ޣަފޫރު ފިޔަވާ ދެން ތިއްބެވި މެންބަރުންގެ ވޯޓުން ނިންމީ މުރައިދޫގޭގެ މުވައްޒިފުންގެ މައުލޫމާތު ހާމަ ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު -- މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ހެނދުނު ނިންމި ނިންމުން ބާތިލުކޮށް މުވަައްޒިފުންގެ މައުލޫމާތު ހާމަކުރުމަށް ކޮމެޓީން ދެންމެ ނިންމައިފި އެވެ.
މިއަދު އޮތް ކޮމެޓީ ބައްދަލްވުމުގައި އެ ނިންމުން ނިންމީ މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހޯދަން އެކި ފަރާތްތަކުން އެދެމުންދާތީ އެކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅައިދިނުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަތުމުންނެވެ. އެގޮތަށް އެދިވަޑައިގަތީ އެފަދަ ބައެއް މައުލޫމާތުތަކުގެ ސަބަބުން އެމަނިކުފާނަށް ނުރައްކާވެދާނެ ކަމަށް ފެނިވަޑައިގަތުމުންނެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބުގެ ގެކޮޅުގެ މުވައްޒިފުންގެ އެފަދަ މައުލޫމާތުތައް ހާމަ ކޮށްފައިނުވާތީ އެވެ.
އެހެން ކަމުން ކޮމެޓީން ހެނދުނު ނިންމީ އެ މައުލޫމާތުތައް ސިއްރު ކުރުމަށެވެ. ނަމަވެސް އަލުން މިއަދު ހަވީރު ކޮމެޓީ އެއްވީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެ ނިންމުން ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން ކަމަށް ވެ އެވެ.
ކޮމެޓީ ފައްޓަވާ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ހެނދުނުގެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނާކަން ހާމަކުރައްވާ މެންބަރުންގެ މަޝްވަރާއަށް އެދިވަޑައިގެންފަ އެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ހުށައެޅުއްވީ އެދިފައިވާ ގޮތަށް މުރައިދޫގޭގެ މުވައްޒިފުންގެ މައުލޫމާތު ހާމަ ކުރުމަށެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ގާނޫނުގައި ބުނާ މިންވަރަށް ހުރިހާ އިދާރާއަކުން ވެސް މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. މި ސަރުކާރަކީ ކަންކަން ސިއްރު ނުުކުރާނެ ކަމަށް ވައުދުވަމުން އައި ސަރުކާރެއްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތެއް ނޫނީ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އިން މުސާރަ ދޭ މީހުންގެ އެފަދަ މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ހާއްސަކޮށް އެ މީހުންނަށް ލިބޭ މުސާރައާ އެތަންތަނުގައި ތިބޭ މުވައްޒިފުންގެ އަދަދު ހާމަކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މެންބަރު އަހްމަދު އަޒާން ވެސް ވިދާޅުވީ އެފަދަ މައުލޫމާތުތައް ސިއްރު ކުރެވިގެން ނުވާނެ ކަމަށެވެ. އަދި މުވައްޒިފުންގެ ނަމާއި އަދަދު ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ސަބަބެއް ނޫން ކަމަށެވެ.
ކޮމެޓީގަިއ ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކޮމެޓީ ކުރިއަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ހެނދުނުގެ ނިންމުން ދެން ބަދަލު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މުގައްރިރު ވިދާޅުވީ ކޮމެޓީގެ ނިންމުން ބަދަލު ކުރެވޭނެ ކަމަށެވެ. އެހެން ކަމުން ޣަފޫރު ފިޔަވާ ދެން ތިއްބެވި މެންބަރުންގެ ވޯޓުން ނިންމީ މުރައިދޫގޭގެ މުވައްޒިފުންގެ މައުލޫމާތު ހާމަ ކުރުމަށެވެ.