ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ބަދަލާއެކު މަހެއްގެ މައްޗަށް 5.71 މިލިއަން ރުފިޔާ ހަރަދުން ސަލާމަތް ވެގެންދާނެ އެވެ.
ހަރަދު ކުޑަކުރަން 228 ސިޔާސީ ބޭފުޅުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވާ އެކަން އިއުލާނު ކުރައްވައިފި އެވެ.
ރައީސް އެކަން އިއުލާނު ކުރެއްވީ އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. މި ނިންމެވުމަކީ ދައުލަތުގެ އިގްތިސާދީ ހާލަތާއި ގުޅިގެން އެމަނިކުފާނު ފައްޓަވާފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން އަޅުއްވާ ފިޔަވަޅެއް ކަމުގައި ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުގެ އެކި މިނިސްޓްރީތަކުން 228 މީހަކު މަގާމުން ވަކިކުރަން ވަނީ ނިންމާފަ އެވެ. އެއީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނެވެ.
އެގޮތުން ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 103 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން މަގާމުން ވަކިކުރަން ވަނީ ނިންމާފަ އެވެ. އަދި 69 ޕޮލިޓިކަލް ޑައިރެކްޓަރުން މަގާމުން ވަކިކުރާން ވެސް ވަނީ ނިންމާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ބަދަލާއެކު މަހެއްގެ މައްޗަށް 5.71 މިލިއަން ރުފިޔާ ހަރަދުން ސަލާމަތް ވެގެންދާނެ އެވެ.
މި ފިޔަވަޅު މި އެޅުއްވީ އިގްތިސާދީ ހާލަތު ވަރަށް ދަށްވެ ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ފަހު އެވެ. އަދި ވާދަވެރި ސިޔާސީ ޕާޓީތަކާއި ވަރަށް ގިނަ އާންމުންވެސް ސިޔާސީ މަގާމުތައް މަދުކުރުމަށް ސަރުކާރަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
މި ސަރުކާރުގައި ވަރަށް ގިނަ އަދަދަކަށް ސިޔާސީ މަގާމުތައް އުފައްދާފައިވެ އެވެ. މިހާތަނަށް އުފެދުނު އެއްވެެސް ސަރުކާރެއްގައި ނެތް މިންވަރަށް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ނާއިބުން އެބަ ތިއްބެވި އެވެ.
ސިޔާސީ މަގާމުތަކުގެ ސީދާ އަދަދެއް ވެސް މި ސަރުކާރުން ހާމައެއް ނުކުރެ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ގިނަ ނޫން ކަމަށް ބުނެ އެކަން ދިފާއު ކުރަން މީގެ ކުރީން ސަރުކާރުގެ ވެރީން މަސައްކަތް ކޮށްފައިވެ އެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމެވެ. ނަމަވެސް އެ އަދަދު މިވަގުތު މާބޮޑަށް ވެސް އިތުުރުވާނެ ކަމަށް ބެލެވެ އެވެ.
ދައުލަތުގެ ހަރަދު ކުޑަ ކުރަން ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ލަފާ ދެމުންނެވެ. ހަރަދު ކުޑަ ކުރަން ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒު ކުރަން ވޯލްޑް ބޭންކް / އައިއެމްއެފުން އެދޭތާ ވަނީ ފަސް އަހަރު ވެފަ އެވެ. އެކަމަކު މި ފިޔަވަޅު ތަންފީޒު ކުރުން ލަސްވުމުގެ ނަތީޖާއަކީ ދައުލަތުގެ ފިސްކަލް ހާލަތު ގޯސްވުމެވެ.