2026 ވަނަ އަހަރަށް 18 އަހަރު ނުފުރޭ އެއްވެސް މީހަކަށް ފަަހުންވެސް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން ގާނޫނަކުން މަނާކުރެވިދާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އެކީ މަނާކުރުމުގެ ގޮތުން ވަކި ތާރީހެއްގެ ފަހުން އުފަންވި އެންމެނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ވޭޕާއި އެއާ ގުޅުންހުރި ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވާފަ އެވެ. އެގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 24، 2024 އިން ފެށިގެން މަނާ ކުރުމަށާ ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
ރައީސްގެ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ވޭޕު މަނާކުރި ގޮތަށް ދުންފަތުގެ އެހެނިހެން ބާވަތްތައްވެސް މަނާކުރަންޖެހޭ ކަމަށެވެ. އެކަން ކުރުމުގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ 2022 ވަނަ އަހަރު ނިއުޒިލޭންޑުގައި ފާސްކުރި ގާނޫނެއްގެ ދަށުން އެ ގައުމުގައި އަލަށް އުފަންވާ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކުރުމެވެ.
އެ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތައް ދުންފަތުން ސަލާމަތްވާނެކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ ރާއްޖޭގައިވެސް ހަމަ އެ ބާވަތުގެ ގާނޫނެއް ވުޖޫދުކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލަައަށް ހައްލެއް ހޯދޭނެ ކަމަށެވެ.
އެގޮތުން 2026 ވަނަ އަހަރަށް 18 އަހަރު ނުފުރޭ އެއްވެސް މީހަކަށް ފަަހުންވެސް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން ގާނޫނަކުން މަނާކުރެވިދާނެ ކަމަށާއި، އެފަދައިން މަނާކޮށްފިނަމަ މިހާރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެކަން ކުރެވޭނެ ކަމަށާއި، އަލަށް އެކަން ފެށުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކުރެވިގެންދާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
އަދި މިފަދައިން ވަކި އުމުރެއްގެ ދަށުގެ މީހުންނަށް ދުންފަަތުގެ ބާވަތްތައް ފަހުންވެސް ވިއްކުން މަނާކުރުމަށްފަހު، މަރުހަލާތަކަކަށް ބަހާލައިގެން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުންވެސް އެކީ ކޮންޓުރޯލު ކުރެވިދާނެ ކަމުގައި އަޒާން ވިދާޅުވި އެވެ.