ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކޮށް ގައުމުގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި ހުރިހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާ ކަމަަށެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން ސަރުކާރު ހިންގާ ޕާޓީ -- ޕީއެންސީން މަރުހަބާ ކިޔައިފި އެވެ.
ރައީސް މުއިއްޒު، ރައީސްކަން ކުރައްވަވާ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަރިސްކުރުމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ގިނަ ދިރާސާތަކުން ސާބިތުވާ ގޮތުގައި ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ގެއްލުން ބޮޑު އެއްޗެހިތަކެއް ކަމަަށާ އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމޭގައި ފެން އުފެދި ލިބޭ ގެއްލުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނައަށް ނުރައްކާވާކަމީ މިހާރު ރެކޯޑުކުރެވި ސާބިތުވެފައިވާ ހަގީގަތެެއް ކަމަަށެވެ.
ވޭޕުގެ ސިއްހީ ނުރައްކާތަކުގެ އިތުރަށް ވޭޕު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރެމުންދާއިރު ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަަށާ އެ ހަގީގަތްތަކުގެ އަލީގައި މާހިރުންނާއި މަދަނީ ޖަމިއްޔާތަކާއި ސިއްހީ ދާއިރާގެ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއްވެފައިވާއިރު މިހާތަނަށް މިކަމުގައި ފާއިތުވި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނޭޅި ކަމަށް ޕީއެންސީން ބުންޏެވެ.
"އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެތަކެތި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުމާއި އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްގު ގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެކެވެ. އެއީ އަންނާން އޮތް ދިވެހި ޖީލުތައް ހިމާޔަތް ކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި މި ޕާޓީން ގަބޫލުކުރަމެވެ،"
އަދި ބުނީ ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކޮށް ގައުމުގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި ހުރިހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާ ކަމަަށެވެ.