ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލުގެނައުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރުހެލިކުރުމަށް މުހިއްމު ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަންވަނީ ނިންމަވާފަ އެވެ.
ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލުގެނައުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24 ގެ ދަށުން ސިނގިރޭޓިއާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީ ސްޕެސިފިކް ރޭޓު ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމަށާއި، އަދި އެ ބާވަތްތަކުން ނަގާ އެޑްވަލޮރަމް ރޭޓު 50 އިންސައްތަ މަތިކުރުމަށް ހުށަހަޅުއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރަށް އާންމު ތަންތަނުގައި ދުންފތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވެ އެވެ. ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލުކުރަން އަދާވެފައިވާ ފަރާތްތަކުން އެއާދައިން ދުރުވުމަށް އެހީތެރިވުމަށް ގައުމީ ފެންވަރުގައި ފެންނީ ކަންކަމަށް ބަލައިގެން ވަށާ ޖެހޭ ބޮޑު ކެމްޕެއިނެއް ފެށުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.
ރައީސްވަނީ ވޭޕާއި ވޭޕާއެކު ބޭނުންކުރާ އެކި ތަކެތި ރާއްޖެއަށް އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން މަނާކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ނިންމަވައި އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ވޭޕު ރާއްޖެއިން އެއްކޮށް މަނާކުރައްވާނެކަން އިއުލާނުކުރައްވާފަ އެވެ.