވަތަ ރަޖިސްޓްރޭޝަނުގެ ޝަރުތަކާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 5،000 ރުފިޔާއިން އަދި ދެވަނަ ފަހަރު 10،000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވެ އެވެ. އަދި ތިން ފަަހަރަށްވުރެ ގިނައިން އެއިން ޝަރުތަކާ ހިލާފު އަމަލެއް ހިންގައިފިނަމ 50،000 (ބައިލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. 

މީގެ ކުރިން ގަވާއިދުގައި ބުނެފައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ހުއްދަ ނެތި އެތެރެކުރާ ފުރަތަމަ ފަހަރު 10،000 ރުފިޔާއިން އަދި ދެވަނަ ފަހަަރު 20،000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 40،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ. ތިންވަނަ ފަހަރަށްފަހު އެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އެފަދަ އެއްޗެއް އެތެރެކޮށްފިނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމށްވެސް ކުރީގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. 

ނެތި ދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުގެ ވިޔަފާރި ކޮންޓްރޯލު ކުރުމުގެ ގާނޫނަކީ އެފަދައިން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ހިމާޔަަތްކުރުމަށް އެކުލަވައިލާ އަމަލުކުރަމުންދާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރާއްޖޭގައި އަމަލުކުރުމަށް 2012 ވަނަ އަހަރު އެކުލަވައިލާ އަމަލުކުރަން ފަށާފައިވާ ގާނޫނެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.