"ޕައިލެޓްކަން ކިޔަވައިގެން އުޅޭ އެތައް ޒުވާންނުންނެެއް މި ނާއިންސާފާ ހެދި ވަޒީފާއެއް ނެތިފައި އެބަތިބި. މިކަން ހަމައަކަށް އެޅުވިއްޖެނަމަ ޑޯނިއާ ދުއްވާނެ ޕައިލެޓުން ވާނެކަން ޔަގީން،"
ޑޯނިއާ ދުއްވަން ތަމްރީނުކުރެވޭ ޕައިލެޓުން ސިފައިންގެ ދޫކޮށް ދަނީ ޕައިލެޓުންނަށް ހަމަހަމަކަން ރާއްޖޭގައި ނެތުމުގެ ސަބަބުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް / ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ޑޯނިއާ ފްލައިޓް ދުއްވުމުގެ ލައިސަންސް އޮތް ދިވެހި ސިފައިންގެ ޕައިލެޓެއް މި ވަގުތު ހިދުމަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނުމާއި ގުޅިގެންނެވެ. އިންޑިއާގ ހެލްކޮޕްޓަރުތަކާއި ޑޯނިއާ ދުއްވަން ދިވެހި ސިފައިން ނުތިބޭ މައްސަލާ ގައި ސަރުކާރުތަކަށް ފާޑުކިޔުން އޮވެ އެވެ.
އެންމެ ބޮޑަށް އެ ފާޑުކިޔުން އަމާޒުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ގުޅުވާ ކުރީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް ހަގީގަތެއް ނެތް އެތައް ވާހަކަތަކެއް ފަތުރާފަ އެވެ. އެ ބޭފުޅުންނަށް ވެރިކަން ލިބުމުން ފުރަތަމަ މަސައްކަތް ކުރީ ޑޯނިއާ ދުއްވަން ދިވެހި ސިފައިން ނުތިބޭ ސަބަބު ސިއްރު ކުރާށެވެ. ނަމަވެސް ފާޑުކިޔުން އަމާޒުވުމުން އެ ސަބަބު މިއަދު ހާމަކުރި އެވެ. ޑިފެންސުން ބުނީ ޑޯނިއާ ފްލައިޓް ދުއްވުމުގެ ލައިސަންސް އޮތް ދިވެހި ސިފައިންގެ ޕައިލެޓެއް މި ވަގުތު ހިދުމަތުގައި ނެތް ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ސިފައިންގެ ހިދުމަތުގެ ވަރަށް ބޮޑު ތާރީހެއް އޮތް ކާނަލް ނާޒިމް ވިދާޅުވީ ޑޯނިއަރ ދުއްވަން ތަމްރީންކުރެވޭ ޕައިލެޓުން ސިފައިންގެ ދޫކޮށް ދަނީ ޕައިލެޓުންނަށް ހަމަހަމަކަން ރާއްޖޭގައި ނެތުމުގެ ސަބަބުން ކަމަށެވެ. މޯލްޑިވިއަން އެއާލައިންގެ ޕައިލެޓުން ގަޑި ހަމަވަންދެން މަސައްކަތް ކުރުމުން ބޮޑު މުސާރަ ލިބޭ ކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ އެހެން ޕައިލެޓުންނަށް އެވަރަށް މުސާރައިގެ ގޮތުގައި ފައިސާ ނުލިބޭ ކަމަށެވެ.
"ޕައިލެޓްކަން ކިޔަވައިގެން އުޅޭ އެތައް ޒުވާންނުންނެެއް މި ނާއިންސާފާ ހެދި ވަޒީފާއެއް ނެތިފައި އެބަތިބި. މިކަން ހަމައަކަށް އެޅުވިއްޖެނަމަ ޑޯނިއާ ދުއްވާނެ ޕައިލެޓުން ވާނެކަން ޔަގީން،" ކުރީން ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވި އެވެ.
ޑޯނިއާ ދުއްވަން ދިވެހި ސިފައިންގެ ދެ މީހަކު ތަމްރީނު ކުރި އެވެ. ނަމަވެސް އެ ދެ މީހުން ވެސް މިހާރު ވަނީ ސިފައިންގެ ހިދުމަތުން ވަކިވެފަ އެވެ.