ވޭޕްގެ ހިސާބުތަކުން ބިރުވެރިކަން | ދުނިޔެ ވެސް އޮތީ މިއާ ދެކޮޅަށް

އަހަރުން އަހަރަށް ދަނީ ވޭޕް އެތެރެ ކުރުން އިތުރު ވަމުންނެވެ. އެކަމަކު ތަފާސް ހިސާބުތަކުން ފެންނަނީ ސިނގިރެޓް އެތެރެ ކުރުން މަދުވާތަނެއް ނުފެނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެވަނީ މުހިންމު ނިންމުމެއް ނިންމަވާފަ އެވެ. އެ ނިންމުމަކީ ރާއްޖޭގެ ޒުވާން ޖީލު ހާއްސަކޮށް ބޮޑުވަމުން އަންނަ ގިނަ އަދަދެއްގެ ކުދިން ދުންފަތުގެ ވަބާގެ ތެރެއަށް ވައްދާ ވޭޕް ރާއްޖޭގައި އެތެރެ ކުރުމާއި ބޭނުން ކުރުން މަނާކުރުމެވެ. ސަރުކާރުގެ ހިތްވަރުގަދަ މި ނިންމުން އައިއިރު ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ ހައްދުން ނަޓާލައި ބޮޑުތަނުން އިތުރުވެފަ އެވެ. އެކަމަކު ވޭޕްއާ އެއްވަރަށް ނުވަތަ މިއަށްވުރެ ގިނައިން މިހާރު ވެސް ސިނގިރެޓް ރާއްޖެ އަށް އެތެރެވަމުންދެ އެވެ. އެހެންވެ ސަރުކާރުން ވޭޕްއާމެދު އެޅި ހަރުކަށި ފިޔަވަޅުތައް ފަދަ ފިޔަވަޅެއް ސިނގިރޭޓްގެ ވިޔަފާރި އަށް ވެސް އަޅައިގެން ނޫނީ ހަގީގީ މައްސަލައިގެ ހައްލާ ދިމާލަށް ދަތުރު ކުރަން ދަތިވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ. 

މޯލްޑިވްސް ކަސްޓަމުން "މިރާ" އިން ހޯދި ދެ އަހަރެއްގެ ހިސާބުތަކެއް އަޅައި ކިޔާލުމުން ގައިން ހީބިހި ނަގައިގެންދަނީ މި ތަކެތި އެތެރެ ކުރަން ކުރަމުން ގެންދާ ބޮޑު ހަރަދުގެ ސަބަބުންނެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ވޭޕު އާއްމު ވިޔަސް ސިނގިރެޓް އެތެރެ ކުރުމަށް ހުއްޓުމެއް ނެތެވެ. ސިނގިރެޓް އެތެރެ ކުރުން މެކުހަށް ޖަހައި އަދި މި މައްސަލަ ގޯސްވެގެން ދަނީ ވޭޕް އެތެރެ ކުރުން ހައްދުން ނައްޓާލައިގެން ދިއުމުންނެވެ.

ވޭޕްގެ ވިޔަފާރި އޮތީ އަމިއްލަ ބޭނުމަށް

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިސްޓައިލަށް އައި ބަދަލާއެކު މިހާރު ބޭނުން ކުރާ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާލާތްތައް އެތެރެ ކުރުމުގެ ޓްރެންޑުން ފެންނަނީ މާ ނުރައްކާތެރި މަންޒަރެކެވެ. ވޭޕާއި މިއާ ގުޅުންހުރި ތަކެތީގެ ހިސާބުތައް ދައްކާ ގޮތުގައި ފެންނަނީ ނުރައްކާތެރި މަންޒަރެކެވެ. އެ މަންޒަރަކީ ރާއްޖޭގައި މިތަކެތީ ބޭނުން ކުރުން ގިނަވިނަމަވެސް ހިސާބުތަކުން މިތަކެތި ދައްކާ އަދަދު މަދުކަމެވެ. ކަސްޓަމަސް އިން މިހާރު ވަނީ އެންމެ ފަހުން ގަވައިދަށް ގެނައި ބަދަލާއެކު އެ ދޮރުތައް ބަންދުކޮށްފަ އެވެ. ވޭޕު ޑިވައިސުން ޑިއުޓީގެ ގޮތުގައި ނަގަނީ 25 ޕަސެންޓެވެ. މި ވިޔަފާރީގައި ޒުވާން ގިނަ ބަޔަކު ހަރަކާތްތެރިވެ އެވެ. ރާއްޖޭން ބޭރަށްދާ ގިނަ ބަޔަކު ރާއްޖެ އަންނައިރު އަތްމަތީ "ހަދިޔާ" ގެ ގޮތުގައި ވޭޕް ގެނެސް އެ ވިއްކުން ވެގެން ދަނީ ކަސްޓަމްސްގެ ޑިއުޓީން މި ތަކެތި އެތެރެވާ ހަގީގީ ނަމްބަރު ދެނެގަތުން ދަތިވާ ކަމަކަށެވެ. 

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖެ އަށް ވޭޕިން ޑިވައިޒް އެތެރެ ކުރަން 16 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ އަހަރު 220،781 ވޭޕިން ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. އެކަމަކު މި ތަކެތީގެ ޑިއުޓީގެ ގޮތުގައި ދައްކާފައިވަނީ 3.8 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ 2023 ވަނަ އަހަރު ވޭޕު ކުރަން ބޭނުން ކުރާ 140.645 ޑިވައިސް ރާއްޖެ އެތެރެކޮށްފައިވެ އެވެ. މި ތަކެތި އެތެރެ ކުރަން 12 މިލިއަން ހަރަދުކޮށްފައިވެ އެވެ. އަދި ޑިއުޓީގެ ގޮތުގައި ދައްކާފައިވަނީ 2.8 މިލިއަން ރުފިޔާ އެވެ. 

