ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ހޯދުން ތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ.
ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން ބުނީ 2019 ވަނަ އަހަރު ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ކޮރަޕްޝަނުގެ ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާ ގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ގަމު މަތިމަރަދޫ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖާ ނަސްރުﷲ އަބްދުﷲގެ މައްޗަށެވެ. އެ ފަރާތުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ. ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލު ކުރީ ނަސްރުﷲއާ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ. މި މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތި އެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތުގެ އެއްބަސްވުމުގެ 18 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ހޯދުން ތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ.