ޕީއެންސީން މިފަދަ ބަޔާނެއް ނެރުނުއިރު މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އެބައޮތެވެ. އެ މަސައްކަތް މިހާތަނަށް ފަސްވެފައި ވަނީ އެ ޕާޓީން އެކަމަށް އިސްކަން ނުދިނުމުންނެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އަވަސްކުރަން ތާއީދު ކުރާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- ޕީއެންސީން މިރޭ ބުނެފި އެވެ.
އިޒްރޭލްގެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމީ މީގެ ފަސް މަސް ކުރީންނެވެ. އެ މަސައްކަތް ކޮމެޓީގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ހެދުން ފަސްވަމުންދާ މައްސަލާ ގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޕީއެންސީން މިރޭ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ މި އަހަރުގެ ޖޫން މަހުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި ރައްޔިތުންގެ ރޫގާއި ވިންދާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުއިކަމާއެކު ކުރުމަށް އެ ޕާޓީން އިލްތިމާސް ކުރާ ކަމަށެވެ.
"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ އަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ މި މުހިއްމު ފިޔަވަޅަށް މި ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ދަންނަވަމެވެ،"
ޕީއެންސީން މިފަދަ ބަޔާނެއް ނެރުނުއިރު މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އެބައޮތެވެ. އެ މަސައްކަތް މިހާތަނަށް ފަސްވެފައި ވަނީ އެ ޕާޓީން އެކަމަށް އިސްކަން ނުދިނުމުންނެވެ. އެ ޕާޓީން ބޭނުންވުމުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބައެއް ގާނޫނުތަކަށް ވަނީ ބަދަލުގެނެސްފަ އެވެ.
މި ސަރުކާރުން ގެންދަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަމުންނެވެ. ރައީސް މުއިއްޒު ވެސް އެތައް ފަހަރަކު އިޒްރޭލް ކުށްވެރިކޮށް ފަލަސްތީނުގެ ހައްގުގައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. ނަމަވެސް ފަލަސްތީނުގެ ހައްގުގައި ކުރަން ނިންމި މަދު ކަމަކަށް ނޫނީ އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.