ސިނގިރެޓް އެތެރެ ވުމަށް ހުއްޓުމެއް ނާދެ

ކަސްޓަމްސްގެ ހިސާބުތަކުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު ދުންފަތް ހިމެނޭ 356 މިލިއަން ސިނގިރެޓް ރާއްޖެ އެތެރެ ކުރަން 251 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވެ އެވެ. ނުވަތަ ކުރުކޮށް ބުނާނަމަ 251 މިލިއަން ރުފިޔާގެ ސިނގިރެޓް އެ އަހަރު ވަނީ ރާއްޖެ އަށް އެތެރެކޮށްފަ އެވެ. ޑިއުޓީގެ ގޮތުގައި އެ އަހަރު ދައުލަތަށް ސިނގިރެޓުން 1.1 ބިލިއަން ރުފިޔާ ދެއްކި އެވެ. އަދި މިދިޔަ 2023 ވަނަ އަހަރު 350 މިލިއަން ސިނގިރެޓް ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. މި ތަކެތި އެތެރެ ކުރަން 265 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ އަހަރު ވެސް 1.1 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ސިނގިރެޓުން ޑިއުޓީގެ ގޮތުގައި ލިބިފަ އެވެ. އަދި 200 ޕަސެންޓުގެ ޑިއުޓީއެއް ދައްކާ "އީ- ސިނގިރޭޓު" ގެ  55،000 ކިލޯ ގްރާމް ނުވަތަ 61 ޓަނުގެ ތަކެތި 2022 ވަނަ އަހަރު ރާއްޖެ ވަނީ އެތެރެކޮށްފަ އެވެ. އަދި މި ތަކެތި އެތެރެކުރަން އެ އަހަރު 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޑިއުޓީގެ ގޮތުގައި އެ އަހަރު 16 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ދައްކާފަ އެވެ. ޖެހިގެން އައި 2023 ވަނަ އަހަރު 4،760 ކިލޯގްރާމްގެ މިފަދަ ތަކެތި އެތެރެކޮށްފައިވެ އެވެ. މި ތަކެތީގެ އަގު 9 މިލިއަން ރުފިޔާ އަށް އަރާއިރު ދައުލަތަށް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރު ވެސް 16 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ވޭޕަށް ފިޔަވަޅު އަޅާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ މިދިޔަ އަހަރު ނިކޮޓިންގެ މިންވަރު މަތީ އީސިނގިރެޓާއި ވޭޕްގެ ނުރައްކާ ބޮޑު ކަމަށް ބުނެ ދުނިޔެ އަށް އިންޒާރު ދީފަ އެވެ. މި އިންޒާރާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ވޭޕްއާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.  

މައިގަނޑު ސަަބަބަކީ ވޭޕްއަށް ޒުވާންޖީލު ލެނބިގެން ދިއުން އަވަސްވުމެވެ. އިނގިރޭސިވިލާތުގައި 2013 އިން 2023 ގެ ނިޔަލަށް ޒުވާނުން ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ޓްރެންޑް ހުރި ގޮތް ބަލަން ހެދި ދިރާސާއެއް ދައްކާ ގޮތުގައި ވޭޕްގެ އިސްތިއުމާލް ކުރާ މީހުންގެ ތެރޭން 8 ޕަސެންޓަކީ 11 އަހަރާއި 17 އަހަރުގެ ކުޑަކުދިންނެވެ. ނުވަތަ ޒުވާން އާބާދީ އެވެ. އަދި ސިނގިރެޓް ބޯ ކުދިންގެ އަދަދު އުޅެނީ 3.6 ޕަސެންޓުގަ އެވެ. އެހެންވެ އިނގިރޭސިވިލާތުން ވަނީ ވޭޕް މަނާކުރަން ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމައި އަޅާނެ ފިޔަވަޅުތަކެއްވެސް އިއުލާނުކޮށްފަ އެވެ. 

ޔޫކޭގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ވޭޕް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މަނާ ކުރުން
  • ވޭޕު ކުރަން ބޭނުން ކުރާ އުފެދުންތަކުން 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާ ޓެކުހެއް ނެގުން
  • ޒުވާނުން ހިތް ރުއްސާ ގޮތަށް ވޭޕް މާކެޓް ކުރަން ހުރަސް އެޅުން
  • 18 އަހަރުން ދަށުގެ ކުދިންނަށް ވޭޕް ވިއްކާ ރީޓެއިލް ވިޔަފާރިވެރިންގެ ޖޫރިމަނާ ކުރުން

ސަރުކާރުން ވޭޕްއާ ދެކޮޅަށް އެޅި ފިޔަވަޅު ތަކަކީ ދުނިޔެ ވެސް އަޅަމުންދާ ފިޔަވަޅެކެވެ. އެކަމަކު ވޭޕްއާއެކު ސިނގިރެޓް އަށް ވެސް އިތުރު ފިޔަވަޅު ތަކެއް އަޅަން ޖެހެ އެވެ. މިކަމުގެ ހަގީގީ ހައްލު އޮތީ ސިނގިރެޓަށްވެސް ފިޔަވަޅު އަޅައިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.