ގައުމީ ބޭންކުގެ ސީއީއޯއަކަށް ޝަރީފު | ފުރަތަމަ ދިވެހި ސީއީއޯ

ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެންނެވެ. ބޭންކުގެ މި ނިންމުމާއެކު ޝަރީފް އަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަނު ކުރެއްވުން

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް މުހައްމަދު ޝަރީފް އައްޔަނު ކުރައްވައިފި އެވެ.

ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެންނެވެ. ބޭންކުގެ މި ނިންމުމާއެކު ޝަރީފް އަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އެވެ. މިއީ ބޭންކަށާއި ދިވެހިރާއްޖޭގެ މާލީ ދާއިރާއަށްވެސް ހާސިލު ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ބެންކުން ބުންޏެވެ.

ޝަރީފް އަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ވެސް ހޯއްދަވާފައިވެ އެވެ. ބޭންކް އޮފް މޯލްޑިވްސް ގައި މަސައްކަތް ކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވާފަ އެވެ.

މިގޮތުން ޝަރީފް ވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފު ކުރުމާއި ބޭންކުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން އިންޓާނެޓް އަދި މޮބައިލް ބޭންކިން ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފު ކުރުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. މި ހިދުމަތްތަކާ އެކު ބޭންކުގެ މާލީ ހަލާތު ހަރުދަނާވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދިޔަ އެވެ.

ބީއެމްއެލް ޝަރީފްގެ ތައާރަފެއް

  •  ބީއެމްއެލްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި
  •  ޝަރީފު ބޭންކާ ގުޅިވަޑައިގެންނެވީ 1995 ގައި
  •  އެންމެފަހުން އަދާކުރެއްވީ ޑެޕިއުޓީ ސީއީއޯގެ މަގާމު
  •  މަގާމުން އިސްތިއުފާ ދެއްވީ ފެބުރުއަރީ 2020 ގައި
  •  ރިޓެއިލް ބޭންކިންގެ ޑައިރެކްޓަރުގެ މަގާމު އަދާކުރެއްވި
  •  ޑިއިރެކްޓަރު އޮފް އޮޕަރޭޝަންސްގެ މަގާމު ފުރުއްވި
  •  ޝަރީފް ވަނީ ޔުނިވަސިޓީ އޮފް މެންޗެސްޓާއިން މާލީ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލް ކުރައްވާފައި
  •  ލަންޑަން ބިޒްނަސް ސްކޫލގެ 'ސީނިއަރު އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރެއްވި
  •  ޝަރީފު ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމްގެ މަގާމު ފުރުއްވާފައި

ބޭންކަށް ހިދުމަތް ކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލު ކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފަ އެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއް ކަމަށްވާ އިސްލާމިކް ބޭންކިން އާއި ޓެކްނޮލޮޖީ އާއި މާކެޓިން އާއި ރީޓެއިލް ބޭންކިން އަދި އޮޕްރޭޝަންސް ހިންގެވުމު ގައި އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.

ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާ އިން އެމްބީއޭ ހާސިލު ކުރައްވާފަ އެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ "ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް" ފުރިހަމަ ކުރައްވާފައެވެ. ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރައްވާފަ އެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓާ ގައި މަސައްކަތް ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.